ނޫސް ބަޔާން

ބ.މާޅޮހު އެމްޑީޕީ ގޮފީގެ ނޫސް ބަޔާން

1 ޖުލައި 2010

ރައްޔިތުންގެ މަޖިލީހުގެ ހިމެނިވަޑައިގަންނަވާ ޑީއާރުޕީ އާއި ޕީއޭ އަދި ބައެއް އަމިއްލަ މެންބަރުންގެ އަމަލުފުޅުތަކުގެ ސަބަބުން މިސަރުކާރުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ އިސްތިޢުފާ ދެއްވަން މަޖުބޫރުވެވަޑައިގަތުމަކީ މިގޮފީގެ ފަރާތުން ނުހަނު ކަންބޮޑުވެ އަދި ހިތާމަކުރާ ކަމެއް ކަމުގައި ދެންނެވީމެވެ.
ނަމަވެސް އެބޭފުޅުން އެނިންމެވި ނިންމެވުމަކީ ދުނިޔޭގެ ތާރީޚްގައިވެސް މިހާތަނަށް ސަރުކާރެއްގައި ހިމެނިވަޑައިގަންނަވާ އެންމެހާ ވަޒީރުން އެއްފަހަރާ އިސްތިޢުފާދެއްވި ފުރަތަމަ ފަހަރެވެ. މިއަމަލުގެ ސަބަބުން ދޭހަކޮށްދެނީ އެބޭފުޅުން މިޤައުމަށްޓަކައި ކުރެއްވި ވަރަށް އަގުހުރި އަދި ހިއްވަރުގަދަ، އަމިއްލަ އެދުމެއްނެތް ޢަމަލުފުޅުތަކެއް ކަމެވެ.
މިސަރުކާރުން ރައްޔިތުންނަށްޓަކައި ވެފައިވާ ވަޢުދުތައް ފުއްދަން ކަނޑައެޅިގެން ޑީއާރުޕީ އާއި ޕީއޭ އަދި ބައެއް އަމިއްލަ މެންބަރުންގެ ޢަމަލުފުޅުތަކުގެ ސަބަބުން ސަރުކާރު ހިންގުމަށް ދަތިވެ، އަދި ޤާނޫނު އަސާސީގެ ރޫޙާއި ޚިލާފަށް ޤާނޫނުތައް ފާސްކުރުމަކީ ދިވެހިރައްޔިތުން ނުހަނު ކަންބޮޑުވެ ވަޑައިގަންނަވާ ކަމެކެވެ.
ވީމާ ޑީއާރުޕީ އާއި ޕީއޭ އަދި ބައެއް އަމިއްލަ މެންބަރުންގެ ޢަމަލުފުޅުތަކުން ސަރުކާރު ހިންގުމަށް ދަތިވެ ޤާނޫނު އަސާސީގެ ރޫޙާ ޚިލާފަށް މަޖިލީހުގައި ޢަމަލު ކުރައްވާތީވެ މިގޮފީގެ ފަރާތުން މިޢަމަލު އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ. އަދި މިބޭފުޅުންގެ މިފަދަ ޢަމަލުތައް މިހާރުން މިހާރަށް ހުއްޓަވައިލެއްވުމަށް ބ.މާޅޮހު އެމްޑީޕީ ގޮފިން ގޮވާލަމެވެ.

ބަޔާން ނެރުނީ: ބ.މާޅޮހު އެމްޑީޕީ ގޮފި