ފުލުހުންނާއި ސިފައިން ކައިރީގައި ބަޣާވާތްކޮށްގެން ވެރިކަން ވައްޓާލަން އެދިވަޑައިނުގަންނަވާނޭ ކަމަށާއި، އެމަނިކުފާނު ބޭނުންފުޅުވެވަޑައިގަންނަވަނީ ރައްޔިތުންގެ ވޯޓަކުން އަލުން އަނބުރާ ވެރިކަމަށް ވަޑައިގަތުމަށް ކަމަށް އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫޙްގެ ފަރާތުން މިރޭ ދަރުބާރުގޭގައި ބޭއްވި ޚާއްސަ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ “ބާޣީ ފުލުހުން ގައުމީ ފުލުހުން ހައްޔަރުކޮށް، އެކި މުޥައްސަސާތަކުގައި ބާޣީންގެ ބާރުގަދަކުރުމަށް މަސައްކަތްކުރަމުންދާ ކަމަށާއި، އެހެން ނަމަވެސް އެކަން ބާޣީންނަށް ކާމިޔާބު ނުވާނޭ ކަމަށެވެ. އަދި އެމްޑީޕީން ހޯދަން ބޭނުންވާ ތާހިރު ދިރިއުޅުން އަލުން އަނބުރާ ދިވެހި ރައްޔިތުންނަށް ހޯއްދަވައިދެއްވާނޭ ކަމަށެވެ.
ރާއްޖޭގެ ދާޚިލީ ހަމަޖެހުން ނަގާލުމުގައި ބައިވެރިވި ކަމަށް ބުނެ ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓުގެ ކުރީގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ހަމީދު ފުލުހުން ހައްޔަރުކޮށްފައިވާ މައްސަލައަށް އިޝާރާތްކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ފުލުހުން ވިސްނަންޖެހޭ ކަމަކީ ހަމީދަކީ އެކަނި ހުންނެވި ބޭފުޅެއް ނޫން ކަމަށާއި، ހަމީދުގެ ފަހަތުގައި އެތައް ފުލުހުންނެއް އެބަ ތިއްބެވި ކަމަށެވެ. އަދި ފުލުހުންގެ މުޥައްސަސާއިން ބާޣީން ނެރެ ހުސްކުރުމަކީ އަންނަން އޮތް ޖީލަށް އެ މުޥައްސަސާ ސަލާމަތާއި ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ކޮންމެހެން ކުރާންޖެހިފައިވާ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުން ބިރުވެރިކަމުގެ ދުއްޔެއްގެ ތެރޭގައި ބޭތިއްބުމަކީ ކުރީގެ 30 އަހަރުގެ ޚުދުމުޚްތާރު ސަރުކާރުގެ ސިފައެއް ކަމަށާއި، އަލުން އަނބުރާ ރައްޔިތުން ބިރުވެރިކަމުގެ ތެރެއަށް ގެންދިއުމަށް ބާޣީ ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށެވެ. އެހެން ނަމަވެސް ދިވެހިން މިހާރު ތިބީ އެކެއް އަނެކެއްގެ ކިބައިން ހިއްވަރު ލިބިގަނެ ބިރު ފަހަނައަޅައި ގޮސް އަނެއް ދިވެހިރާއްޖޭގެ މަލަމަތީގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ސަރުކާރުން އިސްލާމީ މަރުކަޒު ގޮއްވާލައި އެ މަރުކަޒު ހުރި ބިމުގައި ފައްޅިއެއް އަޅަން މަސައްކަތްކުރި ކަމަށް އިދިކޮޅު މީޑިއާތަކުގައި ފަތުރާ ޚަބަރުތަކަށް ވެސް ރައީސް ނަޝީދު މިރޭ ރައްދުދެއްވިއެވެ.
” އަޅުގަނޑުމެން ސިހޭ އިސްލާމީ މަރުކަޒު ގޮއްވާލަން އުޅުން ކަމަށް ވާހަކަ ދެއްކީމަ. އަޅުގަނޑުމެންނަކީ މިސްކިތްތަކަށް އިޙްތިރާމް ކުރުމުގެ ގޮތުން ފައިވާން ބާލާފައި، ވުޟޫކޮށްގެން މިސްކިތަށް އަރާމީހުން. އަޅުގަނޑުމެންނަކީ މިސްކިތު ހަރިއްމަ ތެރެއަށް ކުޅުޖަހަން ބިރުގަންނަ މީހުން. މި ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން އެއްވެސް ދީނަކަށް އަޅުގަނޑުމެން ޖާގައެއް ނުދޭނަން.” ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެމްޑީޕީގެ ފިކުރާ އިދިކޮޅު ފަރާތްތަކުން ސަރުކާރު ބަޣާވާތަކުން ފޭރިގަތުމަށްފަހު، މިހާރު އެއީ ބަޣާވާތެއް ނޫނޭ ނުކިޔާ ކަމަށާއި، އެހެން ނަމަވެސް މިހާރު އެފަރާތްތަކުން ބުނަމުންދަނީ އެ ފަރާތްތައް އެ ބަޣާވާތުގައި ބައިވެރިނުވާ ވާހަކަ ކަމަށެވެ. މީގެ އިތުރުން ސަރުކާރުގައި ފައިސާ ނެތް ކަމަށް ތަކުރާރުކޮށް ބާޣީ ސަރުކާރުގެ އިސްވެރިން ވާހަކަދައްކަމުން ގެންދާތީ އެކަމަށް ރައްދު ދެއްވަމުން ފައިސާ ނެތް ދައުލަތެއް “ހިންގުމާއި ހަވާލުވީ ކާކު ބުނެގެންތޯ” ވިދާޅުވެ ސުވާލު އުފައްދަވާފައެވެ. އަދި ބާޣީ ސަރުކާރަށް ދިމާވެގެން އުޅެނީ ފައިސާގެ މައްސަލަ ނޫން ކަމަށާއި، ކަންކަން ހިންގާނޭ ގޮތާއި، ބާޣީ ސަރުކާރަށް ނޭނގެނީ ކަމަށް ވިދާޅުވިއެވެ.
” ބާޣީ ސަރުކާރުގެ އިސް ބޭފުޅުން ވަރަށް ގިނައިން ދައްކަވާ ވާހަކައެއް. ފައިސާ ނެތް ކަމަށް ވަރަށް ގިނައިން އެބަ ވިދާޅުވޭ. ކާކު ބުނެގެންތޯ ތިތަނަށް ވަނީ. އަޅުގަނޑުމެން އަތުގަ އެބައޮތޭ ކަންކުރާނޭ ގޮތް. އަޅުގަނޑުމެން ނުދައްކަން މުސާރަ ނުދެވޭނޭ ވާހަކައެއް. އަޅުގަނޑުމެންނަށް އިނގޭ އެކަންތައްކުރާނޭ ގޮތް، އެކަން ހިންގާނޭ އުސޫލު. އަޅުގަނޑުމެންނަކީ ރައްޔިތުންނަށް ޚިދުމަތްކުރަން ދަންނަ ބައެއް. ޚިދުމަތްކުރަން ނިކުތް ބައެއް.” ރައީސް ނަޝީދު ވިދާޅުވިއެވެ.