ބާޣީންނާއި ކުރިމަތިލުމަށް އަހަރެމެން މިތައްޔާރުވީއެވެ

ފުނަމާ

މިގައުމުގެ ފަހުގެ ތާރީޚުގައި އުފެދުނު އެންމެ ނުބައި ނުލަފާ ޚާއިނުން ކަމުގައި ބެލެވޭ ، މިހާރުގެ ބާޣީ ސަރުކާރުގައި އެތިބަ ބާޣީ އިއްތިޙާދާއި ކުރިމަތިލުމަށް އަހަރެމެން ނުކުމެ މިތިބީ އެމީހުންނަކީ ކިހާވަރެއްގެ އަނިޔާވެރި، ލާއިންސާނީ ބައެއްކަން އެނގިތިބެއެވެ. އެމީހުންނާއި އިދިކޮޅަށް ބަހެއްބުނާ ކޮންމެ މީހަކު ކަތިލައި ލުމަށްވެސް އެމީހުންގެ ތެރެއިން ގުންޑާއިން ނެރެ ވަގުތެއް ލިބޭތޯ ބަލަމުން ގެންދާކަން އަހަރެމެން ދަންނަމެވެ. ގާނޫނަކަށް، އިންސާފަކަށް އެމީހުން ބޯނުލަނބާނެކަން އަހަރެމެންނަށް އެނގެއެވެ.

ރައްޔިތުންގެ ވެރިކަމެއް ބަޣާވާތަކުން ފޭރިގަތް ބަޔަކީ ކިހާވަރެއްގެ ހިޔަޅު އަދި ކޮންފަދަ ބޮޑު ޖަރީމާއެއް ހިންގި ބައެއް ހެއްޔެވެ؟ މިއީ ރައްޔިތުންގެ ވެރިކަމެއް ހިންގަމުން ގެންދިޔަ ގައުމެކެވެ. އެރައްޔިތުންގެ ހައްގުގައި މެދުނުކެނޑި ޚިދުމަތް ކުރަމުންގެންދެވި، ރައްޔިތުން އާނާދެކެ ލޯބިވާ، އަދި އޭނާ ރައްޔިތުންދެކެ އިންތިހާއަށް ލޯބިވާ ވެރިޔަކު މިގައުމުގައި ހުންނެވިއެވެ. ނަމަވެސް ވެރިކަމުގެ ފަރާތުން ރައްޔިތުންނަށް ދެމުންގެންދިޔަ ޚިދުމަތްތަކާއި، ގައުމަށް ކުރުމުއްދަތެއްގެ ތެރޭގައި ގެންނަމުން ގެންދިޔަ ކުރިއެރުންތައް ފެނިގެން ހިތައް ކުޅަދާނަ ނުވެފައި ތިބި ޣައިރަތްތެރި ، އަނިޔާވެރި، ފިތުނަވެރީން އެއްވެ އެމީހުންގެ އަމުރުވެރިކަން ހިނގި ދިގުމުއްދަތުގައި މިފަދަ ކާމިޔާބީތަކެއް ރައްޔިތުންނަށް ދެއްކިފައި ނުވާތީވެ ، ލަގޮނޑީގައި އަޅާ ވޭނުން ކެއްނުވެ އެންމެ ފަހުން ވެރިކަމުގައި ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް ލިބިވަޑައިގެން ހުންނެވި ވެރިޔާ ވެރިކަމުން ދުރުކޮށް އެވަރުން ނުވެގެން ޝަހީދު ކޮށްލަންވެސް ރޭވީއެވެ. އެކަމަށް މަސައްކަތްވެސް ކުރިއެވެ. ނަމަވެސް ރައްޔިތުންގެ ލޯތްބާއި ހެޔޮދުޢާތައް ރައީސް ނަޝީދުއާ އެކުގައި ވާތީވެ ﷲގެ މިންވަރުފުޅުން އެކަން މިއަދާ ހަމަޔަށް އަދި ނުވެ އޮތީއެވެ. މިހާރުވެސް އެކަމަށް މަސައްކަތްތަކެއް އެގެންދަނީ ކުރަމުންނެވެ.

ވެރިކަން ބަޣާވާތަކުން ބަދަލު ކުރުމަށްފަހު ، ބަޣާވާތް ކުރުމަށް ރޭވި އިސް މީހުންނާއި އެމީހުންނަށް އެހީތެރިވެދިން ފުލުހުންނާއި ސިފައިންނާޢި ، އެމީހުންނަށް ރިޝްވަތުދިން ކަމުގައި ބުނެވޭ މަހުޖަނުންނާއި ، އިސްލާމް ދީނާއި ޚިލާފަށް ވެރިކަމުގެ ދަހިވެތި ކަމުގައި ނުކުމެ ކުފުރުގެ ހައްދާއި ހަމަޔަށް ގާތްވެގަތް ތުނބުޅިލީ ” ފަހަރި ޝޭޚުން ” އެންމެން ވެގެން އިއްތިޙާދެއް ހަދައި އެންމެންނަކީވެސް ބާޣީން ކަމުގައި އެތިބީ އަމިއްލަޔަށް އިޢުލާނު ކޮށްގެންނެވެ. އެމީހުން ބުނަނީވެސް ބާޣީންނޭ އެމީހުންނާއި ދިމާލަށް ދިވެހި ރައްޔިތުން ގޮވާތީވެ ފަޚުރު ވެރިވާ ކަމުގައެވެ. މިޔަށްވުރެ ގޮތެއް ނެތް ބަޔަކު މިދުނިޔޭގައި އުޅޭވާހަކަ އެހީމުހެއްޔެވެ؟

މިއަދު މިގައުމުގައި ވެރިވެގަނެގެން މިތިބަ މީހުންނަކީ އެމީހުންގެ ކިބައިގައި ލަދެއް ޙަޔާތެއްގެ ކަންފުޅެއްވެސް އަމުދުންނެތް ، މުޅީން މަގުފުރެދި ގެއްލިފައި ތިބި ބައެކެވެ. ސަރުކާރެކޭ ކިޔައިގެން އެމީހުން އެހިންގަނީ މުޖުރިމުންގެ ގޭންގެކެވެ. އެމީހުންގެ އަތްތަކާއި މުގުރުތަކާއި ، ބަޑިތަކުގެ ކުރިމަތީގައި މިގައުމުގެ އެންމެހައި މިނިވަން މުއައްސަސާތަކާއި ޖޫޑިޝަރީ މިވަނީ ބަނދެވިފައެވެ. ކޮންމެ ގޮތަކުންވެސް ވެރިކަމުގައި ގަދަފައި ވިއްދައިގެން ތިބުމަކީ އެމީހުންނަށް ކޮންމެހެން ބޭނުން ކަމެކެވެ. ވާނީވެސް އެހެންތާއެވެ؟ މާދަމާވެސް އެމީހުންގެ އާރާއި ބާރު ގެއްލިއްޖެނަމަ އެމީހުންގެ މައްޗަށް ރައްޔިތުން ޖެހިގަންނާނެއެވެ. ނިގުޅައިގަތް ރައްޔިތުންގެ ޙައްގުތަކުގެ ބަދަލުގައި އެމީހުންގެ މައްޗަށް ރައްޔިތުން ދަޢުވާ އުފުލާނެއެވެ. އަދި ޢިބުރަތުން ފުރިގެންވާ ގޮތެއްގައި އެމީހުންނަށް ޙައްގުވާ އަދަބުތައް ދިނުމަށް ރައްޔިތުން އަވަސްވެ ގަންނާނެއެވެ. މިކަން ބާޣީންނަށް އެނގޭހިނދު އެންމެހައި ރައްޔިތުން މަރައިގެން ނަމަވެސް ވެރިކަމުގައި ބަގުޑި ބައްދައިގެން ތިބެން އެމީހުން ބޭނުންވާނެއެވެ. އެކަމަކު ދުނިޔޭގެ ލޯތަކަށް ޢާންމުވާނެހެން އެހެރަ އެހެރަ ކަންކަން ކުރުމަށް ޚޮދު އެމީހުންގެ ތެރެއިންވެސް ބަޔަކު އެއްބަސްނުވެ ތިބޭނެތާއެވެ. އިންސާނުން ލަދުހަޔާތް ކެނޑި ދެފުށުއެޅުނަސް ޖަނަވާރަށްވުރެ ސަހަލުވެސް ވާނެކަމުގައި ގަބޫލުކުރާންވެސް ޖެހެއެވެ. މިއަދު އެމީހުންގެ ތެރެއިން ގިނަބަޔަކުވެސް އުޅޭގޮތުން ހީވަނީ ހޭވުނު ހަޑީގެ ސަބަބުން ބިރުން ލަދުން އުޅޭހެންނެވެ.

ތިމާމެންނަށް މިވަނީ ކިހިނެއްކަން ނޭނގި ، ނުވަތަ މަޖުބޫެރު ޙާލަތެއްގައި ތިބެގެން ކުރެވޭ ކަންކަމާ ބައެއްފަހަރު ޖެހިލުންވެ ބިރުވެސް ގަންނާނެއެވެ. މިއަދު ވެގެން މިއުޅެނީ އެފަދަ ގޮތެކެވެ. ފޮރުވޭނެ ކަމުގައި ޔަގީންކުރި ބޮޑެތި ޖަރީމާތައް ފަޅާއަރައި ބޭޒާރުވެ އެންމެން އޮރިޔާންވީއެވެ. ހެދިހައި ދޮގުތައް އިދިކޮޅަށްޖެހި ބާޣީންގެ ސޯޓު ބޭލުނީއެވެ. ރައްޔިތުންގެ ލެޔަށް ފެންބޮވާފައިތިބި ބާޣީ ލަޝްކަރުގެ ތެރޭގައި އެކަމާ ސީދާ ބަހުން އިދިކޮޅު ހަދާ މީހުން ތިބިކަން ޔަގީންވެ އެނގުނީއެވެ. ތިމަންނާމެންގެ އަމިއްލަ އޮރިޔާން މެންދުރުގެ އަވީގެ ތެރޭގައި ހަނާވެދާކަން މިހާރު އެއަނިޔާވެރި، މުޖުރިމުން ކަމުގައިވާ ބާޣީންނަށް އެނގި ޔަގީން ވެއްޖެއެވެ.

ބާޣީ ޣާއިނުންނާއި އިދިކޮޅަށް އަހަރެމެން ނުކުމެ މިތިބީ ފިސާރި ކެރިގެން ކަމުން އަހަރެމެންގެ ސަފުތައް ރޫޅާލައި ސުންނާފަތި ކޮއްލުމުގެ ބޭނުމުގައި އަހަރެމެންގެ ތެރޭގައި ތިބި ދަތްތަކުގައި ރިޝްވަތުގެ ކުލަ އުނގުޅިފައިވާ ބަޔަކު ހޯދައިގެން އަހަރެމެންގެ ބައިގެ ތެރެއިން ބަޔަކު އެމީހުންނަށް ނޭނގިވާ ޙާލު ބާޣީ އިއްތިހާދުގައި ހިމެނޭ ގޭންގު ތަކަށް ނަން ބަދަލު ކޮށްލައިފިއެވެ. މިމަހުގެ 16ވަނަ ދުވަހު ބޭއްވުނު އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލުމަށް ޕާޓިއަށް ހެޔޮއެދޭ ކިތަންމެ މެންބަރަކު ދިޔައިރު އެމީހުންގެ ނަންތައް އެވަނީ ކޮށާލައި ބާޣީންގެ އޮޅީގެ ތެރޭގައި ހިމަނާފައެވެ. މިކަމުގައި ބަޣާވާތަކުން މިޕާޓީގެ ވެރިކަން ފެލާލާށާ ، އޭގެ ފަހުންވެސް މަސައްކަތް ކުރިއިރު ބާޣީންނާއި ސިއްރުން ބައިޢަތު ހިފައިގެންތިބި އަމިއްލަ އެދުމުން ފުރިގެން މިޕާޓީގެ އިސްސަފުގައި ޙަރަކާތްތެރިވި މަދުބަޔަކު ތިބިކަން މިއަދުމިވަނީ ، ޝައްކުފިލައި ޔަގީންވެފައެވެ. އެހެންނޫންނަމަ އެފަދަ މީހުން އޮޑިއަޑިޔަށް ދިޔައިމާ ފުންމާލާ މީދާފަދައިން ދުވެފިލައި އެހެން ދިމަދިމާލަކަށް ނުދިޔައީހެވެ. އެމީހުންނަށް މިޕާޓީން ކޮށްދިން ޚިދުމަތްތަކުގެ އަގުވަޒަން ކުރީހެވެ. އެމީހުންގެ ނަމާއި ޝަރަފާއި ، އަބުރު އުފުލުމުގައި މިޕާޓީން ނުފޮރަޅަނީ ކޮންގާބުރިއެއް ހެއްޔެވެ؟ އެކަމަކު ޖާހިލުންގެ ސިކުނޑިއަކަށް މިއިން އެއްވެސް ކަމެއް ނުވަންނާނެކަމުން އެމީހުން އެތިބީ އެމީހުންގެ އަސްލު ހުތުރު ސިފަ އެންމެންނަށް ދައްކައިގެންނެވެ.

މިނުބައި ނުލަފާ ޚާއިނު ބާޣީންނާއި ކުރިމަތިލުމަށް އެންމެ ފުރަތަމަ ދުވަހުވެސް އަހަރެމެން މިތިބީ އެއްސަފެއްގައި ބަދަހިކަމާއެކު ނުކުމެއެވެ. އެކަމަކު އަހަރެމެންނަކީ މިގައުމުގެ މިއަދުގެ ގާނޫނުއަސާސީގެ މަފްހޫމްތައް ފުރިހަމަޔަށް އެނގޭ އެއަށް އިޙުތިރާމު ކުރާ ، ދުނިޔޭގައި މިއަަދު އެންމެ މަގުބޫލު ޑިމޮކްރެޓިކް ހަމަތައް ދަންނަ ބަޔަކީމުއެވެ. ވަގުތު އަންނަކަން އެނގި ފުރިހަމަޔަށް ތައްޔާރުވުމަކީ އަހަރެމެން އަބަދުވެސް އެންމެ މުހިންމުކަންދޭ ކަމެކެވެ. އަހަރެމެންނަށް ހަމައެކަނި އޮޅުނީ ނުވަތަ ގަބޫލުކުރަން އުނދަގޫވީ ﷲގަންދީ ހުވާކޮށް މިގައުމާއި ރައްޔިތުންގެ ދިފާޢުގައި ތިބި އަހަރެމެން މީގެކުރީން އެމީހުންގެ މައްޗަށް ފަޚުރުވެރިވާ ފުލުހުންނާއި ސިފައިންގެ ތެރެއިން މަދުބަޔަކު ނަމަވެސް މިގައުމާއި ރައްޔިތުންނަށް ޚިޔާނާތްތެރިވެ ރިޝްވަތަށާއި މަގާމަށްޓަކައި އެމީހުންގެ ހިތްތައް މަގުފުރެއްދި ދާނެކަމެވެ. ނަމަވެސް މިގައުމުގެ ވެރިކަން ދެތިން ސަތޭކަ ބާޣީންނަށް ވަށްޓާލެވުނީ ހަމަޔަގީނުންވެސް ސިފައިންނާއި ފުލުހުން އެމީހުންނަށް ވިކިގެން ހަތިޔާރު ހިފައިގެން ނުކުމެ މިގައުމުގެ ރައްޔިތުން އިންތިޚާބުކޮށްފއިވާ ރައީސުލް ޖުމްހޫރިއްޔާގެ އިތުރުން އެމީހުންގެ އެންމެ އިސްވެރިޔާއަށާއި ، ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ޣައްދާރު ވުމުގެ ސަބަބުންނެވެ. އެހެންނޫންނަމަ މިގައުމުގެ ވެރިކަން މިލުޓޭރުންގެ އަތްމަތީގައި އެންމެ ހިނދު ކޮޅަކަށް ނަމަވެސް ނޯތީހެވެ.

މިމަހުގެ 16ވަނަ ދުވަހު އަހަރެމެން މިނިންމީ ނިންމުމެކެވެ. އަހަރެމެންގެ ދަހަނާތައް ވަރުވަނީ ކޮންބައެއްގެ ގަޔަށްތޯ ބަލައި ނިންމީއެވެ. މިޕާޓީގެ އެންމެ އިސް ލީޑަރެއްގެ ގޮތުގައި ހުންނަވާނީ އަހަރެމެންގެ ލޮބުވެތި ރައީސުލް ޖުމްހޫރިއްޔާކަން މިޕާޓީގެ މުޅިމެންބަރުންހެން އެކަނޑަ އެޅީއެވެ. އެމަނިކުފާނުންގެ ކޮމާންޑުއާއި އެއްގޮތަށް ކަންކަން ހިންގައި ކުރިއަށްދާނެ މަގުހޯދުމަށް އިސްކުރާނެ ފަރާތްތައްވެސް އަހަރެމެން މިކަނޑަ އެޅީއެވެ. މިޕާޓީ މިއަދުން ފެށިގެން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންގެ ތެރެއިން ޚިޔާނާތްތެރި ބާގީންނާއި ގުޅުމެއްނެތް ހުރިހައި ދިވެހި ރައްޔިތުންނާއި އެކުގައި ބާޣީންނާއި ކުރިމަތި ލުމަށް އެންމެ ފަހުގެ ތައްޔާރީތައް ވެމިނިންމަނީއެވެ. ނުވަތަ ގާތްގަނޑަކަށް ނިންމާލީއެވެ. އެހަރެމެންނާއި ކުރިމަތިލައި ގާނޫނީގޮތުން މިގައުމުގައި ބާއްވަންޖެހޭ ރިޔާސީ އިންތިޚާބުގައި ނިކަން ވާދަކޮށްލަން ބާޣީން ނުކުމެ ބަލާށެވެ. ގައިމުވެސް ނުކެރޭނެއެވެ. ބަލިވާނެކަން އެހެރަ އުޑުފެންނަހެން އެބަޔަގީންވެއެވެ. އެހެންވެ އެތިބީ ބަސްހުސްވެ ބޮނދައެވެ. އަހަރެމެން މިތައްޔާރުވީ ގާނޫނީ ގޮތުން ކަމަރުބަނދެ ފިސާރި ފޯރައިގެންނެވެ. ނިކަން ކުރިމަތިލާ ބަލާށެވެ. ރީތި ބޭޒާރަކުން ބޭޒާރުވެ ބާޣީން ހެދިހައި އެއްޗެއް އެމީހުންގެ އުނގަށް ގޮވައި ނިމިދާނެއެވެ. ނިކަން ރައްޔިތުންގެ ވޯޓަކަށް ނިކުމެލަ ބަލާށެވެ. ހަކިވެސް ނުހިފާ ބާޣީންގެ ނިމުން ކުރިމަތިވާނެކަން މިއަދު އެމީހުންނަށްވެސް ޔަގީންވާނެއެވެ.