ބަޣާވާތަކީ ކޮބައިކަން ބުނެދީބަލާށެވެ!

ފުނަމާ

ދިވެހި ބަސްފޮތުގައި “ބަޣާވާތް”, މިބަހުގެ މާނަލިޔެފައި އޮންނަނީ “ގާނޫނާއި ޚިލާފަށް ސަރުކާރު ބަދަލުކުރަން އުޅުން ” މިހެންނެވެ. އަދި ބަޣާވާތްކުރުން “މިބަހުގެ މާނައަކީ” ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލުކުރަން މަސައްކަތް ކުރުން”, މިއެވެ. ފެބުރުއަރީ 2012ގެ ފެބުރުއަރީ މަހުގެ 6، 7, މި ދެދުވަހު ހިނގި ހަމަނުޖެހުން ތަކާއި ގުޅިގެން ރާއްޖޭގެ ރައްޔިތުން ގާނޫނީ ގޮތުން އިންތިޚާބު ކޮށްފައިހުރި ރައީސުލް ޖުމްހޫރިއްޔާއަށް މަޖުބޫރުކޮށްގެން އެމަނިކުފާނުލައްވައި އިސްތިއުފާ ދެއްވައި ސަރުކާރު ބަދަލުވެގެން ދިޔަގޮތާމެދު މިގައުމުގެ އެއްބަޔަކު މިބުނަނީ އެއީ ބަޣާވާތަކުން ސަރުކާރު ބަދަލުކުރި ކުރުމެއް ކަމުގައެވެ. މިއަދު ސަރުކާރާއި ޙަވާލުވެ ތިބިހައި ބަޔަކު މިބުނަނީ އެއީ ބަޣާވާތެއް ނޫންކަމުގައެވެ.

މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ދިވެހިރާއްޖޭގައި އިންތިޚާބުކޮށްފައިވާ ރައީސުލް ޖުމްހޫރިއްޔާ ހިންގަމުން ގެންދިޔަ ސަރުކާރާ އިދިކޮޅަށް ބަޔަކު ނުކުމެ ފާޅުގައި “ސަރުކާރު ވައްޓާލާނެ ކަމަށް” ގޮވަމުންދިޔަ އަޑެއް ނާހަމު ހެއްޔެވެ؟ އަދި އޭގެ ކުރީންވެސް ހަމަ އެމީހުންގެ ދުލުން އެހެން ގޮވަމުން ގެންދިޔަ އަޑެއް ނާހަމަ ނާހަން ހެއްޔެވެ؟ ދަންނަ ބޭކަލުންނޭ ކިޔާބަޔަކު ނުކުމެ ސަރުކާރާ އިދިކޮޅަށް ރައްޔިތުން ނެރުމަށް މަސައްކަތް ކުރިކަން ނުދެނަ ހުރީމު ހެއްޔެވެ؟ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް ރައްޔިތުންނަށް ގޮވައި ހަޅޭއްލެވި ކަން ނުދަންނަ ދިވެއްސަކު އެބަހުރި ހެއްޔެވެ؟ މިކަންކަމަކީ ބަޣާވާތަކަށް މަގުފަހި ކުރުމަށް ނުވަތަ، ބަޣާވާތެއް ކުރުމަށް ކުރެވުނު މަސައްކަތްތަކެއް ނޫންހެއްޔެވެ؟ އެހެންވިއްޔާ ބަޣާވާތަކީ ކޮބައިހެއްޔެވެ؟ ބުނެދީބަލާށެވެ.

ޑިމޮކްރަސީގެ ހަމަތަކުގެ މަތީން ރައްޔިތުން އިންތިޚާބުކުރާ ސަރުކާރަކުން ރައްޔިތުން ހިންހަމަ ނުޖެހޭ ކަންތައްތަކެއް ކުރަމުން ގެންދާނަމަ، ނުވަތަ ރައްޔިތުންނަށް ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދައި ނުދެވޭނަމަ މުޒާހަރާ ކުރުމަކީ ރައްޔިތުންނަށް ލިބިގެންވާ ޙައްގެކެވެ. އަދި ރާއްޖޭގެ ގާނޫނު އަސާސީންވެސް ސުލްޙަވެރި ކަމާއެކު އެއްވެ އިޙްތިޖާޖު ކުރުމުގެ ޙައްގު ލިބިދީފައި އޮތުމުން އެކަން ކުރުމަކީ ކަނޑައެޅިފައިވާ މުއްދަތަކަށް އިންތިޚާބުކުރެވޭ ސަރުކާރެއް ޒިންމާދާރު ކުރުވުމަށް ރައްޔިތުންނަށް ލިބިދީފައި އޮންނަ ގާނޫނީ ޙައްގެއްކަން ކަށަވަރެވެ. ނަމަވެސް ފުލުހުންނާއި ސިފައިން ސަރުކާރާ އިދިކޮޅަށް ނުކުތުމަށް ގޮވާލުމާ، އެގޮތަށް ކަންކުރާ އެދެމުއައްސަސާގެ މީހުންނަށް ސަރުކާރުން ލިބޭ މުސާރައަށްވުރެ ބޮޑުމުސާރަ ދޭނެ ކަމުގައި ގޮވުމާ، ކަނޑައެޅިގެން ސަލާމަތީ ބާރުތަކުގެ މަރުކަޒުތަކުގައި ހަރުގަނޑު ވިއްދައިގެން ފާރުމަތީން އަރައި އެތަންތަން ހިފައި ސަރުކާރު ވައްޓާލަން ގޮވުމަކީ ބަޣާވާތެއް ގެނައުމަށް ރާވައި ހިންގޭ ކަންކަމެއް ނޫންބާވައެވެ؟ މިކަންކަމަކީ ބަޣާވާތެއް ކުރަން އުޅުންނޫން ކަމުގައިވާނަމަ ބުނެދީބަލާށެވެ. ބަޣާވާތަކީ އަޅެދެން ކޮބައި ހެއްޔެވެ؟

ރައްޔިތުން އިންތިޚާބުކުޅަ ރައީސުލް ޖުމްހޫރިއްޔާއެއް މަގާމުގައި ހުންނަވަނިކޮށް ގާނޫނީގޮތުން އެރައީސުލް ޖުމްހޫރިއްޔާ އޭނާއާއި ޙަވާލުކުޅަ މައްސޫލިއްޔަތެއް އަދާކުރުމަށް ގާނޫނު ލާޒިމުކުރާ ނާއިބުރައީސަކު ސަރުކާރު ވަށްޓާލަން މަގުމައްޗަށް ނުކުމެ ފާޅުގައި އެކަމަށް ގޮވަގޮވައި ތިބި ބަޔަކާ ސިއްރިއްޔާތުގައި ބައްދަލުކުރުމާ ވެރިކަމަށް ބައިޢަތު ހިއްޕުވުމާއި، އިސްލާމީ ގައުމެއްގެ ވަލިއްޔުލް އަމްރުގެ މަގާމުގައި ބޭފުޅަކު ހުންނަވަނިކޮށް އަދި އެފަރާތަކީ ރައްޔިތުންގެ ތަނަވަސް އަޣުލަބިއްޔަތަކުން އިންތިޚާބު ކޮށްފައިވާ ފަރާތަކަށް ވާހިނދު، އަދި އިސްލާމް ދީނުގައި ބުނެފައިވާ ފަދައިން ދީނުންބޭރުވެ މުރުތައްދު ނުވާހައި ހިނދަކު އެވަލީއުލް އަމްރު ދޫކޮށް އެހެންމީހަކަށް ވެރިކަމަށް ބައިޢަތު ހިފުމަކީ ބަޣާވާތެއް ގެނައުމަށް ރޭވިގެން ހިންގި ޢަމަލެއް ނޫންހެއްޔެވެ؟ ފަހެމިއީ ބަޣާވާތަކަށް ނުވާނަމަ ދެން ބަޣާވާތަކީ ކޮބައި ހެއްޔެވެ؟ ބުނެދީބަލާށެވެ.

ވެރިކަމުގައި ރައްޔިތުން އިންތިޚާބުކުޅަ ރައީސަކު ސައްޚަ ސަލާމަތުން ހުންނަވަނިކޮށް އޭނާގެ އަމުރުތަކާ ޚިލާފުވެ ފުލުހުންނާއި ސިފައިން އެމީހުންނަށް ގާނޫނުން ޙަވާލުކޮށްފައިވާ ޒިންމާތައް އަދާނުކުރުމަކީ ޢައިރު ގާނޫނީ ކަމެއް ނޫނޭ ބުނެވިދާނެ ހެއްޔެވެ؟ އެވެރިމީހާގެ ބަހެއްނެތި އެފުލުހުންނާއި ސިފައިންނަށް ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ ކުންފުންޏެއްގެ ދަށުން ހިންގަމުންއައިސް އައިސްހުރި ދައުލަތުގެ މީޑިޔާއެއް ހަތިޔާރުގެ ބޭނުންކޮށް ޙިސޯރުކޮށް އެތަނުގެ މުއައްޒަފުން ރަހީނުކުރުމުގެ ޙައްގު ލިބިދިނީ ކޮންގާނޫނެއްގެ ކޮންމާއްދާ އަކުން ހެއްޔެވެ؟ ރާއްޖޭގެ މައިދޮރާށި ކަމުގައިވާ އިމިގްރޭޝަންގެ ކޮންޓްރޯލު ނައިބުރައީސްގެ ޅިޔަނަކަށް ރައީސުލް ޖުމްހޫރިއްޔާގެ ބަހެއްނެތި ޙަވާލުކުރެވޭނެ ގޮތެއް އޮންނާނެ ހެއްޔެވެ؟ އެކަންކަން އެގޮތައް އެކުރީ ސަރުކާރު ވަށްޓާލުމަށް ބާރުދިނުމުގެ ގޮތުން ނޫންހެއްޔެވެ؟ ރައީސުލް ޖުމްހޫރިއްޔާއަކު މަގާމުގައި ހުންނަވަނިކޮށް އޭނާގެ ބަހެއްނެތި ނާއިބުރައީސަކަށް އެފަދަ އޯޑަރުތައް ނެރުމުގެ ބާރުލިބިދެނީ ކޮންގާނޫނަކަުން ހެއްޔެވެ؟ އެކުރި ކަންކަމަކީ ބަޣާވާތަކަށް ނުވާނަމަ އަޅެދެން ބުނެބަލާށެވެ. ބަޣާވާތް މިކިޔަނީ ކޮންކަމަކަށް ހެއްޔެވެ؟

ފުލުހުންނާއި، ސިފައިންގެ ގާނޫނުން އެ ދެ މުއައްސަސާގެ މީހުން ކުރުން މަނާކޮށްފައި އޮއްވައި ޔުނިފޯމުގައި ތިބެގެން ސަރުކާރާ އިދިކޮޅަށް މުޒާހަރާ ނުކުރޭ ހެއްޔެވެ؟ އެމީހުން އެހިންގި އަމަލުތައް އެއީ ގާނޫނާއި ޚިލާފަށް ކުރިކަންތައްތަކެއް ނޫންކަމުގައި ބުނެވޭނެ ހެއްޔެވެ؟ އެމީހުންނަށް ޔުނިފޯމުގައި ތިބެގެން މަގާމުގެ މައްސޫލިއްޔަތު އަދާ ނުކުރެވުނު ތާނގައި އެމީހުންގެ ކޮމާންޑަރ އިން ޗީފުގެ މަގާމުގައި ހުންނެވި ރައީސުލް ޖުމްހޫރިއްޔާގެ އިސްތިއުފާއަށް ގޮވުމާއި، އަމުރަށް ނުކިޔަމަންތެރިވުމާއި، އެ ދެ މުއައްސަސާގެ އިސްވެރީންނަށް ޖިސްމާނީ ގޮތުން ބޮޑެތި އަނިޔާތައް ދިނުމަކީ ގާނޫނުގެ ކޮންފަރާތެއްގައި ލިޔެވި ދީފައިވާ ޙައްގެއް ހެއްޔެވެ؟ އެކަންކަން އެގޮތަށް އެކުރީ ބަޣާވާތެއް ގެންނާކަށް ނޫންހެއްޔެވެ؟ ފުލުހުން ނުކުމެ އެމީހުން ފިޔަވައި އެހެން އެއްވެސް އާންމު ރައްޔިތަކަށް ބޭނުންކުރުން މަނާ ހަތިޔާރާއި އެހެނިހެން ތަކެތި ދީ ސަރުކާރު ވައްޓާލުމަށް ނުކުމެ އެތިބަ ބަޔަކާ ހަވާލު ކުރެވިދާނެ ހެއްޔެވެ؟ އެދެމުއްސަސާގެ ތެރެއިން ހަމަނުޖެހުމުގައި ބައިވެރިނުވާ އެހެން އެންމެންނަށް ފާޅުގައި އަނިޔާކުރުމާ ދައުލަތުގެ މުދަލަށާއި އިމާރާތްތަކަށް ގެއްލުން ދިނުމަކީ ކުރެވިދާނެ ކަމެއް ހެއްޔެވެ؟ ކޮންގާނޫނަކުން ހެއްޔެވެ؟ މިކަންކަން ނުކުރޭ ހެއްޔެވެ؟ އެހެންވީއިރު ދެންއެއީ ބަޣާވާތް ކުރުން ނޫންކަމުގައި ވާނަމަ އަޅެ ހެޔޮނުވާނެއެވެ. ބަޣާވާތަކީ ކޮބައިކަން ބުނެދީބަލާށެވެ.

ވެރިކަން ކުރާ ޕާޓީގެ ޖަގަހަޔަކަށް ވަދެ އެތަނުގައި އެވަގުތު ތިއްބެވި ސަރުކާރުގެ އެންމެ އިސްވެރީންގެ އެތައް ބަޔަކަށް އަނިޔާކޮށް ދުވަސް ދުއްވާލުމަކީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟ ރައްޔިތުން އިންތިޚާބުކޮށްފައިވާ ޕާލަމަންޓު މެންބަރުންގެ ގައިކޮޅަށް އަރައިގަނެ އަންހެން ބޭކަނބަލުންގެ ލަދުވެތި ގުނަވަންތަކަށް ދާންދެން އަތްލައި، އެންމެ ފަހުން އެވަރުން ނުވެގެން ލޮލަށް ލޭއަރުވާލުމަކީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟ މިދައުލަތުގެ އެންމެއިސް ވެރީން ކަމުގައިވާ ރައްޔިތުންގެ ތެރެއިން މީހެއްގެ އަންނައުނު ދަމައިގަނެ ބަރަހަނާ ކޮށްލުމަކީ ކޮންއިންސާނީ ހައްގަކުން ލިބިދީފައިވާ ބާރެއް ހެއްޔެވެ؟ ތިމަންނާމެންނީ “ވިލާ ފުލުހުންނާއި ، ސިފައިންނޭ ” ގޮވަމުން އެދުވަހު އެނުކުމެ ރައްޔިތުންނަށް އަނިޔާކުރި ސިފައިންނާއި ފުލުހުންނަކީ ދައުލަތުން މުސާރަ ހިފައިގެން، ދައުލަތުގެ ރަސްމީ ޔުނިފޯމުގައި ތިބިބައެއް ނޫންހެއްޔެވެ؟ އެހެން ކަމުގައި ވާނަމަ ރައީސުލް ޖުމްހޫރިއްޔާގެ އަމުރެއްނެތި އެމީހުން އެހިންގި އަމަލާ އޭގެސަބަބުން މަޖުބޫރުވެ އަދި، ޚާއްސަކޮށް ސަލާމަތީ ބާރުތަކުގެ މަރުކަޒަށް ސަރުކާރުން ހަވާލުނުކުރާ ވަޒީފާއެއް އަދާކުރުމަށް އާންމު ބަޔަކު ވަދެ އެދެތަނުގެ ކޮންޓްރޯލު އަމިއްލައަށް ނަގައި އޯޑަރުތައްނެރެ އެއްވެސް ޝަރުތަކާ ނުލައި ހަމަވަގުތުން ނުވަތަ ދެތިންގަޑި އިރުގެ ތެރޭގައި އިންތިޚާބުކޮށްފައިހުރި ރައީސުލް ޖުމްހޫރިއްޔާ އިސްތިއުފާ ދިނުމަށް މަޖުބޫރު ކުރުވުމީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟ އެހިނދުން ފެށިގެން ރައީސުލް ޖުމްހޫރިއްޔާ ރަހީނުކޮށް އެމީހުންގެ ބާރުގެ ދަށުގައި ބަހައްޓައި ދައުލަތުގެ އެންމެއިސް މުއައްސަސާތަކަށް ވެރިވެގަނެ އެހެދި ހެދުމަކީ ފަހެދެން ބަޣާވާތެއް ގެނައުން ނޫންކަމުގައި ވާނަމަ ދެންއަޅެ ބަޣާވާތަކީ ކޮބައިކަން ބުނެދީބަލާށެވެ.

މިއީ ދިވެހީންގެ ގައުމެވެ. ދިވެހީންގެ ތެރެއިން އެމްޑީޕީގައި ހިމެނޭ ފަންސާހަކަށް ހާސް މީހުން އެއްއަޑުން މިބުނަނީއެވެ. މިއީ ބަޣާވާތެކެވެ. އަހަރެމެންނަށް ތާއީދުކުރާ މީހުންގެ އަދަދުވެސް މަދެއް ނޫނެވެ. ވީއިރު ހިނގައިދިޔަ ކަންކަމާ ހިންގާފައިވާ ޖަރީމާތަކާއި ގޮވި ގޮވެލިތަކަށް ވިސްނާ ބަލާއިރު މިއަހަރުގެ ފެބުރުއަރީ 7 ވަނަ ދުވަހު މިގައުމުގެ މިހިނގަމުންދާ ރިޔާސީ ދައުރުގެ އިންތިޚާބީ ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އިސްތިއުފާ ދެއްވަން ބަޔަކު މަޖުބޫރުކުރީކަން އޮޅުމެއްނެތި އެބައެނގެއެވެ. އަދި އެކަމަށްޓަކައި އެކުރި ހުރިހައި ކަމަކީ ބަޣާވާތެއް ކަން އެބަޔަގީންވެއެވެ. މިއަދު މިގައުމުގެ ސަރުކާރާ ޙަވާލުވެ ވެރިންކަމުގައި ބުނަމުންގެންދާ އެންމެންނަކީވެސް ހަމަސީދާ ބާޣީންނޭ އަހަރެމެން ހަރުއަޑުން މިބުނަނީއެވެ. އެމީހުންނަކީ ބާޣީންނޫންކަމަށް އަދި އެމީހުން އެތިބީ ބަޣާވާތަކުން ވެރިކަން ވައްޓާލައި ދިވެހި ރައްޔިތުންނަށް ޚިޔާނާތްތެރިވެގެން ނޫންކަމުގައި ބުނާނަމަ ނިކަން ބުނެބަލާށެވެ. އެމީހުން އެހިންގި ކަންކަމަކީ ދުރާލައި ރާވައިގެން ހިންގި ބަޣާވާތެއް ކަމުގައި ނުވާނަމަ ޙައިރާން ހީވެއެވެ. ދެން ބަޣާވާތް މިކިޔަނީ ކޮންއެއްޗަކަށް ހެއްޔެވެ؟