ބަޣާވާތް ގެނައީ ކީއްވެ؟

ފުނަމާ

މަތިވެރިވެގެންވާ އިސްލާމް ދީން ދިވެހީންނަށް ﷲގެ ރަޙްމަތް ފުޅުން މިންވަރު ކުރެއްވިކަމީ ދިވެހީންނަށް ލިބިފައިވާ އެންމެ ބޮޑުނަސީބެވެ. މިއަކާމެދު ޝައްކުކުރާނެ އެއްވެސް ދިވެއްސަކު ނުހުންނާނެއެވެ. ދިވެހި މަޔަކާއި ބަފަޔަކަށް ދަރިޔަކު އުފަންވުމުން އެންމެ ފުރަތަމަވެސް ބަންގިދީ ، އެއަށްފަހު ގަމަތްދީ އިސްލާމެއްގެ ގޮތުގައި ތަރުބިއްޔަތު ކުރެއެވެ. އަކުރު ކިޔަން ކިރިޔާ އެނގޭއިރަށް ނިދުމުގެ ކުރީން ޝަހާދަތުގެ ދެކަލިމަ ކިޔައިދެއެވެ. އެގޮތުގައި ބޮޑުވެ ވާހަކަ ދެއްކޭއިރަށް އަކުރު ދަސްކޮށްދީ ގުރުއާން ކިޔަވައިދޭން ފަށައެވެ. ނަމާދުކުރާނެގޮތް ދަސްކޮށްދެއެވެ. މިއީ ދިވެހީން މުސްލިމުންގެ ގޮތުގައި ތިބުމުގެ އެންމެބޮޑު ސަބަބެވެ.

ތިމަންނާއަކީ މުސްލިމެއް ނޫނޭބުނެ މޭގައި އަތްޖަހާފައި ތެދުވާ އެއްވެސް ދިވެއްސަކަށް މިފަސްގަނޑުގައި އެއްވެސް ޖާގައެއް ނޯންނާނެއެވެ. ގާނޫނީގޮތުން އެފަދަމީހުންގެ ދިވެހި ވަންތަކަންވެސް ބާތިލު ކުރެވޭނެއެވެ. އެއްވެސް ދިވެއްސަކު އެފަދަ މީހަކު ގަބޫލެއްވެސް ނުކުރާނެއެވެ. ނަމަވެސް ކޮންމެވެސް ފަރަންޖީ ގައުމެއްގެ ފަރަންޖީ ދެމަފިރިއަކަށް އުފަންވާ ދަރިފުޅު ހަމަމިގޮތަށް އެމީހުން ބޮޑުކޮށް ތަރުބިއްޔަތު ކުރާނީ އެމީހުން ގަބޫލުކުރާ ދީނެއްގެ މަތީގައެވެ. އެދަރިއަކަށް އެންމެ ފުރިހަމަ ދީނެއްގެ ގޮތުގައި ބެލެވޭނީ އޭނާއެ ތަރުބިއްޔަތުވާ ދީނެކެވެ. ﷲގެ ރަޙްމަތްފުޅުން ކޮންމެވެސް ސަބަބަކާހުރެ އޭނާއަށް އިސްލާމް ދީނުގެ ހިދާޔަތު ދެއްވައިފުމަށް ދާންދެނެވެ.

ކޮންމެ ބަޔަކުވެސް އެބައެއްގެ ދީނަކީ އެންމެ ފުރިހަމަ ދީންކަމުގައި ގަބޫލުކުރެއެވެ. އެދީނަކަށް ފުރައްސާރަކުރާ ކޮންމެމީހެއްދެކެ އިންތިހާއަށް ރުޅިއާދެއެވެ. އެހެނީ ދީނަކީ މުޅިމީހާގެ ޢަގީދާއެވެ. ޝައްކެއްނެތި އަޅުގަނޑު މެންނީ އެންމެ ފުރިހަމަ ދީނުގެ އަހުލުވެރީންނެވެ. މިދީނުގައި އެހެންދީންތަކަށް ފުރައްސާރަ ކުރުންވަނީ މަނާކުރައްވާފައެވެ. އަޅުގަނޑުމެންނީ މުޅިކާއިނާތުގެ ވެރި މަތިވެރި ވަންތަ އިލާހަށް އީމާންވެގެން ތިބި މީހުންނީމުއެވެ. ދެދުނިޔޭގެ ބާއްޖަވެރިކަންވަނީ ތެދުވެރި މުސްލިމުންނަށެވެ. މިކަން ހަމަނޭނގޭ އެކަކުވެސް މިދިވެހި އުޑުދަށަކު ވަޒަންވެރިވެ ނޫޅޭނެއެވެ.

އަބުލްބަރަކާތު ޔޫސުފުލް ބަރްބަރީ ދިވެހިރާއްޖެ ވަޑައިގެން ރާއްޖެ އިސްލާމް ކުރެއްވި ހާދިސާއާއި ބެހޭގޮތުން ޒަމާނުއްސުރެ ދެކެވެމުންއައި ވާހަކަތަކަކީ އެވާހަކަ ތަކުގައި ކިތަންމެ ބުއްދި ގަބޫލުކުރާން ދަތި ކަންތައްތަކެއް ހުރިކަމުގައި ވީނަމަވެސް ޙަގީގަތްތަކެއް ހިމެނޭ ވާހަކަ ތަކެކެވެ. ރަންނަމާރީގެ ވާހަކައަކީ އެކިގޮތައް ދިވެހީން ގަބޫލުކުރާ ވާހަކައެކެވެ. ސުވާލުއުފެދޭ ހިސާބަކީ އެއިރު ރާއްޖޭގައި އުޅުނު ދިވެހީންނަކީ އެމީހުންގެ ކާބަފައިންގެ ފަރާތުން އެމީހުންނަށް ލިބިދިން ތަރުބިއްޔަތެއްގެ ދަށުގައި ކާފަރުންގެ ގޮތުގައި އުޅެމުންއައި ބައެއް ކަމުގައިވެފައި އެމީހުންގެ އީމާންއާއި އަގީދާ ބިނާވެފައި އޮންނާނީ އެމީހުން ޒަމާނުއްސުރެ ގަބޫލުކުރަމުންއައި ގޮތްތަކުގެ މައްޗަށް ކަމަށްވާހިނދު އެއިރު ރާއްޖޭގައި ހުންނެވި ރަސްގެ އިސްލާމްދީން ގަބޫލުކުރައްވައި މުޅިއެންމެން އެކުގައި އިސްލާމްވުމަށް ގޮވައިލެއްވުމުން އެންމެން އެކުގައި ދެޝަހާދަތް ކިޔައި އިސްލާމްވީ ވުމެވެ. ސުވާލަކީ އެމީހުންނަކީ އެހާ އަގީދާ ބަލިކަށި ބައެއް ބާވައެވެ. ފަހަރެއްގައިވެސް އެކަން އެހާއަވަހަށް ގަބޫލުކުރާން އުނދަގުލެވެ. މިއަދު ރާއްޖޭގެ ވެރިކަމުގައި ހުންނަ މީހަކު އިނގިރޭސި ވިލާތުގެ ފައްޅިއެއްގައި އޭނާގެ އަންހެނުންނާއި އެކުގައި އަޅުކަމެއްގައި ބައިވެރިވެފައި އައިސް މިގޮތައް ދިވެހީން އުޅޭށޭ ބުނެފިއްޔާ މިއަދުގެ ހުރިހައި ދިވެހީން އެކަމަށް އާނބަސްބުނެ އޭނާއަށް ބައިޢަތު ހިފާފާނެ ކަމުގައި ގަބޫލުކުރެވޭ ހެއްޔެވެ؟ ނޫނެކެވެ. ހަމަހިލާ އެހެން ނެހެދޭނެއެވެ.

މިކަމުން އެނގިފައުޅުވާ އެންމެބޮޑު ހަގީގަތަކީ އެޒަމާނުގައި ދިވެހި ރައްޔިތުންނަކީ އެމީހުންގެ ވެރީންގެ ދަށުގައި އަޅުވެތިވެ ހަފުސްވެފައިތިބި ބައެއްކަމެވެ. ތިމާމެންގެ އަގީދާއަކީވެސް ރަދުންގެ މުށުތެރޭގައި އޮންނަ އެއްޗެއް ކަމެވެ. ދެންބުނާންވީ ﷲތަޢާލާ މިންވަރު ކުރެއްވުމުން ވަގުތުއައިސް ޖެހުމުން އެންމެން އެކުގައި އިސްލާމްވީ ކަމަށެވެ. ތެދެކެވެ. ހެޔޮހިތުން ގަބޫލުކުރަމެވެ. ކުމްފަޔަކޫންގެ ތަފްސީރު އެނގެއެވެ. އެގޮތަށް އެކަން ވުމުން މިއަދު އަޅުގަނޑުމެންނަކީ މިދުނިޔޭގައިވާ އެންމެ ނަސީބުގަދަ އެއްގައުމުގެ އަހުލުވެރީންނެވެ. މިކަމާ ދެކޮޅެއް ނަހަދަމެވެ. ނަމަވެސް ﷲތަޢާލާ މިދުނިޔެއަށް އެކިޒަމާނުގައި ރަސޫލުންނާއި ނަބިއްޔުން ފޮނުއްވިއެވެ. އެއިން އެއްވެސް ބޭކަލަކަށް ހަމަގައިމުވެސް އެންމެ ބަސްފުޅަކުން ނުވަތަ ﷲދެއްވި މުޢުޖިޒާތަކުން މުޅިގައުމު އެކުގައި އެއްފަހަރާ ﷲގެ ދީނަށް އަނބުރުވާ ލެވިފައިވާ ކަމެއް ނުދަންނަމެވެ. ވީއިރު އަބުލްބަރަކާތުލް ބަރްބަރީ ( ރަޙްމަޙުމުﷲ ) އާއި ތީމުގޭ މަހާކަލަމިންޖާ (އިސްލާމް ވުމަށްފަހު މުޙަންމަދުބުނި ޢަބްދުﷲ) ވިދާޅުވި އެންމެ ވިދާޅުވުމަކަށް އެކަން އެގޮތައް ބަދަލުވެގެން ދިޔައޭ އެބުނާ ބުނުން ސަބަބަކާ ނުލައި ގަބޫލުކުރަން މިއުޅެނީ އުނދަގޫ ވެގެންނެވެ. ނަމަވެސް އެސަބަބަކީ ކުރީންވެސް ދެންނެވިހެން ރަދުންގެ ނުފޫޒާއި ބާރުކަމުގައި ބެލެވޭނަމަ ގަބޫލުކުރާން ވަރަށް ފަސޭހައެވެ. އެހެނީ މިދިވެހީންނަކީ އަބަދުވެސް އެމީހުންގެ ވެރީން ހިތުހުރިގޮތަކަށް ދަމާ ލަންބައި މަޖުބޫރުކޮށްގެން ގެންގުޅޭ ބައެއްކަން ތާރީޚުން އެނގޭން ފަސޭހަވުމެވެ. ކޮންމެ ކަމެއްގައިވެސް ވެރިމީހާ އެންގި ގޮތަކަށް ތަބާވުން ދިވެހީންނަށް އަބަދުވެސް ގާނޫނަކުން ނަމަވެސް ލާޒިމު ކުރެއެވެ. އެހެންނޫނީ ކޮންމެވެސް ސިފައެއްގައި އެމީހަކަށް ޙައްގުވާނީ ވޭންދެނި އަދަބެވެ. މިސާލަކަށް ރަދުން ވެލާމަސް ހަރާމޭ ބުނީމައި އެހިނދުން ހަރާމް ވާނެއެވެ. ފުރެއްދެ އޮޑީގެ ދެއޮޑި ނުދުއްވާ ގެއެއްގައި ތިންކުރު އެއްކޮށް ކެއުން މަނާކަމުގައި ކޮލިފަތްތޫރަ ހިންގުމުން އެކަން އެމަނާވީއެވެ. ދެބަހެއް ބުނެފިނަމަ އެރައްޔިތަކަށް ހުރީ ފެންނާންހުރި ރަތްމަރެވެ. މިވާހަކަ މިހެން ދަންނަވާއިރުވެސް ދިވެހީން އިސްލާމްދީން ގަބޫލު ކުރުމަށްފަހު މިއަދާ ހަމަޔަށްވެސް ދިވެހީންގެ އަގީދާއާއި ކުޅެލެވުނު ހަމައެއްބަޔަކުވެސް މިގައުމަށް ވެރިވެފައެއް ނެތޭ ދެންނެވިދާ ހަގީގަތަކީ މިއަދާ ހަމަޔަށްވެސް ދިވެހީން އިސްލާމްދީނުގައި ސާބިތުވެ ތިބިތިބުމެވެ.

ދެންމެ މިދަންނަވާލި ވާހަކަތަކުން ނުބައި މައުނައެއް ނުނަންގަވާނަމަ ދަންނަވާލަން އޮތީ އަޅުގަނޑުގެ މިހިއްސާކޮށްލީ ދިވެހިތާރީޚުން އެނގޭންއޮތް އެންމެމުހިންމު ހާދިސާއަކާއި ގުޅުވައި ދިވެހީން އަބަދުވެސް ވެރީންގެ އަޅުވެތި ކަމުގައި ތިބިތިބުމެވެ. މިއަދު ރާއްޖެ މިވަނީ މުޅީން އެހެން ނިޒާމެއް ބޭނުންވެފައެވެ. ވެރީން ހިތުހުރިހައި ގޮތަކަށް ރައްޔިތުން އަޅުވެތި ނުކުރެވޭނެ ނިޒާމެކެވެ. ދިވެހީންނަށް އަޅުގަނޑުމެން މިތިބަގޮތުގައި އެންމެ ފުރިހަމަޔަށް އިސްލާމްދީނުގައި ތިބުމުގެ މިނިވަންކަން ލިބުމެވެ. ޙައްގާއި އެއްގޮތަށް ބަސްބުނާ ، މުންކަރާތްތައް ނަހީކުރާ ބައެއްގެ ގޮތުގައި ފުރިހަމަވެ ތިބުމުގެ ނިޒާމެކެވެ. އެކަމަށްޓަކައި އަޅުގަނޑުމެންގެ މިއަދުގެ ގިނަދިވެހީންނަށް ފެނުނީ ޑިމޮކްރަސީ މިގައުމުގައި އަށަގެންނެވުމެވެ. އެންމެ މީހަކު މުޅިއެންމެންގެ މައްޗަށް ބާރުވެރި ކުރުވުމަށްވުރެ އިސްލާމީ ރިވެތި އުސޫލުން ޝޫރާގެ މަތިވެރި ޝިއާރު ރާއްޖޭގައި ގާއިމްކޮށް ހިންގުމެވެ. ޚަލީފާ ޢުމަރު ފަދަ ވެރީންނާއިވެސް ރައްޔިތުން ބޭނުންވެއްޖެނަމަ ސުވާލުކުރެވުނު އަދި ސައްޙަ ގޮތުގައި ޖަވާބުދެއްވާ ވެރީން މިގައުމަށް ގެނެސް ރައްޔިތުންގެ ޚާދިމުންގެ ގޮތުގައި އެމީހުން ބޭތިއްބުމެވެ. ރައްޔިތުންނަށް އިޚުލާސްތެރި ތެދުވެރީން ، ޚިދުމަތުގާރުން މިގައުމުގެ ވެރީންނަށް ލުމެވެ. ނަމަވެސް މިގައުމުގައި އެންމެފުރަތަމަ އުފެދުނު ޖުމްހޫރިއްޔާ ނައްތާލިހެން ، މިގައުމުގައި ދެހާސް އަށްވަނަ އަހަރު ފަށައިގަނެވުނު މަލްޓިޕާޓީ ޑިމޮކްރަސީއަކީ ވެރިމީހާ އަށްވުރެ ރައްޔިތުން ބާރުވެރިވާނެ ނިޒާމަކަށް ވާނެތީއާއި އެކަން ސާބިތުވެ ރައީސް ނަޝީދުގެ ސަރުކާރުގައި ތިންއަހަރުން ދައްކައި ދިނުމުން މިކަމާ އިދިކޮޅު ބަޔަކު ބިރުން ސިހި ނިކުމެ ބަޣާވާތަކުން މިގައުމުގެ ވެރިކަން އަނެއްކާވެސް ޚުދުމުޚުތާރު ވެރީންގެ ދަށުގައި ރައްޔިތުން ފިތި ހަފުސްވެފައި ތިބޭންޖެހޭނެ ނިޒާމަކަށް މިވަނީ ބަދަލުކޮއްލާފައެވެ. ބަޣާވާތެއް ކުރާންޖެހުނީ އެހެންވެއެވެ. މިއަދު މިގައުމު ބަނޑުދަށު ލައިގެންހުރި މީހާ އޭނާގެ އަންހެނުން ކަފުޖަހައިގެން ފައްޅިތަކަށް ވަދެ ދިވެހީންނަށް އެދައްކައިދެނީ ދިވެހީން އުޅޭންވީގޮތެވެ. ވެރިމީހާއާއި ތަބާވާން ޖެހޭނެކަން އަންގައި ފުލުހުންނާއި ސިފައިން ނެރެ މަޖުބޫރުކުރާނެ ދުވަސް މާކަދުރަކު ނޯންނާނެއެވެ.

މިއަދު ގެނެސްގެން މިއުޅޭ ބަޣާވާތުގެ އަސްލު މަގްސަދަކީ ރައްޔިތުން އަޅުވެތި ކުރުވުމުގެ ނިޒާމް އާލާކޮށް އަލުން ދިރުވުމެވެ. ރާއްޖެއިން ޑިމޮކްރަސީ ނައްތާލުމެވެ. އިސްލާމްދީން ފޮހެލުމެވެ. އަލާމާތްތައް އެހެރަދަނީ ފެންނަމުން ދައްކަމުންނެވެ. ކީރިތިﷲ މިގައުމު ބާޣީންގެ މުށްދަށުން ސަލާމަތް ކުރައްވާށިއެވެ. އާމީން .