ޤައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުން ކޮންމެ އަންގާރަ ދުވަހަކު ބޭއްވުމަށް ނިންމައިފި

އެމް.ޑީ.ޕީގެ ޤައުމީ ހިންގާ ކޮމީޓީގެ ބައްދަލުވުމެއް ކޮންމެ ހަފްތާއެއްގެ އަންގާރަ ދުވަހެއްގެ 3 ޖަހާއިރު ބޭއްވުމަށް ޤައުމީ ހިންގާކޮމިޓީއިން ނިންމައިފިއެވެ. މިގޮތަށް ނިންމީ މިއަދު 3 ޖެހިއިރު ބޭއްވުނު ޤައުމީ ހިންގާކޮމިޓީގެ 112 ވަނަ ބައްދަލުވުމުގައެވެ. މި އަދުގެ ޖަލްސާގެ އެޖެންޑާގެ 2 ވަނަ އައިޓަމްގައިވާ ޤައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމެއް ކޮންމެ ހަފަތާއަކު އެއްފަހަރުބޭއްވުމަށް ހުށައަޅާފައިވާ ހުށައެޅުމަށް މެމްބަރުން ބަހުސްކޮށް 26 މެމްބަރުންގެ ތާއީދާއިއެކު ފާސްކޮށްފައިވަނީ ކޮންމެ ހަފްތާއެއްގެ އަންގާރަ ދުވަހު 3 ޖަހާއިރު ޖަލްސާބޭއްވުމަށެވެ.

އެމް.ޑީ.ޕީގެ އެންމެ އިސްލީޑަރ އަދި މިދިއަ ހޮނިހިރުދުވަހު ބޭއްވުނު ރިޔާސީ ޕްރއިމަރީއިން ތަނަވަސް އަޤްލަބިއްޔަތަކުން ރިޔާސީ ކެންޑިޑޭޑަކަށް އިންތިޚާބްކުރެވިފައިވާ ރައީސް މުޙައްމަދު ނަޝީދު ރިޔާސަތު ބެލެހެއްޓެވި މިއަދުގެ ބައްދަލުވުމުގައި އިތުރު 2 ޤަރާރެއް ވެސްވަނީ ފާސްކޮށްފައެވެ. މިގޮތުން ރައްޔިތުންގެ މަޖްލިސްގެ މަނަދޫ ދާއިރާގެ މެމްބަރ މުޙައްމަދު ތޯރިޤް ހުށައަޅުއްވާ ދިއްދޫ ދާއިރާގެ މެމްބަރ އަޙުމަދު ސަމީރު ތާއީދު ކުރެއްވި ޤަރާރުގައިވަނީ “ކުރިޔަށްއޮތް ރިޔާސީ އިންތިޚާބްގައި އެމް.ޑީ.ޕީ ގެފަރާތުން ވާދަކުރައްވާ ރިޔާސީ ކެނޑިޑޭޓަކު އިންތިޚާބްކޮށްފައިވީ ހިނދު ރިޔާސީ އިންތިޚާބްގެ ކެމްޕޭންކުރެއްވުމުގައި އެވަގުތެއްގައި ކުރައްވަންޖެހިވަޑައިގަންނަވާ އެންމެހާ ކަންތައްތައްކުރެއްވުމާއި އެފަދަމަސައްކަތްޕުޅުތަކަށް މަގުފަހިވާގޮތަށް ކޮމިޓީތައްހައްދަވައި މަސައްކަތްޕުޅުކުރެއްވުމުގެ އިޚްތިޔާރު ރިޔާސީ ކެނޑީޑޭޓަށް އެރުވުމާއިއެކު އެފަދަމަސައްކަތްޕުޅުތަކުގެ މަޢުލޫމާތު ޤައުމީ ހިންގާ ކޮމިޓީއަށާއި ޤައުމީ މަޖްލީހަށް އެރުވުމަށެވެ.” މިޤަރާޜު ފާސްވެފައިވަނީ ޙާޒިރުވެވަޑައިގެން ތިއްބެވި 28 މެމްބަރުންގެ އިއްތިފާގުންނެވެ.

ދެވަނައަށް ފާސްކުރެވުނު ޤާރާރު ހުށައަޅުއްވާފއިވަނީ ސެކްރެޓެރީ ޖެނެރަލްގެ ނައިބު އަޙުމަދު އަކުރަމް އަދި ތާޢީދު ކުރައްވާފައިވަނީ މާފަންނު އުތުރުދާއިރާގެ މެމްބަރ އަދި އެމް.ޑީ.ޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީއެވެ. މިޤަރާރުގައި ވަނީ “މި ޕާޓީގެ ނައިބްރައީސް ޤައުމީ މަޖްލީހުގެ 112 ވަނަ ބައްދަލުވުމުގައި އެމަޤާމުން ވަކިކުރުމާއިގުޅިގެން މި ޕާޓީގެ ފިޔަވަޅުއަޅާ ކޮމިޓީގެ ރިޔާސަތު ބަލަހައްޓާނެ ފަރާތެއް މިވަގުތު ނެތުމުން ފިޔަވަޅުއަޅާކޮމިޓީ ކުރިއަށްނުގެންދެވިފައިވާތީ،ޕާޓީގެ ނައިބްރައީސެއް އިންތިޚާބްކުރެވެންދެން ފިޔަވަޅުއަޅާކޮމިޓީގައި މިހާރުތިބި މެމްބަރުންގެ ތެރެއިން އެމެމްބަރުން ކަނޑައަޅާ ފަރާތަކުން ރިޔާސަތު ބަލަހައްޓާގޮތައް މިޕާޓީގެ ޤައުމީ ހިންގާ ކޮމިޓީން ނިންމަމެވެ.” މި ޤަރާރުވެސް ފާސްވެފައިވަނީ ޙާޒިރުވެވަޑައިގެން ތިއްބެވި 28 މެމްބަރުންގެ އިއްތިފާޤުންނެވެ.

މިއަދުގެ ޖަލްސާގައި އިތުރަށް މަޝްވަރާކުރެވުނު ކަންތަކުގެ ތެރޭގައި ޕާޓީގެ މެމްބަރޝިޕްކަންތައް ހަރުދަނާކުރުމަށް ކުރެވޭނެ ކަންތަކާއި، ޕާޓީގެ ޙަރަކާތްތައް އަޠޮޅޮތަކުގައި ފުޅާކުރުމާއި ޕާޓީގެ އޮފީހެއް ކޮލޮމްބޯ އަދި ޓްރިވެންޑްރަމްގައި ބެހެއްޓުމާއި ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ. އެމް.ޑީ.ޕީގެ ޤައުމީ ހިންގާކޮމިޓީ އެކުލެވިގެންވަނީ ޕާޓީގެ ލީޑަރޝިޕްގެ އިތުރުން ޕާޓީގެ ކެބިނެޓް މެމްބަރުންނާއި ، ޕާޓީއަށްނިސްބަތްވާ ރައްޔިތުންމަޖްލިހުގެ މެމްބަރުންނާއި އަމީން ޢާއްމު އަދި އަމީންޢާއްމުގެ ނައިބެވެ.