ގަމު ތުނޑީ އަވަށުގައި އިމާރާތްކުރާ އެމްޑީޕީ ހަރުގޭގެ މަސައްކަތް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ – އެމްޑީޕީ ގަމު ދާއިރާ

ލ. ގަމު ތުނޑީ އަވަށުގައި އިމާރާތް ކުރަމުންދާ އެމްޑީޕީގެ ހަރުގެ އިމާރާތްކުރުމުގެ މަސައްކަތް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނޭ ކަމަށް އެމްޑީޕީ ގަމު ތުނޑީ ދާއިރާއިން މައުލޫމާތު ދީފިއެވެ.

ގަމު ތުނޑީގައި އިމާރާތްކުރަމުންދާ 50 ފޫޓު 25 ފޫޓުގެ މި ހަރުގެއަކީ އެ ރަށު އެމްޑީޕީ މެންބަރުން އެއްތަނަކަށް އެއްވެ ޕާޓީގެ ހަރަކާތްތައް ހިންގުމުގައި ދަތިތަކާއި ކުރިމަތި ވެފައިވާތީ އެކަން ހައްލުކޮށް، އެމްޑީޕީގެ ހަރަކާތްތައް ގަމު ތުނޑީ އަވަށުގައި އިތުރަށް ފުޅާކުރުމަށް އިމާރާތްކުރަމުންދާ ހަރުގެއެއް ކަމަށް އެ ދާއިރާއިން މައުލޫމާތުދެ އެވެ. އަދި މި ހަރުގެ އިމާރާތްކުރެވެމުންދަނީ މާލެ އާއި ތުނޑީގެ އެމްޑީޕީގެ ވަރަށް ގިނަ މެންބަރުންގެ ދީލަތި އެހީތެރިކަމާއި އެކު ކަމަށާއި، އިމާރާތްކުރުމުގެ މަސައްކަތްކުރަމުންދަނީ ވެސް އެ އަވަށުގެ އެމްޑީޕީ މެންބަރުން ކަމަށް އެމްޑީޕީ ގަމު ދާއިރާއިން ބުނެއެވެ.

މިހާރު ކޮންކްރީޓް މަސައްކަތް ކުރަމުންދާ މި ހަރުގޭގެ ބިންގާއަޅާފައިވަނީ އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އުފަން ދުވަސް ކަމަށްވާ 17 މެއި 2012 ވީ ބުރާސްފަތި ދުވަހު، އެ މުނާސަބަތާ ގުޅުވައިގެންނެވެ. ބިންގާ އަޅުއްވައިދެއްވީ ގަމު ތުނޑީ އަވަށުގެ އެމްޑީޕީ އިސް ހަރަކާތްތެރިއެއް ކަމަށްވާ އެއަވަށު ޑިއުޓީލައިޓް ގާސިމް އިބްރާހީމް އެވެ.