ބާޣީން އިނދަޖެހި ގޮތްހުސްވެ، ނޭވާހޮޅިޔަށް އެޅުނީއެވެ!

ފުނަމާ

މިގައުމުގައިއޮތް އިންތިޚާބީ ސަރުކާރު ނުބައިނުލަފާ ރޭވުމެއްގެ ދަށުން ބަޣާވާތެއް ގެނެސް ބަދަލުކުރި މީހުން ހިތުލައިގެން ތިބީ ގާނޫނީގޮތުން ރައްޔިތުން އިންތިޚާބުކުޅަ ރައީސުލް ޖުމްހޫރިއްޔާ އަށް މަޖުބޫރުކޮށްގެން ވެރިކަމުން ވަކިކުރެވުމުން ދެން އެކަމާ އިދިކޮޅަށް ޗުއްޕުވެސް ބުނާން ކެރޭނެ ހަމައެކަކުވެސް ނުހުންނާނެ ކަމަށެވެ. ގެކޮޅަށް ރާވައްދައި އެމަނިކުފާނުގެ އިސްތަށިފުޅުގައި ދޮގު ބަދުނާމުތަކެއް އެޅުވީ ހިތުން ރައްޔިތުން ވައްދައިގެން ރައީސް ނަޝީދުގެ ހަށިކޮޅަށް އަރައިގަނެ އެމަނިކުފާނުންގެ ދުވަސް ދުއްވާލުމުގެ އުންމީދުގައެވެ. އެބައިމީހުންގެ ނުބައި ރޭވުމުގައި ރައީސް ނަޝީދު ދޫނިދޫއަށް ގެންގޮސް ނައްތާލުމަށްވެސް ބޭނުންވިކަން މިއަދު މިވަނީ އެކަން އެނގިހުރި ފަރާތްތަކުން ރައްޔިތުންނަށް ބުނެދީފައެވެ.

ތިރީސް އަހަރުގެ އަނިޔާވެރި، ޚުދުމުޚުތާރު ވެރިޔާއާއި ތުނބާ ތުންގުޅާލައިގެން، ރާއްޖޭގެ ވެރިކަމާހެދި ހަސްގަނެފައިތިބި ބައެއް މަހުޖަނުންނާއި، މަދު ފައިސާ ކޮޅަކަށް ދީންވިއްކާލި ބަޔަކާއި، ފުލުހުންނާއި ސިފައިންގެ ތެރެއިން އުފެދުނު ޣައްދާރު ޚާއިނުންތަކެއްގެ އެހީގައި މިގައުމުގެ ގާނޫނީ ސަރުކާރު ބަދަލުކުރިކަން މިހާރު ހުރިހައި ދިމާލަކުންވެސް މިދަނީ އެނގި ހާމަވެ ސާބިތުވަމުންނެވެ. ދުވާލުގެ އިރު ޔަގީންވާ ފަދައިން މިގައުމުގެ ގިނަބަޔަކަށް މިއަދު މިވަނީ އެކަން ޔަގީންވެފައެވެ. ބޭރުގެ ފަރާތްތަކަށްވެސް މިއީ ބަޣާވާތެއްކަން މިއަދު އޮޅުމެއް ނެތި މިދަނީ އެނގި ހާމަވަމުންނެވެ.

ބާޣީ ސަރުކާރުގެ ބާޣީ ސަލާމަތީ ބާރުތަކުން ހަތިޔާރެއްނެތް ޢާންމު ރައްޔިތުންނަށް ބޮޑެތި ލާއިންސާނީ އަނިޔާތައް ކުރަމުން ގެންދާކަމުގެ ހެކިތައް ލިބުމާގުޅިގެން ދުނިޔޭގެ ބޮޑެތި ޖަމާއަތް ތަކުން މިއަދު ދިވެހިރާއްޖޭގައި މިއޮތް ބާޣީ ސަރުކާރަށް ތަފާތު އެހީތައް ދިނުން މިވަނީ ހުއްޓާލާފައެވެ. އަދި ރާއްޖޭގެ ދިފާއީ ބާރުތަކަށް ބޭނުންވާ އެއްވެސް ހަތިޔާރެއް ނުދިނުމަށްވެސް އެކިފަރާތްތަކުން އެވަނީ ނިންމާފައެވެ. ކިތަންމެ ވަރަކަށް ފުއްޕާފައި ހުއްޓަސް މިއަދު މިގައުމުގެ ވެރިކަމުގައި އެހެރީ ބާޣީ ކާޅެއްކަން މިއަދު އެންމެން ނައްވެސް މިވަނީ އެނގި ހާމަވެފައެވެ.

ދިވެހި ރައްޔިތުންނަށް ފުލުހުންނާއި ސިފައިން މެދުވެރިކޮށް، ދުވަހަކުވެސް މިރާއްޖޭގެ ޢާންމު ރައްޔިތުންނަށް ނުދޭފަދަ އަނިޔާތަކާއި ރަހުމު ކުޑަ ޢަމަލުތައް ހިންގަމުން ގެންދާއިރު މިއިންކަމަކާ މީހަކު ކިތަންމެ ކުޑަ އެއްޗެއް ބުނެލިޔަސް އެމީހަކު ދަމާބަނދެ އަހުވަދައްކައި އެމީހަކު ޝަރީއަތަށް ގެންގޮސް ބޮޑެތި ޙުކުމްތައް ކުރާނެކަމުގެ އިންޒާރު އެގެންދަނީ މިސަރުކާރުގެ ބާޣީ ހޯމްމިނިސްޓަރު ދެމުންނެވެ. އޭނާގެ ކޮންމެ ބަހެއްގައި ބަޔަކު ހައްޔަރު ކުރާނެކަމަށާއި ބާޣީ ސަރުކާރަށް އެއްބާރުލުން ނުދޭ ކޮންމެ ކައުންސިލެއް އުވާލާނެ ކަމުގެ ބިރުވެރި އިންޒާރު އެގެންދަނީ ދެމުންނެވެ. އޭނާ ހިތުން މިއަދު މިގައުމަކީ އޭނާގެ މައިންބަފައިންގެ އަމިއްލަ ތަރިކައިން ހަމައެކަނި އޭނާއަށް ލިބިފައިވާ މިލްކެކެވެ. ރުޅިއައިސް ފުއްޕާފައި އިނދެގެން ރައްޔިތުންނާއި ދިމާލަށް ބަވާނުލާ އެންމެ ދުވަހެއް ނުދާކަމީ އެނގި ކަށަވަރުވާ ކަމެކެވެ. މިފަދަ ޚަސީލަތެއް، ސުލޫކެއްނެތް ދެއުޅިއެއް ނުވާ ބުއްރާސް ކުކުޅެއް މިގައުމުގެ ދާޚިލީ ވުޒާރާއާއި ޙަވާލުވުމުން ދެންވާނެ ހުރިހައި ގޮތެއް މިދަނީ ވަމުންނެވެ. އެވުޒާރާގެ ދަށުގައިވާ ފުލުހުންގެ މުއައްސަސާގެ އެއްބަޔަކު ދުވާލާ ރޭގަނޑު ޢާންމުންގެ ގޭގެއަށް މިރުސްދުން އަޅައިގެން ފޭރިނަގަމުން ގެންދަނީއެވެ. އަނެއްބަޔަކު އާންމުން ކަމުގައި ހެދިގެން ދައުލަތުގެ މުދަލަށް ގެއްލުންދީ އެކަން އާންމުންގެ ބޮލުގައި އަޅުވައި މީހުން ބަނދެ ހައްޔަރު ކުރުމަށް ފުރުސަތު ހޯދައިދެނީއެވެ. މިފަދަ މާސްކުއެޅި މީހުން ފަޅާއެރުމުން އެމީހުންގެ ހިމާޔަތުގައި ފުލުހުން ލައިގެން ހަށިފާރަވެރި ކުރުވަނީއެވެ.

ފުލުހުންނާއި ސިފައިންގެ ތެރެއިން ބާޣީ ސަރުކާރާއި އިދިކޮޅު ކަމުގައި ހީވާ ކޮންމެ މީހަކު ކޮންމެވެސް ބަހަނާއެއް ދައްކައިގެން ހިފައި ހައްޔަރުކޮށް ބިރުދައްކައި އާންމުންނާއި އެކަހެރިކޮށް ފޮރުވަނީއެވެ. ސީދާ ބާޣީ ކާޅުގެ އަމުރަށެވެ. ހިތުން އެމީހުން އެހީކުރަނީ އެމީހުން ހިންގައިގެންއުޅޭ ގޮތްކުޑަ ލަދުހަޔާތެއް އަމުދުންނެތް ބޮޑު ޖަރީމާ މިގޮތުން ފޮރުވިދާނެ ކަމަށެވެ. އެހެނަސް ދިވެހި ރައްޔިތުންނަކީ މިއަދަކު ސަރުކާރަކުން ހިތުހުރި ގޮތެއް ހަދާލައި މައިތިރި ކުރެވޭނެ ބައެއް ނޫންކަން މިދަނީ އެނގި ފާޅުވަމުންނެވެ.

މިއަދަކު ބާޣީންނަކަށް ހިންހަމަ ޖެހިލައިގެން ނިދާލާނެ އެންމެ ފުރުސަތެއްވެސް ނުލިބެއެވެ. އަނބި، ދަރީންނާއި އެކުގައި އުފާކޮށްލައި އުޅޭނެ ފުރުސަތެއް ނުލިބެއެވެ. އަބަދުމެ އުޅެންޖެހެނީ ކޮންމެވެސް ބައިނަލް އަގުވާމީ ޕުރެޝަރަކުން ސަލާމަތްނުވެވި އެމީހުންގެ އޮރިޔާންވަމުންދާ ބާގަނޑުތަކުގައި ފޮތިއަޅަން ނޫނީ، އުއިއަރުވާށެވެ. ހޭވިހޭވިހެން މިވަނީވެސް ހަޑިއެވެ. އެއިން މީހެއްގެ ލޮލަކަށް ހަތަރުކަޅި ހަމަކުރެވޭކަށް ނެތެވެ. މުދުނަށް އަރައި އެތިބީ އެސްފިޔަ ނުޖެހިފައެވެ. މިހާލުގައި އެމީހުންނަށް ރައްޔިތުންނާއި މެދުގައި ވިސްނާލާން ލިބޭނީ ކޮންފުރުސަތެއް ހެއްޔެވެ؟

މިއަދު ބާޣީންނަށް އެނގި ހާމަވަމުންދަނީ އެންމެ އެއްޗެކެވެ. މާދުރުނޫން މުއްދަތެއްގެ ތެރޭގައި އެމީހުންގެ ބޮނދު ބުޑަށް ސައިކިޔައި އެމީހުން ބަލިވެ އެންމެން ހިފައި ހައްޔަރުކޮށް ޝަރީޢަތުން ބޮޑެތި އަދަބުތައް ކަނޑައެޅި އެމީހުން ދިގުމުއްދަތަކަށް ޖަލުގެ ގޮޅިތަކުގައި ތިބެންޖެހޭނެ ކަން މިއަދު އެމީހުންނަށް އެބަޔަގީން ވެއެވެ. ކޮންމެ ގޮތަކުންވެސް ފޭރިގަތް ވެރިކަން ދަމަހައްޓައި ބަގުޑިލައިގެން ތިބުންނޫން ހަމައެހެން ގޮތެއް އެމީހުންނަކަށް ފެނިއެއް ނެތެވެ. އެކަމަކު އެކަންވެސް ކުރެވޭކަށް ނެތެވެ. އަމިއްލަ ބައިގެ ކުޅުންތެރީންގެ މެދުގައި މިއަދު އެވަނީ ބައިބައިވުން އުފެދި އެކަކު އަނެކަކާއި ގުޅުންތެރިކަން ނެތިފައެވެ. އެމީހަކު ހިތައްއެރި ގޮތަކަށް ލާތެޅި ހަފުސްވަނީއެވެ. މުޅިދުނިޔެއަށް ބޭޒާރުވެ އަވަދި ވެއްޖެއެވެ.

މަހުޖަނުންނާއި ބޮޑުތުނބުޅިލީ ފަހަރި ޝޭޚުންނޭ ކިޔާބަޔަކު ނުކުމެ ބާޣީންނަށް މަދަދު ފޯރުވަން ކުރާހައި މަސައްކަތެއް މިއަދު މިވަނީ ފަނުފުލުން ދާންފަށާފައެވެ. ތިމަންނާމެންނީ ދީނުގެ ޢިލްމުވެރީންނޭ ބުންޏެއް ކަމަކު އެމީހުންނަކީ މުނާފިގު ސިޔާސީ ބައެއްކަން ރައްޔިތުންނަށް ފުރިހަމަޔަށް އެނގި ކަށަވަރު ވެއެވެ. މިއަދަކު މިގައުމަކު އެފަދަ މުނާފިގު އިލްމުވެރީންގެ ބޭނުމެއް ނެތެވެ. ރައްޔިތުން ބޭނުންވަނީ ސިޔާސީ ގޮތްކުޑަ ފިކުރު ތަކުން އެއްކިބާވެތިބި ތަގުވާވެރި ޒާހިދުންނެވެ. ޝަހީމާ، މުޙަންމައިދީ އާއި ، އިލިޔާސަކާ އިމުރާނެއް ނުކުމެ ތަންތަނަށް އަރައި އަނގަފޭކުރާއިރު އިއްޔެ އެމީހުން ކުޅުނު ގޮތްކުޑަ ހުތުރު ކުޅިގަނޑު އަދި ދިވެހީން ހަނދާނެއް ނުނެތެއެވެ. އެފަދަ މީހުންނަކީ އެއިވޭ ކުޑައަގުގައި ދީންވިއްކާލާ މީހުންކަން އެމީހުންގެ އަމަލުން މިވަނީ ރައްޔިތުންނަށް ސާބިތުކޮށްދީފައެވެ. ފާޙިޝް އެންމެހައި ކަންކަމަށް ހިތްވަރުދީއުޅޭ ބަޔަކީ ދީނީ ދަންނަބޭކަލުން ކަމުގައި ދިވެހީން ދެކިގެން މިއަދަކު ނުތިބޭނެއެވެ. މިއަދު މިއުޑުދަށުގައި ވަރަޢަވެރި އެތަކެއް ޝޭޚުންނެއް އެބަތިއްބެވިއެވެ.

މިއަދު ބާޣީ ސަރުކާރުގެ ހަރުކަށި ބަސްތަކާއި އިންޒާރުތަކުގެ ސަބަބުން ހަކިބައިން އެމީހުންނަށް އެމީހުންގެ ކަރުތައް މަހާލަން ޖެހޭނެ ދަންމަޅިތައް ފެންނަމުން ދާކަން ޔަގީންވެއްޖެއެވެ. ނިދިލޮލު ފިޔައެއް ނުޖެހި އާގަމަ ވެގެން އުޅޭކަން އެބައެނގެއެވެ. އަމިއްލަ ދީން ދޫކޮށް ޣައިރު މުސްލިމުންގެ ފައްޅިތަކަށްވަދެ ތިމަންނާމެންނީވެސް ކަލޭމެން ކަހަލަ ކާފަރުންނޭ ބުނެލައިގެން ނަމަވެސް އެވެރީންގެ ރުހުން ލިބޭތޯ އެތިބަގެން މަސައްކަތް ކުރަނީއެވެ. ނަމަވެސް އެކަމަކުންވެސް ލިބޭނެ ކުރިއެރުމެއް މިއަދު ދެން ނެތްކަން އެނގި ހާމަވެއްޖެއެވެ. ދެންއޮތީ ހަމައެކަނި ރައްޔިތުން މަރައި ހުސްކުރުމެވެ. އެކަމެއް ހަމަހިލައި ނުވާނެއެވެ. އެހެނީ ބާޣީންނަށް މިގައުމުން އެންމެ އިންޗިއެއްވެސް ނުދޭން ރައްޔިތުން މިއަދު މިތިބީ ހުވާކޮށްގެންނެވެ. މުޅި ރާއްޖޭގެ ރައްޔިތުންގެ ގިނަބަޔަކު މިތިބީ ބާޣީންނާއި އިދިކޮޅަށް ނުކުމެ ރުކުރުވާލައިގެންނެވެ. ބާޣީން އިތުރަށް އިއުލާނު ކުރާނެ ހަނގުރާމައެއް ދެންނެތެވެ. މާކުރީއްސުރެ އެމީހުންތިބީ ރައްޔިތުންނާއި އިދިކޮޅަށް ހަނގުރާމަ އިއުލާނު ކޮށްގެންނެވެ. މިހަނގުރާމައިން މިހާރު ބާޣީންއެވަނީ، އިނދަޖެހި، ގޮތްހުސްވެ، ނޭވާ ހޮޅިޔަށް އެޅިފައެވެ. އެމީހުންނަށް މިހާރަކު އިތުރު ގޮތެއް ނެތެވެ.