ކުއްލި ޚަބަރު: އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ރައީސް ނަޝީދު، ޗެއަރޕާސަން އަކަށް މޫސަ އަދި ޗެއަރޕާސަން ނައިބު އިދާރީ ކަމަށް އަލީ ޝިޔާމް ހޮވިވަޑައިގެންފި

އެމްޑީޕީގެ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ރިޔާސީ ކެންޑިޑޭޓަކަށް އެ ޕާޓީގެ އިސް ލީޑަރު އަދި ރާއްޖޭގެ އިންތިޚާބީ ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޗެއަރޕާސަން އަކަށް ރީކޯ މޫސަ އަދި ޗެއަރޕާސަން ނައިބު އިދާރީ ކަމަށް އަލީ ޝިޔާމް ހޮވިވަޑައިގެންފިއެވެ.

މިހާތަނަށް ވޯޓު ގުނާ ނިމި އިއުލާން ކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު ރައީސް ނަޝީދާއި، ރީކޯ މޫސާ މަނިކަށް ވެސް ވަނީ އެމްޑީޕީގެ މެންބަރުންގެ 5000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންފައެވެ. އެހެން ކަމުން އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެ 2 ބޭފުޅުން ވެސް ވަނީ އިންތިޚާބުވެވަޑައިގެންފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އާއި ޗެއަރޕާސަން އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ޖުމްލަ އަދަދަކީ 48451 އެވެ. އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން އެންމެ ކެންޑިޑޭޓަކު ވާދަކުރައްވާ ނަމަ އެ ކެންޑިޑޭޓަކު ވާދަކުރައްވާ ދާއިރާއަކުން 10 ޕަސެންޓް ތާއީދު ލިބިއްޖެ ނަމަ މަގާމަށް އިންތިހާބު ވާނެ އެވެ.

އެމްޑީޕީން މިއަދު ކުރިޔަށް ގެންދާ އަނެއް އިންތިޚާބު ކަމަށްވާ ދާއިރާތަކުގެ އިންތިޚާބުގެ ބައި އިލެކްޝަން ގައި ވެލިދޫ ދާއިރާގެ ރައީސް އާއި، ވިލިނގިލި ދާއިރާގެ ރައީސް އާއި، ފޮނަދޫ ދާއިރާގެ ރައީސް އާއި، މެދު ހެންވޭރު ދާއިރާގެ ސެކްރެޓަރީ އާއި، ހުޅުހެންވޭރު ދާއިރާގެ ސެކްރެޓަރީ އާއި، ހުޅުހެންވޭރު ދާއިރާގެ ނައިބު ސެކްރެޓަރީ އާއި، މާފަންނު ދެކުނު ދާއިރާގެ ނައިބު ރައީސް އާއި، ބާރަށު ދާއިރާގެ ނައިބު ރައީސް އިންތިޚާބުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް މި ދާއިރާތަކުގެ ވަގުތީ ނަތީޖާ ރަސްމީކޮށް މިހާތަނަށް އިއުލާންކޮށްފައެއް ނުވެއެވެ.

އިތުރު ތަފްސީލް އަންނަނީ