ހޯމް މިނިސްޓަރ ޖަމީލު ދިގު މުއްދަތަކަށް ޖަލަށްލެވޭނެ – އެމްޑީޕީގެ ޗެއަރޕާސަން

ބާޣީ ސަރުކާރުގެ ހޯމް މިނިސްޓަރ މުޙައްމަދު ޖަމީލާއި އެކު ބަޣާވާތުގައި އިސްކޮށް ހަރަކާތްތެރިވި ބާޣީން ދިގުމުއްދަތަކަށް ޖަލަށް ލެވޭނެކަމުގެ ޔަޤީންކަން އޮތްކަމަށް އެމްޑީޕީގެ ޗެއަރޕާރސަން ކަމުގެ މަގާމަށް ރޭ އިންތިޚާބުވެވަޑައިގެންނެވި ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އުސްފަސްގަނޑުގައި ރޭ ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ ފުލުހުންގެ ތެރެއިން ބަޣާވާތުގައި ބައިވެރިވި މީހުންނާއި ސިފައިންގެ ތެރެއިން ބަޣާވާތުގައި ބައިވެރިވި މީހުންނަށް، ޚާއްސަކޮށް އޭގެތެރޭގައި އިސްކޮށް ތިބި މީހުންނަށް ހައްގު އަދަބުދެވޭނެ ކަމަށެވެ. އަދި މިހާރުގެ ހޯމް މިނިސްޓަރު ޖަމީލާއި ބަޣާވާތުގައި ބައިވެރިވި އިސްމީހުން ދިގު މުއްދަތަކަށް ޖަލަށްލެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށްވެސް މޫސަ ވިދާޅުވިއެވެ.

“އަޅުގަނޑުމެން ބިރެއް ނުގަންނާނެ ޖަމީލެއް ދެކެއެއް. އަޅުގަނޑުމެން ބިރެއް ނުގަންނާނެ ހަބީބެއް ދެކެވެސް. އަޅުގަނޑުމެން ބިރެއް ނުގަންނާނެ ނާޒިމެއް ދެކެވެސް” މޫސަ ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި މޫސަ އިތުރަށް ވިދާޅުވީ ބަޣާވާތަށް ތާއީދު ނުކުރާ ފުލުހުންނާއި ސިފައިން ވަޒީފާއިން ވަކިކުރުމަށް ބާޣީ ސަރުކާރުން މަސައްކަތްވެސް ކުރަމުން ގެންދާކަމަށެވެ. އަދި ފުލުހުންގެ އިންޓަލިޖެންސްގެ ކުރީގެ ވެރިޔާ ހަމީދު ހައްޔަރުކޮށް ފުލުހުން ބިރުދައްކަމުން ގެންދިޔަ ނަމަވެސް ކުރިއަށްއޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އިތުރު ފުލުހުންތަކެއް ހައްޔަރުކުރަން ބާޣީންނަށް ޖެހޭނެކަމަށްވެސް މޫސަ ރޭ ވިދާޅުވިއެވެ.

މޫސަގެ އިންޒާރު ޖަމީލަށް ދީފައި މިވަނީ ރައީސް ނަޝީދު ޖަލަށް ނުލެވިގެން ބޮނޑިބަތް ޖަމީލު އެވާހަކަ ދޭތެރެ ދޭތެރެއިން މީޑިއާގައި ދައްކަމުން ދާ ދަނޑިވަޅެއްގައެވެ.

ރޭ އެމްޑީޕީގެ ސަޕޯޓަރުން ވަނީ އެއް ވަނަ އަށް ދާ ފަރާތަކަށް 5000 ރުފިޔާ ހުށަހަޅާފައިވާ ކާޅު ގިޮވާގޮތަށް ގޮވުމުގެ މުބާރާތެއް އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހިންގާ އުސްފަސްގަނޑުގައި ބާއްވާފައެވެ. ކާޅު އަޑު ލައްވައިގެން އެއް ވަނައަށް ދިޔަ މީހާއަށް ލިބުނު 5000.ރ ތެރެއިން 3000.ރ އެނާ ވަނީ ޕާޓީއަށް ހަދިޔާކޮށްފަ އެވެ. ކާޅު އަޑު ލެއްވުމުގެ މުބާރާތުގައި ފަނޑިޔާރުންގެ ގޮތުގައި ތިއްބެވީ ލަވަކިއުންތެރިޔާ މުހްތާރު އާދަމާއި ފިލްމީ ތަރި އަހުމަދު ނިމާލެވެ.