ފިރާގަށް އެމްޑީޕީގެ ޗެއަރޕާސަން މަރުހަބާ ވިދާޅުވެއްޖެ

ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ 2 ބައި އިލެކްޝަންގެ ތެރެއިން އދ.ހަންޏާމީދޫ ކައުންސިލްގެ ބައި އިލެކްޝަން ކާމިޔާބުކުރެއްވި އެރަށު ޝަބްނަމީގޭ އަހުމަދު ފިރާގަށް އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ފިރާގު ހޯއްދެވި ކާމިޔާބީ ފާހަގަކޮށް މަރުހަބާ ވިދާޅުވަމުން މޫސަ ވިދާޅުވީ ހަންޏާމީދޫ އިން އެމްޑީޕީއަށް ލިބިފައިވަނީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި، އެ ކަމަށް ޓަކައި އިންތިޚާބު ކާމިޔާބުކުރެއްވި ފިރާގަށް މަރުހަބާ ވިދާޅުވާ ކަމަށެވެ. އަދި އެމްޑީޕީއަށް މި ގޮނޑި ކާމިޔާބުކޮށްދިނުމަށް މަސައްކަތް ކޮށްދެއްވި ހުރިހާ ފަރާތްތަކަށާއި، ޚާއްސަކޮށް ހަންޏާމީދޫގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވާ ކަމަށް ވިދާޅުވިއެވެ.

” ހަގީގަތުގައި މި ކާމިޔާބީން ރަމްޒުކޮށްދެނީ ހަންޏާމީދޫގެ ރައްޔިތުން ބަޣާވާތާއި ދެކޮޅު ކަމާއި، އެ ރައްޔިތުންނަކީ ސިޔާސީ ގޮތުން ވަރަށް ދުރުވިސްނޭ، ހިކުމަތްތެރިކަމާ އެކު ގޮތް ކަނޑައަޅާ ބައެއް ކަން. 2008 ގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން އަޅުގަނޑުމެންނަށް އެންމެ 9 ވޯޓު ލިބުނު ރަށަކުން އޭގެ ގާތްގަނޑަކަށް 3 އަހަރު ފަހުން 190 ވޯޓު ލިބުމަކީ ހަގީގަތުގައި ވެސް ވަރަށް ބޮޑު ކާމިޔާބީއެއް.” މޫސަ ވިދާޅުވިއެވެ. ” މި ކާމިޔާބީ ފާހަގަކޮށް އިންތިޚާބު ކާމިޔާބުކުރެއްވި ފިރާގަށް، އެމްޑީޕީގެ އިސްވެރިންނާއި މެންބަރުންގެ ނަމުގައި އަޅުގަނޑު މަރުހަބާ ދަންނަވަން. އަދި އެމްޑީޕީއަށް މި ގޮނޑި ކާމިޔާބުކޮށްދިނުމަށް މަސައްކަތްކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޚާއްސަކޮށް ހަންޏާމީދޫގެ ލޮބުވެތި ރައްޔިތުންނަށް ޝުކުރުދަންނަވަން”