އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން މާލެ އާއި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެށިގެން ކުރިޔަށް އެބަދެއެވެ.
މި އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އާއި، ޗެއަރޕާސަން އާއި ޗެއަރޕާސަން އަދި ޗެއަރޕާސަން ނައިބު އިދާރީގެ އިތުރުން ބައެއް ދާއިރާތަކުގެ ހިންގާ ކޮމިޓީން ހުސްވެފައިވާ މަގާމްތަކަށް މީހުން އިންތިޚާބުކުރުން އޮންނާނެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އާއި ޗެއަރޕާސަންގެ އިންތިޚާބުގައި 12 އެޕްރީލް 2012 ގެ ނިޔަލަށް އެ ޕާޓީގެ ދަފްތަރުގައި ހިމެނޭ ހުރިހާ މެންބަރުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާއިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލައްވާފައިވަނީ އެ ޕާޓީގެ އެންމެ އިސް ލީޑަރު އަދި ރާއްޖޭގެ އިންތިޚާބީ ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ. ޗެއަރޕާސަން ކަމަށް ކުރިމަތިލައްވާފައިވަނީ މިހާރު ވެސް އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކެވެ. އަދި އެމްޑީޕީގެ 2010 ވަނަ އަހަރުގެ ކޮންގްރެސްގެ ބައިވެރިންނަށް ވޯޓުލެވޭ ޗެއަރޕާސަން ނައިބު އިދާރީގެ މަގާމަށް ކުރިމަތިލެއްވީ ރައީސް ނަޝީދުގެ ޕޮލިޓިކަލް އެޑްވައިޒަރު އަލީ ޝިޔާމް އެވެ.
އެމްޑީޕީން މިއަދު ކުރިޔަށް ގެންދާ އަނެއް އިންތިޚާބު ކަމަށްވާ ދާއިރާތަކުގެ އިންތިޚާބުގެ ބައި އިލެކްޝަން ގައި ވެލިދޫ ދާއިރާގެ ރައީސް އާއި، ވިލިނގިލި ދާއިރާގެ ރައީސް އާއި، ފޮނަދޫ ދާއިރާގެ ރައީސް އާއި، މެދު ހެންވޭރު ދާއިރާގެ ސެކްރެޓަރީ އާއި، ހުޅުހެންވޭރު ދާއިރާގެ ސެކްރެޓަރީ އާއި، ހުޅުހެންވޭރު ދާއިރާގެ ނައިބު ސެކްރެޓަރީ އާއި، މާފަންނު ދެކުނު ދާއިރާގެ ނައިބު ރައީސް އާއި، ބާރަށު ދާއިރާގެ ނައިބު ރައީސް އިންތިޚާބުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ވެލިދޫ ދާއިރާގެ ރައީސް ކަމަށް މާލޭ ދަފްތަރު ނަންބަރު 6981 ޢަބްދުﷲ މުޙައްމަދު އާއި، ރާއްޖެޓީވީގެ ޑެޕިއުޓީ ސީއީއޯ ނ.ވެލިދޫ އަމަން ޢަބްދުﷲ ޔާމީން ވާދަކުރައްވާއިރު، ވިލިނގިލީ ދާއިރާގެ ރައީސް ކަމަށް ވާދަކުރައްވަނީ ގ. ފްލޮވީގޭ ސަމީރު އަޙުމަދު އާއި، ގއ.ކޮލަމާފުށީ އޯކިޑްވިލާ ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް އެވެ. ފޮނަދޫ ދާއިރާގެ ރައީސް ކަމަށް 3 ބޭފުޅަކު ވާދަކުރައްވައެވެ. އެއީ ގ.ދޫރެސްވިލާ މުޙައްމަދު ޒާހިރު (އޯކޭ ޒާހިރު) އާއި، ލ.މާމެންދޫ ފިތުރޯނުވިލާ މުޙައްމަދު ޝިޔާމް އާއި، މ.ސްނޯޑައުން، މުޙައްމަދު ނަސީމް އިބްރާހީމް (ނަފާ ނަސީމް) އެވެ. ބާރަށު ދާއިރާގެ ނައިބު ރައީސް ކަމަށް ކުރިމަތިލެއްވީ ހއ.ބާރަށް ގޯލްޑަން ހައުސް އަލީ ޝަމީމް އެވެ.
މާލޭގެ ދާއިރާތަކުގެ ތެރެއިން މެދުހެންވޭރު ދާއިރާގެ ސެކްރެޓަރީ ކަމަށް ކުރިމަތިލެއްވީ ހ.ބޮކަރުމާގޭ ހަސަން ފާރިޝް ރަޝީދު އެވެ. ހުޅުހެންވޭރު ދާއިރާގެ ސެކްރެޓަރީ ކަމަށް ކުރިމަތިލެއްވީ މ.ތަންތާރަ މަރިޔަމް ވަހީދާ އެވެ. ހުޅުހެންވޭރު ދާއިރާގެ ނައިބު ސެކްރެޓަރީ ކަމަށް ކުރިމަތިލެއްވީ ހ.މާކޯޅިގޭ ފާތިމަތު ނާޝިދާ އެވެ. މާފަންނު ދެކުނު ދާއިރާގެ ނައިބު ރައީސް ކަމަށް ކުރިމަތިލެއްވީ މ.ތްރީލޭންޑްސް މުޙައްމަދު މައުމޫން އެވެ.
މި އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު 9 ން ފެށިގެން ހަވީރު 4 ގެ ނިޔަލަށް ކުރިޔަށް ދާނެއެވެ. ވޯޓުލާ ނިމުން 30 މިނެޓް އިރުގެ ތެރޭގައި ވޯޓުލާ މަރުކަޒުގައި ވޯޓު ގުނަން ފަށާނެއެވެ. އަދި ވޯޓުގެ ވަގުތީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ވެސް ވޯޓުލާ މަރުކަޒުގައެވެ.
މާލޭގެ ރަށްވެހިންނަށް މާލެ ސިޓީ ހޯލުގައި ވޯޓު ފޮށިތައް ބަހައްޓާފައިވާ އިރު، މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ އެމްޑީޕީ މެންބަރުންގެ ތެރެއިން ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ދެމެދުގެ އަތޮޅުތަކުގެ މެންބަރުން ވޯޓުލުމަށް މާލޭގައި ބަހައްޓާ ފޮށިތައް ހުންނާނީ މަންދު ކޮލެޖު (ކުރީގެ އެމްއީއެސް ހިންގި އިމާރާތު) ގައެވެ. އެންމެ ދެކުނުގެ 4 އަތޮޅު ކަމަށްވާ ގއ، ގދ، ޏ އަދި އައްޑޫ ސިޓީގެ މެންބަރުންގެ ތެރެއިން މާލޭގައި ދިރިއުޅޭ މެންބަރުން ވޯޓުލާ ފޮށިތައް ހުންނާނީ އަމީނީ މަގުގައި ހުންނަ އެމްޑީޕީ ހަރުގޭގައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އާއި ޗެއަރޕާސަން އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ޖުމްލަ އަދަދަކީ 48451 އެވެ. އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން އެންމެ ކެންޑިޑޭޓަކު ވާދަކުރައްވާ ނަމަ އެ ކެންޑިޑޭޓަކު ވާދަކުރައްވާ ދާއިރާއަކުން 10 ޕަސެންޓް ތާއީދު ލިބިއްޖެ ނަމަ މަގާމަށް އިންތިހާބު ވާނެ އެވެ.
އެމްޑީޕީގެ އިންތިޚާބުގެ ވޯޓުލުން 9 ޖެހި އިރު ފެށިފައިވާ އިރު ނިސްބަތުން ގިނަ ބަޔަކު ވޯޓުގައި ބައިވެރިވަމުންދާ ކަން ފާހަގަކުރެވެއެވެ. އެ ގޮތުން މިހާތަނަށް ވޯޓުލީ ފަރާތްތަކުގެ ތެރޭގައި އެ ޕާޓީގެ ޗެއަރޕާސަންގެ މަގާމް މިހާރު ފުރުއްވަމުން ގެންދަވާ ރީކޯ މޫސާ މަނިކާއި، ރައްޔިތުންގެ މަޖުިލީހުގެ ބައެއް މެންބަރުންނާއި، ރައީސް ނަޝީދުގެ ކެބިނެޓްގެ ބައެއް މިނިސްޓަރުން ވަރަށް ހެނދުނާ ވޯޓުގައި ބައިވެރިވެވަޑައިގެންފައިވާކަން ފާހަގަކުރެވެއެވެ.