އެމްޑީޕީގެ ޗެއަރޕާސަން ކަމަށް އިންތިޚާބު މިވީ ވަރަށް ގިނަ ހަރުފަތްތަކެއް ގިރާ ކުރުމަށް ފަހު – ރީކޯ މޫސަ

އެމްޑީޕީގެ ޗެއަރޕާސަން ކަމަށް އިންތިޚާބު ވެވަޑައިގެންނެވީ ވަރަށް ގިނަ ހަރުފަތްތަކެއް ގިރާ ކުރެއްވުމަށް ފަހު ކަމަށާއި، އެ މަގާމަކީ “ހަމަ ހުރެފައި ލިބުނު މަގާމެއް ނޫން” ކަމަށް އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ތަނަވަސް އަޤްލަބިއްޔަތަކުން އިންތިޚާބުވެވަޑައިގެންފައިވާ ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

29000 އަށް ވުރެ ގިނަ ވޯޓާ އެކު އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ހޮވިވަޑައިގެންނެވި ރީކޯ މޫސަ އަކީ އެމްޑީޕީ ވުޖޫދަށް ގެނައުމަށް އެންމެ ފުރަތަމަ ސޮއިކުރެއްވި 40 މީހުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
މޫސަ ވަނީ އެމްޑީޕީގެ ފުރަތަމަ ކޮންގްރެސް ގައި އެ ޕާޓީގެ ނައިބު ރައީސް ކަމުގެ މަގާމަށް ވާދަކުރައްވާފައެވެ. ނަމަވެސް އެފަހަރު އޭނާ ހޮވިވަޑައިގެންފައެއް ނުވެއެވެ. އޭގެ ފަހުން ޕާޓީގެ ރައީސް ކަމުގެ މަގާމަށް ވެސް ވާދަކުރެއްވިއެވެ. އެހެން ނަމަވެސް “އެ ކޮންގްރެސް އިން ރައީސަކު ނުނަގާ ގޮތަށް ނިންމުމާއި ގުޅިގެން” ނަން އަނބުރައި ގެންދެވީ ކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަ ވަނީ އެމްޑީޕީގެ ފުރަތަމަ ރިޔާސީ ޕްރައިމަރީގައި ވެސް ވާދަކުރައްވާފައެވެ. އެ ފަހަރު ރައީސް ނަޝީދާއި، ޑރ. މުނައްވަރާއި 2 ބޭފުޅުންނާއި ވާދަކުރައްވައި މޫސަ އަށް ލިބިވަޑައިގެންނެވީ 3 ވަނައެވެ. 25 އެޕްރީލް 2008 ގައި ބޭއްވި މި ޕްރައިމަރީ އަކީ ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމަށް ރާއްޖޭގައި ބޭއްވި މިފަދަ ފުރަތަމަ އިންތިޚާބެވެ. މި ޕްރައިމަރީގައި 7656 ވޯޓާއެކު ވޯޓުލީ މީހުންގެ 68 އިންސައްތަ ހޯއްދެވި އިރު، 2394 ވޯޓާއެކު ޑރ. މުނައްވަރަށް ލިބިވަޑައިގެންނެވީ ވޯޓޫލީ މީހުންގެ 21 އިންސައްތައެވެ. އަދި މޫސައަށް އެ ޕްރައިމަރީގައި ލިބިވަޑައިގެންނެވީ އެންމެ 989 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 9 އިންސައްތައެވެ.

ލ އަތޮޅު މެންބަރުކަން ވެސް ކުރައްވާފައިވާ މޫސަ ވަނީ 2009 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވައި އިންތިޚާބުވެވަޑައިގެންފައެވެ.

މޫސަ މިހާތަނަށް އެމްޑީޕީގައި އަދާކުރައްވާފައިވާ މަގާމްތަކަށް ބަލާއިރު، އެމްޑީޕީ ރަސްމީގޮތުން ވުޖޫދަށް އައި އަހަރު ކަމަށްވާ 2005 ވަނަ އަހަރު އުފެއްދި އެމްޑީޕީގެ ފުރަތަމަ ވަލީ ކޮމިޓީގެ މެންބަރު ކަމާއި، އެމްޑީޕީ އުފެދުނީއްސުރެ އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ކަމާއި، އެ ގްރޫޕްގެ ވިޕްގެ މަގާމާއި، ޗީފް ވިޕްގެ މަގާމާއި، 2009 ވަނަ އަހަރާއި، 2010 ވަނަ އަހަރު އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ރައީސްކަން ކުރެއްވިއެވެ.

އެމްޑީޕީގެ ޗެއަރޕާސަން ކަމުގެ މަގާމަށް މޫސަ އިންތިޚާބުވެވަޑައިގެންފައި މިވަނީ 29044 ވޯޓާއެކު ވަރަށް ތަނަވަސް އަޤްލަބިއްޔަތަކުންނެވެ. ޗެއަރޕާސަން ކަމަށް އިންތިޚާބުވެވަޑައިގެންނެވުމުގެ ކުރިން ވެސް މޫސަ ގެންދެވީ ވަގުތީ ގޮތުން އެމްޑީޕީގެ ޗެއަރޕާސަން ކަމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުންނެވެ.

މޫސަ ވިދާޅުވީ އެމްޑީޕީގެ މެންބަރުން އޭނާއަށް އެހާ ބޮޑު އިތުބާރެއް ކުރެއްވީ ޕާޓީގެ މަސްލަހަތު އިސްކުރައްވައި، އެމްޑީޕީ ކުރިއެރުވުމަށް އާންމު މެންބަރުންގެ ފިކުރާ އެއްގޮތަށް މަސައްކަތްތަކެއް ކުރެވިގެން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އެންމެ 900 އެއްހާ ވޯޓު ލިބިގެން 2008 ވަނަ އަހަރު ރިޔާސީ ޕްރައިމަރީގައި ނާކާމިޔާބީ އާއި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ބޭފުޅަކަށް 30،000 އާއި ގާތްކުރާ އަދަދަކަށް އޭގެ 4 އަހަރު ފަހުން ވޯޓު ލިބުމަކީ ކުޑަ ކާމިޔާބީއެއް ނޫނެވެ.

“އެމްޑީޕީގެ މެންބަރުން އަޅުގަނޑަށް ތިކުރެއްވި އިތުބާރަށް ޓަކައި، ޚާއްސަކޮށް އަޅުގަނޑަށް އިތުބާރުކޮށް، ތި ދެއްވި ވޯޓަށް ޓަކައި ހުރިހާ މެންބަރުންނަށް ވަރަށް ބޮޑަށް ޝުކުރުދަންނަވަން. ކުރިޔަށް އޮތްތަނުގައި ވެސް މަސައްކަތް ކުރާނީ ޕާޓީގެ އިސް ލީޑަރުގެ މަޝްވަރާ އާއި ލަފާފުޅުގެ މަތިން އެމްޑީޕީގެ އާންމު މެންބަރުންގެ ފިކުރާ އެއް ގޮތަށް”، މޫސަ ވިދާޅުވިއެވެ.