1 ޖުލައި 2010
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ލޯކަލް ކައުންސިލް އިންތިޚާބުތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެމްޑީޕީ އިން ހުޅުވާލާފައިވާ ފުރުޞަތު 11 ޖުލައި 2010 ވާ އާދީއްތަ ދުވަހާ ހަމައަށް އެޕާޓީން މިއަދު އިތުރުކޮށްފިއެވެ.
ވީމާ މިހާރު ހަމަޖެހިފައިވާ ގޮތުން، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި ވަނަވަރު، އެމްޑީޕީގެ ޤައުމީ ސެކްރެޓޭރިއަޓް (ހ. ޝަރާޝާ، މާލެ) އަށް ހުށަހަޅުއްވަން ޖެހޭ އެންމެ ފަހު ތާރީޚަކީ، 11 ޖުލައި 2010 ވާ އާދީއްތަ ދުވަހުގެ ހަވީރު 4:00 ކަމަށް އެޕާޓީން މިއަދު ނެރުނު އިޢުލާން އެއް ގައި ވެއެވެ.
އެމްޑީޕީގެ އިޢުލާނުގައިވާ ގޮތުން، އެޕާޓީން މިގޮތަށް ހަމަޖެއްސީ ލޯކަލް ކައުންސިލް އިންތިޚާބުތަކުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމުގެ ޝައުޤުވެރިކަން ވަރަށް ގިނަ ފަރާތްތަކުން ފާޅުކުރަމުން ގެންދާތީ ކަމަށާއި، ވަރަށް ގިނަ ބަޔަކު މުއްދަތު އިތުރުކުރުމަށް އެދެމުންދާތީ، ވީހާވެސް ގިނަ ފަރާތްތަކަށް އެމްޑީޕީގެ ޓިކެޓް ހޯދުމަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ދިނުމުގެ ގޮތުންނެވެ.
ލޯކަލް ކައުންސިލް އިންތިޚާބުތަކަށް އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ފުރަންޖެހޭ އެފްލިކޭޝަންފޯމް ރަސްމީ ގަޑީގައި އެމްޑީޕީ އޮފީހުން ދޫކުރާނޭ ކަމަށާއި، އަދި މިފޯމު، މި ވެބްސައިޓްގެ އިތުރުން، www.votemdp.com އިން ވެސް ޑައުންލޯޑް ކުރެވޭނެ ކަމަށް އެޕާޓީން ބުނެއެވެ.