އަޅުގަނޑު ފުލުސް އޮފީހަށް ހާޒިރުކުރީ ބަޣާވާތްކޮށްގެން ތިބި ބަޔަކު ފުލުހުންގެ މުޥައްސަސާގައި ވެސް އެބަތިބި ކަމަށް އަޅުގަނޑު ވަކާލާތުކުރާތީ – މާރިޔާ
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙުމަދު ދީދީ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފިއެވެ.
މާރިޔާގެ އަރިހުގައި ފުލުސް އޮފީހަށް ދާން ބޭނުން ކަމަށް ބުނެ އެމްޑީޕީއަށް ތާއީދުކުރާ ގިނަ އަދަދެއްގެ ބަޔަކު ވެސް ފުލުސް އޮފީސް ކައިރިއަށް އެއްވިއެވެ. މާރިޔާ އަޙުމަދު ދީދީގެ އަރިހުގައި ރައީސް ނަޝީދާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންނާއި، ރައީސް ނަޝީދުގެ ކެބިނެޓްގެ ބައެއް މެންބަރުން ވެސް ހިމެނިވަޑައިގަންނަވާ ގޮތުން ގިނަ ބަޔަކު މަޖިލިސް ކައިރިން ފެށިގެން ހިނގާފައި ފުލުހުންގެ މަރުކަޒަށް ދިޔައިރު ފުލުހުން ދިޔައީ ފުލުހުންގެ މައި މަރުކަޒު ކައިރީގައި ފޯރިމަރަމުންނެވެ.
އެއްވެ ތިބި އެމްޑީޕީގެ ސަޕޯޓަރުން ވަނީ ބަޣާވާތަށް ފަހު ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމު އަދާކުރައްވަމުން ގެންދަވާ ޢަބްދުﷲ ރިޔާޒުގެ އިސްތިއުފާއަށް ގޮވާފައެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ފުލުހުންވަނީ ޝީލްޑާއި މުގުރު ބޭނުންކޮށް އެމްޑީޕީގެ މެންބަރުން އެ ސަރަހައްދުން ދުރަށް ޖައްސާފައެވެ. އަދި ރައީސް ނަޝީދު ވެސް ވަނީ އެ ސަރަހައްދު ދޫކުރައްވައި ވަޑައިގެންފައެވެ.
އެއްވެ ތިބި އެމްޑީޕީގެ ސަޕޯޓަރުން ދުރަށް ޖެއްސުމުގައި ފުލުހުން އެކަށީގެންނުވާ ބާރުގެ ބޭނުންކޮށް، އެމްޑީޕީގެ ބައެއް ސަޕޯޓަރުންނަށް އަނިޔާވެ އެކަކު ހޮސްޕިޓަލަށް ގެންދަން ވެސް ޖެހުނެވެ.
ގާތްގަނޑަކަށް ދެ ގަޑިހެއްހާ އިރަށް ފަހު ފުލުހުންގެ މައި މަރުކަޒުން ނިކުމެވަޑައިގެން މާރިޔާ ވަނީ އެކަމަނާ ފުލުހުންނަށް ދިން ބަޔާން ނޫސް ވެރިންނާ ހިއްސާ ކުެރައްވާފައެވެ.
އެ ބަޔާނުގައި މާރިޔާ ވިދާޅުވެފައިވަނީ އެކަމަނާއާ ސުވާލުކުރަން ކަމަށް ބުނެ ފުލުސް އޮފީހަށް އެކަމަނާ ހާޒިރުކުރީ، އާންމުންގެ ހިތުގައި އެކަމަނާ އާއި މެދު ނަފްރަތު އުފެއްދުމަސާއި، ބަޣާވާތްކޮށްގެން ތިބި ބަޔަކު ފުލުހުންގެ މުޥައްސަސާގައި ވެސް އެބަތިބި ކަމަށް އެކަމަނާ ވަކާލާތުކުރައްވާތީ ކަމަށެވެ.