އެމްޑީޕީގެ ލީގަލް ޑައިރެކްޓަރ ކަމުގެ މަގާމަށް ހިސާން ހަމަޖައްސަވައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ލީގަލް ޑައިރެކްޓަރ ކަމުގެ މަގާމަށް މ.ނޫހިރި ހިސާން ހުސައިން ހަމަޖައްސަވައިފިއެވެ.

ހިސާން އަކީ އެމްޑީޕީގެ އޭދަފުށީ ދާއިރާގެ ރައީސާ އެވެ. އަދި ރައީސް ނަޝީދުގެ ލީގަލް އެފެއަރޒް ސެކްރެޓަރީ ކަން ކުރައްވައި، ވަގުތީ ކެބިނެޓް ސެކްރެޓަރީ ކަން ވެސް ހިސާން ވަނީ ކުރައްވާފައެވެ. މީގެ އިތުރުން އެމްޑީޕީގެ 3 ވަނަ ހިޔަނި ކެބިނެޓްގެ މިނިސްޓަރ ފޯރ ޖަސްޓިސްގެ މަގާމު ވެސް އޭނާ އަދާކުރެއްވިއެވެ.

ހިސާން ހުސައިން އަކީ އިނގިރޭސި ވިލާތުގެ ކާރޑިފް ޔުނިވަރސިޓީން ކޮމަރޝަލް ލޯ އިން މާސްޓަރސް ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

މުނައްވަރު އެންޑް އެސޯސިއޭޓް ލޯ ފާރމްގެ ޕާޓްނަރެއްގެ ގޮތުން ވެސް ހިސާން މަސައްކަތް ކުރެއްވިއެވެ. ހިސާން ގެންދަވަނީ އެމްޑީޕީގެ ލީގަލް ޓީމް ގައި ވެސް ވަރަށް އިސް ދައުރެއް އަދާކުރައްވަމަުންނެވެ.