އެމްޑީޕީގެ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކޮށްފި

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ދާއިމީ ނަތީޖާ މިރޭ އިއުލާން ކޮށްފިއެވެ.

މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާންކުރުމަށް މިރޭ އުސްފަސްގަނޑުގައި ބޭއްވި ޚާއްސަ ޖަލްސާ ގައި އިއުލާންކުރެއްވި ނަތީޖާ އާއި ވަގުތީ ނަތީޖާ ގައި އެއް ވެސް ތަފާތެއް ނެތުމުން ވަގުތީ ނަތީޖާ އިން އެކި މަގާމްތަކަށް ހޮވުނު ބޭފުޅުން އިންތިޚާބުވީ ކަމުގައި މިރޭ، އެމްޑީޕީގެ އިންތިޚާބާއި ބެހޭ ކޮމިޓީން ވަނީ އިއުލާންކޮށްފައެވެ.

އެ ގޮތުން ރިޔާސީ ކެންޑިޑޭޓަކަށް 31798 ވޯޓާ އެކު ވޯޓުގައި ބައިވެރިވި މީހުންގެ 98 އިންސައްތައިގެ ބޮޑު އަޤްލަބިއްޔަތެއް ހޯއްދަވައިގެން އިންތިޚާބުވެވަޑައިގެންނެވީ އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ. ވޯޓުލީ މީހުންގެ 92 އިންސައްތަ އަޤްލަބިއްޔަތާއެކު 29044 ވޯޓު ހޯއްދަވައިގެން އެމްޑީޕީގެ ޗެއަރޕާސަން ކަމުގެ މަގާމަށް އިންތިޚާބުވެވަޑައިގެންނެވީ ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއަރޕާސަންގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން އުފުއްލަވަމުން ގެންދެވި ރީކޯ މޫސާ މަނިކެވެ. ޗެއަރޕާސަން ނައިބު އިދާރީއަކަށް ހޮވިވަޑައިގެންނެވީ ކޮންގްރެސްގެ މެންބަރުންގެ ވޯޓުގެ ތެރެއިން 597 ވޯޓު ކާމިޔާބުކުރެއްވި އަލީ ޝިޔާމް އެވެ.

ދާއިރާތަކުގެ އިންތިޚާބަށް ބައލާއިރު ބާރަށު ދާއިރާގެ ނައިބު ރައީސް ކަމަށް އިންތިޚާބުވީ ހއ.ބާރަށް ގޯލްޑަން ހައުސް އަލީ ޝަމީމް އެވެ. ވެލިދޫ ދާއިރާގެ ރައީސް ކަމަށް އިންތިޚާބުވީ މާލޭ ދަފްތަރު ނަންބަރު 6981
ޢަބްދުﷲ މުޙައްމަދު އެވެ. ފޮނަދޫ ދާއިރާގެ ރައީސް ކަމަށް އިންތިޚާބުވީ ގ.ދޫރެސްވިލާ
މުޙައްމަދު ޒާހިރު (އޯކޭ ޒާހިރު) އެވެ. ވިލިނގިލީ ދާއިރާގެ ރައީސް ކަމަށް އިންތިޚާބުވީ ގއ.ކޮލަމާފުށީ އޯކިޑްވިލާ ޢަބްދުﷲ ތަސްލީމް ޢަބްދުލް ޙަކީމް އެވެ. މެދުހެންވޭރު ދާއިރާގެ ސެކްރެޓަރީ ކަމަށް ހ.ބޮކަރުމާގެ ހަސަން ފާރިޝް ރަޝީދު އެވެ. ހުޅުހެންވޭރު ދާއިރާގެ ސެކްރެޓަރީ ކަމަށް މ.ތަންތާރަ މަރިޔަމް ވަހީދާ އެވެ. ހުޅުހެންވޭރު ދާއިރާގެ ނައިބު ސެކްރެޓަރީ އަކަށް ހ.މާކޯޅިގެ ފާތިމަތު ނާޝިދާ އެވެ. އަދި މާފަންނު ދެކުނު ދާއިރާގެ ނައިބު ރައީސް އަކަށް މ.ތްރީލޭންޑްސް މުޙައްމަދު މައުމޫން އެވެ.

މިރޭގެ ޖަލްސާ ގައި އަލީ ޝިޔާމް އާއި ރީކޯ މޫސަގެ އިތުރުން ރައީސް ނަޝީދު ވެސް ވާހަކަފުޅުދެއްކެވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅު މައިގަނޑު ގޮތެއްގައި ބިނާކުރެއްވީ އިއްތިހާދު ހެދުމުގެ ސަބަބުން ސަރުކާރު ހިންގުމަށް ކުރިމަތިވާ ގިޮންޖެހުންތަކާއި ބެހޭ ގޮތުންނާއި، އޭގެ ސަބަބުން އާންމު ރައްޔިތުންނަށް ލިބޭ ގެއްލުމުގެ މައްޗަށެވެ. އަދި އެމްޑީޕީން ރިޔާސީ އިންތިޚާބުގައި އިއްތިހާދަކަށް ނުދާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.