މަޝްހޫރު 4 ޕާޓީއެއްގެ ޖުމްލަ މެމްބަރުންގެ އަދަދަށް ވުރެ ހަމައެކަނި އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓަށް ވޯޓު ލިބިފައިވާ އަދަދު ގިނަ – އެމްޑީޕީގެ އިންތިޚާބާއި ބެހޭ ކޮމިޓީގެ މުގައްރިރު

ޖުމްހޫރީ ޕާޓީއާއި ގައުމީ ޕާޓީއާއި ގައުމީ އިއްތިހާދު ޕާޓީ އަދި ޕީޕީއެމްގެ ޖުމްލަ މެމްބަރުންގެ އަދަދަށް ވުރެ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ތަނަވަސް އަޤްލަބިއްޔަތަކުން ހޮވިވަޑައިގެންފައިވާ އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް ލިބިވަޑައިގެންފައިވާ ވޯޓުގެ އަދަދު ގިނަ ކަމަށް އެމްޑީޕީގެ އިންތިޚާބާއި ބެހޭ ކޮމިޓީގެ މުގައްރިރު (އެންސްޕާ) އިބްރާހީމް ވަހީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިބްރާހީމް ވަހީދު ވިދާޅުވީ އިއްޔެ ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިޚާބުން، އަވަސް އިންތިޚާބެއްގެ ނަތީޖާ ވަރަށް ސާފު ކަމަށާއި، ފުރަތަމަ ބުރުން އެ އިންތިޚާބު ކާމިޔާބުކުރެވޭނޭ ކަމަށެވެ.

“މިއަދުގެ ހަގީގަތަށް ބަލާ އިރު، ޖުމްހޫރީ ޕާޓީއާއި ގައުމީ ޕާޓީއާއި ގައުމީ އިއްތިހާދު ޕާޓީ އަދި ޕީޕީއެމްގެ ޖުމްލަ މެމްބަރުންގެ އަދަދަށް ވުރެ ގިނަ ހަމައެކަނި އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓަށް ވޯޓު ލިބިފައިވާ އަދަދު، މިދާ ވަރަށް ދަންޏާ އަޅުގަނޑުމެންނަށް ވަރަށް ޔަގީން ފުރަތަމަ ބުރުން އިންތިހާބު ކާމިޔާބު ކުރާނެކަން”، އިބްރާހީމް ވަހީދު ވިދާޅުވިއެވެ.

އެމްޑީޕީގެ އިންތިޚާބުގައި މިއަދު ހަވީރު އިއުލާން ކުރި އެންމެ ފަހުގެ ނަތީޖާ ދައްކާ ގޮތުން ރައީސް ނަޝީދަށް 30771 ވޯޓު ލިބިވަޑައިގެންފައި ވެއެވެ. ޗެއަރޕާސަން ކަމަށް ފެންނަ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ކަމުގެ މަސްއޫލިއްޔަތު މިހާރު ވެސް އަދާކުރައްވަމުން ގެންދަވާ ރީކޯ މޫސައަށް ލިބިވަޑައިގެންފައިވަނީ 27985 ވޯޓެވެ. ރައީސް ނަޝީދަށް އެންމެ ޕާޓީއެއްގެ މެންބަރުން ދިން މި ވޯޓަކީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ގާސިމް އިބްރާހީމް އަށާއި، ޙަސަން ސައީދަށް ލިބިލެއްވި ވޯޓަށް ވުރެ ވެސް ގިނަ އަދަދެއް ކަމަށް އިބްރާހީމް ވަހީދު ވިދާޅުވިއެވެ.