މާރިޔާ ދީދީއާ މިއަދު ޕޮލިހުން ސުވާލުކުރަނީ

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ އާއި ފުލުހުން މިއަދު ސުވާލުކުރާނެއެވެ.

އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހިންގާ އުސްފަސްގަނޑު ރޫޅާލުމާއި ގުޅިގެން ފުލުހުންނާއި އެމްޑީޕީގެ ސަޕޯޓަރުންނާއި ދެމެދު ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ކަމަށް ބުނެ މިއަދު 2.30 ގައި، ފުލުހުން އެމްޑީޕީގެ މަންމަގެ ނަމުން މަޝްހޫރުވެފައިވާ އެ ޕާޓީގެ ކުރީގެ ޗެއަރޕާސަން މާރިޔާ އާއި ސުވާލުކުރާއިރު، އެމްޑީޕީން ރޭ ވަނީ ފުލުހުންގެ މި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ފަދަ، ބަޣާވާތާއި ދެކޮޅަށް ކެރިވަޑައިގެން ވަކާލާތު ކުރައްވަމުން ގެންދަވާ ފަރާތްތައް، ފުލުހަށް ހާޒިރުކުރުމަށް ބާޣީ ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަކީ، ފުލުހުންނާއި ސިފައިންގެ ބައިވެރިވުމާއެކު ފެބްރުއަރީ 7 ވަނަ ދުވަހު ގެނެސްފައިވާ ބަޣާވާތުގެ ވާހަކަދައްކާ ފަރާތްތަކާއި، އެ ބަޣާވާތާއި ބެހޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް، ހުޅުވިފައިވާ މާހައުލެއްގައި އެފަދަ ވާހަކަތައް މިނިވަންކަމާއެކު ދެއްކުމުގެ ފުރުސަތު ހަނިކުރުމަށް ބާޣީ ސަރުކާރުން ރާވައިގެން ހިންގާ ފިނޑި އަމަލެއް ކަމުގައި ދެކޭ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެއެވެ.

ފުލުހުން މާރިޔާ އާއި ސުވާލުކުރަން ނިންމާފައިވާ އިރު، މި ދަނޑިވަޅަކީ ކުރީގެ ނައިބު ރައީސް ޑރ.މުޙަންމަދު ވަޙީދު ޙަސަން މަނިކު ބަޣާވާތުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭފަދަ ހެކިތަކެއް ހުރުމާއެކު ޑރ.މުޙައްމަދު ވަޙީދު ހަސަން މަނިކުގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އަޙުމަދު މުއިއްޒަށް މަރިޔާ އިލްތިމާސްކުރައްވައި، ޚާއްސަ ރިޕޯޓެއް ނެރުއްވާފައިވާ ދަނޑިވަޅެއްކަން ފާހަގަކުރެވެއެވެ.