އިއްތިހާދަކީ މިރާއްޖޭގައި މަސައްކަތްކުރާ އެއްޗެއްނޫން ކަމަށާއި އެމްޑީޕީން ދެން އެއްވެސް ބަޔަކާ އެކު އިއްތިހާދު ނުވާނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

އިއްތިހާދަކީ މިރާއްޖޭގައި މަސައްކަތްކުރާ އެއްޗެއްނޫން ކަމަށާއި އެމްޑީޕީން ދެން އެއްވެސް ބަޔަކާ އެކު އިއްތިހާދު ނުވާނޭ ކަމަށް އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާންކުރުމަށް ރޭ އުސްފަސްގަނޑުގައި ބޭއްވި އެމްޑީޕީގެ ޚާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އިއްތިހާދަކީ މިރާއްޖޭގައި މަސައްކަތްކުރާ އެއްޗެއް ނޫންކަން އެމްޑީޕީ އިއްތިހާދުގެ ސަރުކާރުން ވެސް މިހާރުގެ ބާޣީ ސަރުކާރުން ވެސް ސާބިތުވާ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއަށް ބޭނުންވަނީ އެއްވެސް އިއްތިހާދެއްގައި ބައިވެރިވެފައިނުވާ، އަދި ރައްޔިތުންގެ ސީދާ ބައިވެރިވުމާއެކު އިންތިޚާބުކޮށްފައިވާ ވެރިއެއް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ބަޣާވާތްކޮށްގެން ވެރިކަމާ ހަވާލުވި 23 ޑިސެމްބަރު އިއްތިހާދަށް ވެސް އުޅެނީ ރަގަޅަށް މަސައްކަތް ނުކުރެވިގެން ކަމަށާއި، ” އެ އިއްތިހާދުގެ އެކެއް އަނެކަކަށް ރަތްމަހަކަށް ނުގޮވާހާ އެއްޗިހި އެބަ ގޮވާ” ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ދޮޅުމަހެއްހާ ދުވަހުގެ ކާޑަށް ވާވަރަށް ވެސް ދައުލަތުގެ މިލްކިއްޔާތުގައި ފައިސާ ހުރި ކަމާ ދޭތެރޭ ޝައްކު ކަމަށެވެ. އަދި ސަރުކާރުގެ ތެރޭގައި ޕާޓީތައް ގިނަވުމުގެ ސަބަބުން ސަރުކާރުގެ ތެރޭގައި ފިކުރުތައް އެކި ދިމާލަށް ދެމި، ސިޔާސަތުތައް މީޒާނުން ކައްސައިގެން ދާނޭ ކަމަށެވެ. އެހެން ކަމުން އެމްޑީޕީން ދެން އިއްތިހާދު ނުވާނޭ ކަމަށާއި، އެމްޑީޕީ އޮންނާނީ އެއް ޕާޓީއެއްގެ ގޮތުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
“އެމްޑީޕީއަކުން ދެން އިއްތިހާދެއް ނުވާނެ. އެމްޑީޕީ އޮންނާނީ އެއް ޕާޓީއެއްގެ ގޮތުގަ. ރީނދޫކުލައިގެ ތެރެއަށް އިތުރު ކުލަތަކެއް ލުމަށް އެމްޑީޕީ މެންބަރުން ނޭދޭކަން މި އިންތިޚާބުން ވެސް ހާމަވެގެން ހިނގައްޖެ. ނައިބު ރައީސަކީ ވެސް އެމްޑީޕީ މެންބަރަކަށް ވާން ޖެހޭ.” ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީ އިންތިޚާބުގައި ވޯޓުދިން އަދަދާއި ގުޅޭ ގޮތުން ވަރަށް ގިނަ ބަޔަކަށް ސިހުން ލިބިގެން ހިނގައްޖެ ކަމަށް ވެސް ރޭގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ” 31000 މެންބަރުން ނިކުމެ ވޯޓުދިނުމަކީ ވަރަށް ސާފު އިބާރާތުން އަޅުގަނޑުމެން ކުރިޔަށް މިގެންދާ ހަރަކާތްތައް އިތުރު ބާރަކާ އެކު ކުރިޔަށް ގެންދިއުމަށް އެދޭކަން ހާމަވި ކަމެއް،: ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނު ދިގު މުއްދަތަކަށް ޖަލަށްލާނޭ ކަމަށް ވިދާޅުވެ ބާޣީ ސަރުކާރުގެ ހޯމް މިނިސްޓަރުގެ މަގާމު އަދާކުރައްވަމުން ގެންދަވާ ޑރ. މުޙައްމަދު ޖަމީލު އަހުމަދު ދައްކަވަނީ “ހުސް ކާޓޫނު ވާހަކަތަކެއް” ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި އެމްޑީޕީގެ ޗެއަރޕާސަން ކަމަށް އިންތިޚާބުވެވަޑައިގެންނެވި ރީކޯ މޫސާ މަނިކާއި، ޗެއަރޕާސަން ނައިބު (އިދާރީ) ގެ މަގާމަށް އިންތިޚާބުވެވަޑައިގެންނެވި އަލީ ޝިޔާމް ވެސް ވާހަކަދެއްކެވިއެވެ. އަދި ބަޣާވާތް ގެނައި ފަރާތްތަކަށް ހައްގު އަދަބު ދިނުމަށް މަސައްކަތްކުރާނޭ ކަމަށް އެ ދެ ބޭފުޅުން ވެސް ވިދާޅުވިއެވެ.