ރައީސް ނަޝީދު އެމެރިކާއަށް ފުރާވަޑައިގެންފި
ރައީސް ނަޝީދު ނިއުޒީލޭންޑަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގަންނަވަނީ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު، އެމެރިކާއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

ރައީސް ނަޝީދު އެމެރިކާއަށް ކުރައްވާ މިދަތުރުފުޅުގައި ފުރަތަމަ ވަޑައިގަންނަވާނީ ވޮޝިންގޓަން ޑީސީ އަށެވެ. ވޮޝިންގޓަނަށް ވަޑައިގެން އެމެރިކާގެ ސެނެޓްގެ ފޮރިން ރިލޭޝަންސް ކޮމިޓީއާއި، އަދި މެދުއިރުމައްޗާއި އޭޝިއާ އަށް ކަނޑައަޅާފައިވާ އެ ކޮމިޓީގެ ސަބް ކޮމިޓީ އާއި ރައީސް ނަޝީދު ބައްދަލުކުރައްވާނެއެވެ. އަދި ޔޫއެސް އިންސްޓިޓިއުޓް އޮފް ޕީސް ގައި އެމަނިކުފާނު ތަގުރީރުކުރައްވާނެއެވެ. މީގެ އިތުރުން ޔޫއެސް ސްޓޭޓް ޑިޕަރޓްމެންޓްގެ އެސިސްޓެންޓް ސެކްރެޓަރީ ރޮބަރޓް ބްލޭކް އާއި، އިންޓަރނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓާއި ބައްދަލުކުރައްވާނެއެވެ. އަދި އެމްނެސްޓީ އިންޓަރނޭޝަނަލް އިން ސްޕޮންސަރކޮށްގެން ވޮޝިނަގްޓަން ގައި ސްކްރީން ކުރާ، ދި އައިލެންޑް ޕްރެޒިޑެންޓް ސްކްރީން ކުރުމުގެ ހަފްލާގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އެމްނެސްޓީ އިންޓަރނޭޝަނަލް އިން ބާއްވާ ވަށްމޭޒު މަޝްވަރާ ބައްދަލުވުމަކާއި، ނެޝަނަލް އެންޑޯވމަންޓް ފޯރ ޑިމޮކްރަސީ ބައްދަލުވުމުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ. އެއަށް ފަހު ބޮސްޓަން އާއި، ނިއުޔޯކަށް ވަޑައިގެން އެމެރިކާގެ ބައެއް އިސް ސިޔާސީ ފަރާތްތަކާއި ބައްދަލުކުރައްވައި، އަދި ތަފާތު އެކި މީޑިއާތަކަށް އިންޓަވިއު ދެއްވާނެއެވެ.

ރައީސް ނަޝީދު އެމެރިކާއަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އެއް ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް އާއި، އެމްޑީޕީގެ ޗެއަރޕާސަން ނައިބު (އިދާރީ) އަލީ ޝިޔާމްގެ އިތުރުން ރައީސް ނަޝީދުގެ ޕޮލިސީ ސެކްރެޓަރީ އަދި އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ރައީސާ އާމިނަތު ޝައުނާ ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މި ދަތުރުފުޅުގައި އެމެރިކާގެ މަޝްހޫރު މީޑިއާތައް ކަމަށްވާ ނިއުޔޯރކް ޓައިމްސް، ޓައިމް މެގަޒިން އަދި ސީއެންއެން އަށް ރައީސް ނަޝީދު ބަސްދީ ގަތުން ދެއްވާނެއެވެ. އަދި މާދަމާ ހެނދުނު 8 ޖަހާއިރު ފުރާވަޑައިގަތުމުގެ ކުރިން އެމަނިކުފާނު، ފޮރިންގއެފެއަރޒް ކުރިމަތިން އޮންނަ 4 ނަންބަރު ޖެޓީގައި ރާއްޖޭގެ ނޫސްވެރިންނާ ބައްދަލުކުރައްވާނެއެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް ނަޝީދު މާލެވަޑައިގަންނަވާނީ ޖުލައި 1 ވަނަ ދުވަހުއެވެ.