ޑަބްލިޔޫ.އެޗް.އޯ.ގެ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް އެންޑް ހެލްތް އެންވަޔަރަންމަންޓް ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޑޮކްޓަރ މާރިއާ ނެއިރާ އާ، ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

1 ޖުލައި 2010

hep-meets-who-director

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔޫ.އެޗް.އޯ.ގެ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް އެންޑް ހެލްތް އެންވަޔަރަންމަންޓް ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޑޮކްޓަރ މާރިއާ ނެއިރާއާ ރައީސުލްޖުމްހޫރިއްޔާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ޞިއްޙީ ދާއިރާއިން ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލަތަކާއި، މިކަންކަމާގުޅޭ ގޮތުން ސަރުކާރުން ގެންގުޅުއްވާ ސިޔާސަތާއި، މި މައްސަލަތަކުގައި ޑަބްލިޔޫ.އެޗް.އޯ.އިން ފޯރުއްވައި ދެއްވިދާނެ އެހީތެރިކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
މި ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޢާންމު ޞިއްޙަތުގެ ދާއިރާއިން ރާއްޖެއަށް ވަރަށް ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ޢާންމު ޞިއްޙަތާ ގުޅުންހުރި ވެކްސިން ދިނުންފަދަ ކަންކަން، އާންމު ދިރިއުޅުމުގެ ބައެއްގެ ގޮތުގައި، ތަޢުލީމީ ނިޒާމުގެ ތެރޭގައި ހިމެނިގެން ދިޔުމަށް ބޭނުންފުޅުވާ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން، ދިރިއުޅުމުގެ އާދަތަކާ ގުޅިފައިވާ، ގައިން ގަޔަށް ނާރާ ބަލިތައް ޖެހުން ރާއްޖޭގައި އިތުރުވެ، މިފަދަ ބަލިތަކަށް ކުރެވޭ ޚަރަދު ވަރަށްބޮޑުތަން އިތުރުވެފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އާންމު ޞިއްޙަތު ކުރިއެރުވުމަށް، އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް ޤާއިމް ކުރުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ޑޮކްޓަރ މާރިއާ ނެއިރާ ދެއްކެވި ވާހަކަފުޅުގައި، ޞިއްޙަތު ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި އިޖްތިމާޢީ އަދި ތިމާވެށްޓާގުޅުން ހުރި ކަންކަމުގެ މައްޗަށް ރިޢާޔަތް ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. މިގޮތުން ތިމާވެށްޓާ ޞިއްޙަތާ ހުރި ގުޅުމުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ދުނިޔޭގެ ފެންވަރުގައި ކުރެވޭ ބަޙުޘްތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންފައިވާ ތާއީދާއި އެއްބާރުލެއްވުމާއި ކާމިޔާބީގެ ބޭނުން ކުރައްވައިގެން، މި ބަޙުޘްތަކުގެ މައިގަނޑު އެއްބައެއްގެ ގޮތުގައި ޢާންމު ޞިއްޙަތު ހިމަނުއްވައިދެއްވުމަށް މަސައްކަތް ކޮށްދެއްވުމަށް އެކަމަނާ އެދިވަޑައިގެންނެވިއެވެ.
މިގޮތުން މޫސުމަށް އަންނަ ބަދަލުތަކުން ސަލާމަތްވުމަށް ކުރެވޭ މަސައްކަތަކީ، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތެއް ކަމުގައި އެކަމަނާ ވިދާޅުވިއެވެ. އަދި، ޞިއްޙީ ދާއިރާއިން ރާއްޖެއިން ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުއްވައިދެއްވުމަށް ޑަބްލިޔޫ.އެޗް.އޯ.އިން ތައްޔާރަށް އޮތްކަމުގެ ޔަޤީންކަން އެކަމަނާ ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ.