ބަޣާވާތުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭފަދަ ހެކިތަކެއް ހުރުމާއެކު ކުރީގެ ނައިބު ރައީސްގެ މައްޗަށް ދައުވާކުރުމަށް މާރިޔާ އިލްތިމާސް ކުރައްވައިފި

ކުރީގެ ނައިބު ރައީސް ޑރ.މުޙަންމަދު ވަޙީދު ޙަސަން މަނިކު ބަޣާވާތުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭފަދަ ހެކިތަކެއް ހުރުމާއެކު ޑރ.މުޙައްމަދު ވަޙީދު ހަސަން މަނިކުގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އަޙުމަދު މުއިއްޒަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ އިލްތިމާސް ކުރައްވައިފިއެވެ.

ކުރީގެ ނައިބު ރައީސް ބަޣާވާތުގައި ބައިވެރިވެވަޑައިގެން ކަމަށް ތުހުމަތު ކުރައްވައި، އެ ތުހުމަތުތަކުގެ މައްޗަށް އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ރޭ މާލޭ ސިޓީ ހޯލުގައި ނެރުއްވި ރިޕޯޓު ހުށަހަޅުއްވައި ދެއްވަމުން މާރިޔާ ވިދާޅުވީ ޑރ. ވަހީދު ބަޣާވާތުގައި ބައިވެރިވެވަޑައިގަންނަވާކަން ސާބިތުކޮށް ދެވޭފަދަ ވަރަށް ގިނަ ހެކިތަކެއް އެބަހުރި ކަމަށެވެ.
މާރިޔާގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި ޖެނުއަރީ 30 ވަނަ ދުވަހުގެ ރޭ ވަރަށް ދަންގަޑިއެއްގައި ކުރީގެ ނައިބު ރައީސްގެ ގެކޮޅުގައި ޑރ.ވަހީދު، ރާއްޖޭގެ ޤާނޫނީ ސަރުކާރު ވައްޓާލުމަށް ތަފާތު އެކި ގޮތްގޮތުން މަސައްކަތްކުރަމުން ދިޔަ ފަރާތްތަކާ ބައްދަލުކުރައްވާފައިވުމާއި، އެ ބައްދަލުކުރެއްވުމާ ބެހޭ މައުލޫމާތު ރައީސް ނަޝީދުގެ ކެބިނެޓަށް ނުދީ ސިއްރުކުރެއްވުމުން ޑރ.ވަޙީދު ރައީސް ކަމުގެ ޒިންމާއާ ހަވާލުވުމަށް ތައްޔާރަށް ހުންނެވި ކަމަށް އެ ފަރާތްތަކުގައި ވިދާޅުވެފައިވާ ކަމަށް ބެލެވޭ ކަމަށް ވިދާޅުވެފައިވެއެވެ. އަދި ސިފައިންނާއި ފުލުހުން ބޭނުންކޮށްގެން ވެރިކަން ފުރޮޅާލެވޭނޭ ގޮތްތައް ވަހީދު ކިޔައިދީފައިވެދާނޭ ގަބޫލުކުރައްވާ ކަމަށް ވެސް އެ ރިޕޯޓުގައި ވެއެވެ.

ނައިބު ރައީސްގެ ޒިންމާއަކީ ރައީސް އަންގަވާ، ނުވަތަ ހަވާލުކުރައްވާ މަސައްކަތެއް ކުރުން ކަމަށްވާ އިރު، ކުރީގެ ނައިބު ރައީސް ފެބްރުއަރީ 6 ވަނަ ދުވަހުގެރޭ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ބަސްފުޅެއް ނެތި، ވީޓީވީ ގައި ދެއްވި ޚިތާބެއްގައި އެ ޓީވީ ހިމާޔަތްކުރުމުގެ ވާހަކަ ދައްކަވާފައިވާއިރު، ފެބްރުއަރީ 7 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މަޖުބޫރުން އިސްތިއުފާދެއްވުމުގެ މާކުރިން، އެމްއެންބީސީ ވަން އަށް ސިފައިންނާއި ފުލުހުންނާއި އާންމުންގެ ބަޔަކު ވަދެ، ގާނޫނާއި ޚިލާފަށް ހަތިޔާރުގެ ބޭނުންކޮށް އެތަން ހިފައިފައިވާއިރު އެކަމުގައި އިސްކޮށް އުޅުއްވީ ޑރ.ވަހީދުގެ ކޮއްކޮ އަލީ ވަހީދު ކަމަށާއި، މިހާތަނަށް ވެސް ޑރ.ވަހީދު އެކަން ކުށްވެރިކޮށްފައިނުވާތީ އާއި، އެރޭގެ ޚިތާބުގައި ޖުމްހޫރީ މައިދާނަށް އެއްވެ ތިބި ފުލުހުންނަށް ބަޣާވާތްކުރުމަށް ހިއްވަރުދެއްވާފައިވާ ކަމަށް ތުހުމަތުކުރެވޭތީ ޑރ.ވަހީދު ހުންނެވީ ބަޣާވާތަށް ވާގިވެރިވެގެން ކަމަށް ތުހުމަތުކުރެވޭ ކަމަށް މާރިޔާގެ ރިޕޯޓުގައި ވެއެވެ.

މީގެ އިތުރުން އެއްވެސް ޝަރުތެއް ނެތި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިސްތިއުފާ ދެއްވުމަށް އާންމު ފަރުދަކު ގޮވާލެއްވުމުން ވެސް ވެގެން އުޅޭ ގޮތް ބައްލަވަން ވެސް ކުރީގެ ނައިބު ރައީސް، ރައީސް ނަޝީދަށް ގުޅުއްވާފައި ވެސް ނުވާތީ ޑރ.ވަޙީދު ބަޣާވާތުގައި ބައިވެރިވެވަޑައިގެން ހުންނެވި ކަމަށް ހެކިލިބޭ ކަމަށް ވެސް މާރިޔާގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ރައީސް ނަޝީދު އިސްތިއުފާގެ ސިޓީ ލިޔުއްވީ މަޖުބޫރު ވެގެންކަން ސާފުވާ ވަރަށް ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށް މާރިޔާ ފާހަގަކުރެއްވިއެވެ. އެ ގޮތުން ރައީސް ނަޝީދު އަމިއްލަފުޅަށް ސިޓީ ލިޔުއްވަން ޖެހިވަޑައިގަތުމާއި، އިސްތިއުފާގެ ސިޓީ ކޮބައިތޯ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު އައްސަވަމުން ގެންދެވި ކަމަށް ޑރ.ވަހީދު އުފައްދާފައިވާ ނެޝަނަލް އިންކުއިރީ ކޮމިޝަނުގެ ކަންހިނގައިދިޔަ ގޮތުގެ ތަރުތީބުގައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި ރައީސް އޮފީހުގެ ޑިސްޕެޗްގައި އޮތް ސިޓީ ބަޔަކު އަމިއްލައަށް މަޖިލީހުގެ ރައީސާއި ހަވާލުކުރެއްވުމަކީ ވެސް ސުވާލުއުފެދޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

މި ރިޕޯޓު ނެރުއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މާރިޔާ ވިދާޅުވީ ޑރ. ވަހީދާއި މެދު މި ކުރެވޭ ތުހުމަތުތަކަކީ ޖިނާއީ ތުހުމަތުތަކެއް ކަމަށާއި، ޖިނާއީ ދައުވާ ކުރެވެނީ ޕީޖީއަށް ކަމަށެވެ. އަދި އެމަނިކުފާނަކީ ވަކީ މީހަކު ބުނާ އެއްޗެއް އަޑުއައްސަވަން ޖެހޭ ބޭފުޅެއް ނޫން ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ. އަދި އެކަމަނާގެ އިލްތިމާސަށް ޕީޖީއާއި ފަނޑިޔާރުން ވިސްނާ ވަޑައިގަންނަވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި، އެހެން ވަކީލުން ވެސް މި ތުހުމަތައް އެހެން ނުކުތާތައް ހޯއްދަވާ ދިރާސާ ކުރައްވާނެ ކަމަށާއި، އަދި އާންމުން ވެސް މިކަމުގައި ޕެޓިޝަން ހައްދަވާނެ ކަމަށާއި، އެ ކަމުގައި އަދިވެސް އިތުރަށް މަސައްކަތް ކުރައްވާނޭ ކަމަށް މާރިޔާ ވިދާޅުވިއެވެ.