އެމްޑީޕީ އިންތިޚާބުގައި މާލޭގައި ވޯޓުލާ މަރުކަޒުތަކަކީ މާލެ ސިޓީ ހޯލާއި، މަންދު ކޮލެޖުގެ އިތުރުން އެމްޑީޕީ ހަރުގެ

މިއަންނަ ހޮނިހިރު ދުވަހު އޮންނަ އެމްޑީޕީ އިންތިޚާބުގައި މާލޭގައި ވޯޓުލާ މަރުކަޒުތަކަކީ މާލެ ސިޓީ ހޯލާއި، މަންދު ކޮލެޖުގެ އިތުރުން އެމްޑީޕީ ހަރުގެ ކަމަށް އެމްޑީޕީގެ އިންތިޚާބާއި ބެހޭ ކޮމިޓީން ބުނެފިއެވެ.

އެ ގޮތުން މާލޭގެ ރަށްވެހިންނަށް މާލެ ސިޓީ ހޯލުގައި ވޯޓު ފޮށިތައް ބަހައްޓާފައިވާ އިރު، މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ އެމްޑީޕީ މެންބަރުންގެ ތެރެއިން ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ދެމެދުގެ އަތޮޅުތަކުގެ މެންބަރުން ވޯޓުލުމަށް މާލޭގައި ބަހައްޓާ ފޮށިތައް ހުންނާނީ މަންދު ކޮލެޖު (ކުރީގެ އެމްއީއެސް ހިންގި އިމާރާތު) ގައެވެ. އެންމެ ދެކުނުގެ 4 އަތޮޅު ކަމަށްވާ ގއ، ގދ، ޏ އަދި އައްޑޫ ސިޓީގެ މެންބަރުންގެ ތެރެއިން މާލޭގައި ދިރިއުޅޭ މެންބަރުން ވޯޓުލާ ފޮށިތައް ހުންނާނީ އަމީނީ މަގުގައި ހުންނަ އެމްޑީޕީ ހަރުގޭގައެވެ.

މިއަންނަ ހޮނިހިރު ދުވަހު ހެނދުނު 9 ން ހަވީރު 4 އަށް މި 3 މަރުކަޒުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވޯޓުލުން ކުރިޔަށް ދާއިރު، ވޯޓުލާ ނިމުމަށްފަހު ވަގުތުން ވޯޓުލާ މަރުކަޒުގައި ވޯޓު ގުނައި، ވަގުތީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީގެ އިންތިޚާބާއި ބެހޭ ކޮމިޓީން ބުނެއެވެ.

ހޮނިހިރު ދުވަހު ބާއްވާ މި އިންތިޚާބުތަކުގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އާއި، ޗެއަރޕާސަން އާއި ޗެއަރޕާސަން ނައިބު (އިދާރީ) ހޮވުމަށް ބާއްވާ އިންތިޚާބާއި، ދާއިރާތަކުން ހުސްވެފައިވާ ބައެއް މަގާމުތަކަށް މީހުން އައްޔަންކުރުމަށް ބާއްވާ އިންތިޚާބެވެ. އޭގެ ތެރެއިން ރިޔާސީ ޕްރައިމަރީއާއި، ޗެއަރޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު އެޕްރީލް 12 ގެ ނިޔަލަށް އެމްޑީޕީގައި ރަޖިސްޓްރީވެފައިވާ ހުރިހާ މެންބަރުންނަށް ލިބިގެން ވާއިރު، ޗެއަރޕާސަން ނައިބު އިދާރީގެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލެވޭނީ އެންމެ ފަހުން ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން މިހާރު އެމްޑީޕީ މެންބަރުންގެ ގޮތުގައި ތިބި ފަރާތްތަކަށެވެ. އަދި ދާއިރާތަކުގެ އިންތިޚާބުގައި ވޯޓުލެވޭނީ އެ ދާއިރާއަކަށް ނިސްބަތްވާ އެމްޑީޕީގެ މެންބަރުންނަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް އެ ޕާޓީގެ އެންމެ އިސް ލީޑަރު އަދި ރާއްޖޭގެ އެންމެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުޙަންމަދު ނަޝީދު ކުރިމަތިލައްވާފައި ވާއިރު، ޗެއަރޕާސަން ކަމަށް ކުރިމަތިލައްވާފައި ވަނީ މިހާރު ވެސް އެ މަގާމު ފުރުއްވަމުން ގެންދަވާ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކެވެ. ޗެއަރޕާސަން ނައިބު (އިދާރީގެ) މަގާމަށް ކުރިމަތިލައްވާފައި ވަނީ ރައީސް ނަޝީދުގެ އިކޮނޮމިކް އެޑްވައިޒަރު އަލީ ޝިޔާމް އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އާއި ޗެއަރޕާސަން އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ޖުމްލަ އަދަދަކީ 48451 އެވެ.

އެމްޑީޕީގެ ރައީސް ނައިބު ރައީސްގެ މަގާމުގައި ތިއްބެވި ދެ ބޭފުޅުން އެ ޕާޓީގެ އަސާސީ ގަވައިދާއި ޚިލާފަށް އަމަލުކުރަމުން ގެންދިއުމާއި ގުޅިގެން ޕާޓީން ވަކިކޮށްފައިވާތީ، އެ ދެ މަގާމުގެ އިންތިޚާބު 31 އޮގަސްޓް 2012 ވާ ހުކުރު ދުވަހު ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.