ފެބްރުއަރީ 7 ވަނަ ދުވަހު ރާއްޖެއަށް ގެނައި ބަޣާވާތާއި ބެހޭ ގޮތުން ރައީސް ނަޝީދުގެ ޑިފެންސް އެޑްވައިޒަރ އަމީން ފައިސަލް އާއި އެމަނިކުފާނުގެ ކެބިނެޓްގެ ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް “ސިފައިންނާއި ފުލުހުން ހިންގި ބަޣާވާތު”ގެ ނަމުގައި ނެރުއްވި ރިޕޯޓް އިންކުއިރީ ކޮމިޝަނަށާއި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އަހުމަދު މުއިއްޒުއަށް މިއަދު ހުށަހަޅުއްވައިފިއެވެ.
ޖިނާއީ ކުށެއް މީހަކު ނުވަތަ ބަޔަކު ކޮށްފިނަމަ އެކަމެއް ތަހުގީގުކުރުމުގެ އަމުރު ނެރުމުގެ ބާރު ޕީޖީއަށް ގާނޫނު އަސާސީން ލިބިދީފައިވީ ނަމަވެސް، ފެބްރުއަރީ 7 ވަނަ ދުވަހު ބައެއް ސިފައިންނާއި ފުލުހުންނާއި އާންމުންގެ ތެރެއިން ބަޔަކު ބޮޑެތި ޖިނާޢީ ކުށްތަކެއް ލައިވް މީޑިއާގެ ކުރިމަތީގައި ކޮށްފައިވީ ނަމަވެސް މިހާތަނަށް ވެސް އެއިން އެއްވެސް ފަރާތެއްގެ އަމަލު ދައުލަތުގެ އެއްވެސް މުޥައްސަސާ އަކުން ތަހުގީގުކޮށްފައެއް ނުވެއެވެ. އަދި މި ރިޕޯޓު ޕީޖީއަށް ހުށަހެޅުއްވީ ޕީޖީގެ ގާނޫނީ ވާޖިބު އަދާކުރުމަށް އެމަނިކުފާނަށް އެހީތެރިވެދެއްވުމަށެވެ.
އިންކުއިރީ ކޮމިޝަނުން އާންމުކޮށްފައިވާ ކަންހިނގި ގޮތުގެ ތަރުތީބާ ޚިލާފަށް ޖިނާއީ ބޮޑެތި ކުށްތައް ކޮށްފައިވާ ފަރާތްތަކާއި، އެ ފަރާތްތަކުން ހިންގި އަމަލުތަކުގެ ވަރަށް ތަފްސީލީ މައުލޫމާތު ހިމެނޭ އަމީން އަދި އަސްލަމްގެ ރިޕޯޓު އިންކިއުރީ ކޮމިޝަނަށް ހުށަހަޅުއްވާފައި ވަނީ އެ މިޝަނުން ނެރުނު ކަންހިނގައިދިޔަ ގޮތުގެ ތަރުތީބުގައި ވަރަށް ގިނަ ކަންތައްތަކެއް ނުހިމަނައި، އަދި ބައެއް ކަންތައް ތަކުގެ ތަރުތީބާއި ކަންހިނގިގޮތް ވަރަށް ބޮޑަށް އޮޅުވާލާފައިވާތީ އެވެ.
މި ރިޕޯޓް އިންކުއިރީ ކޮމިޝަނަށް ހުށަހެޅުއްވުމަށް ފަހު އަސްލަމް ވިދާޅުވީ މި ރިޕޯޓުގެ ސަބަބުން އިންކުއިރީ ކޮމިޝަނަށް ވަރަށް ފަސޭހަވާނޭ ކަމަށާއި، އަދި އިންކުއިރީ ކޮމިޝަނުގެ މަސައްކަތް ވަރަަށް ބާރަށްކޮށް ނިންމާލެވޭނޭ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.