ސަލާމަތުގެ އައްސޭރިއަށް ދެވޭނީ އަލުން ކަމަރު ބަނދެގެން

ފުނަމާ

މިގައުމުގެ އިސްތިގްލާލް މިވަނީ އަނިޔާވެރި ބައެއްގެ މުށްދަށުލައި ފުނޑުފުނޑު ކޮށްލާފައެވެ. ގައުމުގެ މިނިވަންކަން މިވަނީ ސިފައިންނާއި ފުލުހުންގެ ހަތިޔާރުތަކުގެ ކުރިމަތީގައި ގެއްލި އަވަދި ވެފައެވެ. ރައްޔިތުން އިންތިޚާބުކުޅަ ގާނޫނީ ސަރުކާރު މިވަނީ ބަޣާވާތަކުން ވައްޓާލާފައެވެ. މިއަކީ ޝައްކެއް ވަސްވާހެއް އޮތްކަމެއް ނޫނެވެ. ފެންނާންހުރި ހެކިތަކާއި ކަންހިނގައިދިޔަގޮތް އެންމެހައި ދިވެހީންވެސް ދުށީ އެހައްދުވަހުއެވެ.

ޕޯޗުގީޒުން ރާއްޖެއެރި ވާހަކައާއި، މަލާބާރީންނާއި ހޮޅީންގެ އަނިޔާތަކުގެ ވާހަކަ އަހަރެމެން ކިޔައި އުޅެނީ ފޮތްތަކުންނެވެ. މިއަދު އެއަށްވުރެ އަނިޔާވެރިކަން މިދެކެނީ ހަމަލޮލުންނެވެ. ފުލުހުންނާއި ސިފައިން ބޭނުންވެއްޖެނަމަ މީހެއްގެ އަންބެއް މީހެއްގެ މުދަލެއް ފެލާލާކަށް ކުޑަކޮށްވެސް ޖެހިލުމެއް ނުވެއެވެ. އެމީހުންގެ މުޅި އީމާނަކީ އެމީހުންނަށް މިލާއިންސާނީ ބާރުތައް ހޯދައިދިން ބާޣީ ސަރުކާރު ޙިމާޔަތްކޮށް ދެމެހެއްޓުމެވެ. އެނޫންކަމެއް އެމީހުންގެ ސިކުނޑީގައި އެއްގޮތަކަށްވެސް ނެތެވެ.

މިގައުމުގެ ރައްޔިތުން މިއަދު މިތިބީ ބިރުވެރި ކަމެއްގެ ތެރޭގައެވެ. ޕެޕަރ ސްޕްރޭ ޖަހާފައި އަނބިދަރީންގެ ގަހަނާ ކޮޅާ ހޯދައިފައިހުރި މުދާކޮޅާ ދަރިފުޅަށް ބުއްދަޅު ގަންނާން މަންމަގެ ދަބަހުގައި ހުރި ލާރިކޮޅު ފުލުހުންނާއި ސިފައިން ވަދެ ދަމައި ގަންނާނީ ކޮންއިރަކު ކަމެއް ނޭނގެއެވެ. ދޭސީންނާއި، ބިދޭސީންނަށްވެސް މިގައުމުގައި އަމާންކަމެއް ނެތެވެ. މަގުހިނގައި ދާއިރު ފޭރިގަތުމާ ކަރުގައި ވަޅިއަޅައި މަރާލުން މިވަނީ އާންމުވެފައެވެ.

ގައުމުގެ ރައީސްއޭ ބުނާމީހާ އެއުޅެނީ ދުނިޔޭގައި ހުރި ބޮޑެތި ފައްޅިތަކުގައި އަޅުކަން ކުރާށެވެ. އިއްޔެ، އެހައްދުވަހު ފަރަންޖީންގެ ރާނީގެ ތަޚުތުގެ އަހަރީދުވަސް ފާހަގަކޮށް އެކަމާ ގުޅިގެން ބޭއްވި ފަރަންޖީ އަޅުކަމުގައި ބައިވެރިވެ ސިމިސިމި ލައްވާން އެއިނީ އަހަރެމެން އެންމެންގެ ކުރިމަތީގައެވެ. ދުނިޔޭގެ ޓީވީ ޗެނަލުތަކުން އެމަންޒަރު ގައިމުވެސް އެދެއްކީއަކީ ކުޅެގެންނެއް ނޫނެވެ. އެއީ ޙަގީގަތެވެ. ދެންއެބުނާ އިސްލާމްކަން އޮތީ ކޮންތާކުހެއްޔެވެ؟ މިގައުމުގައި އެތިބަކަމަށްބުނަ މޮޅު ފަހަރި ޝޭޚުން އެތިބީ ހޭދެބައި ވެފަހެއްޔެވެ؟ ދީން ހިމާޔަތް ކުރާށޭ ކިޔައި ނުކުމެ އެގޮވި އެތިވަރުތަކުގެ މާނައަކީ ކޮބައި ހެއްޔެވެ؟

ޔަހޫދީ ޕުރޮޕެގެންޑާ ފަތުރާ ޖަމާއަތަކާ ގުޅިގެން ގައުމުގެ ބައިތުލްމާލުން އެތައް މިލިޔަން ރުފިޔާއެއް ޚަރަދުކޮށް އެތިބަގެން ގަންނަ ގަނޑަކީ ގިޔާމަތަށްޓަކައި ކުރާ އަޅުކަމެއް ކަމުގައި ދެކެނީ ހެއްޔެވެ؟ މިގައުމުގެ ރައްޔިތަކަށް އެއްވެސް ޚިދުމަތެއް ނުދީ ފައިސާ ފުނިވަރު ބަށްކޮށްގެން މުޅިދުނިޔޭގައި ދުއްވައި ފައްޅިތަކުގައި ކާފަރު ފާދިރީންގެ ފަހަތުގައި އަޅުކަންކުރަން ގައުމުގެ އެންމެ މަތީ ރަސްގެއާއި ރާނީ އަކީ ތިމަންނާ މެންނޭ ބުނާ ދެކާޅު އެތިބެނީ ކޮންއެއްޗެއް ބޮއެގެންބާވަޔޭ މަހިތަށް އަރައެވެ.
ތިމަންނާމެން ވެރިކަމާ ހަވާލުވީ ރައްޔިތުންނަށް ވަކިކަމެއް ކޮއްދޭނަމޭ ބުނެފައެއް ނޫނޭ އެހެންވެ އެއްވެސް ކަމެއް ކޮއްދޭކަށް ނުޖެހެޔޭ ފަހަރި މުއްލާ އަރައި އެމީހުންގެ ކަލާންގެ ކަމުގައި ދެކޭ މަހުޖަނު ކަލޭގެގެ ޓީވީ ޗެނަލުގައި ގޮވައި ނެގިއިރު ލަދުހަޔާތުގެ ކުޑަވެސް މިންވަރެއް ހުރިބާވައެވެ. ތިމާމެން މިފަތަނީ ތިމާމެންނަށް ހައްގުނޫން ބާރުތަކެއް ފޭރިގަނެގެން އަރާތިބެ ރައްޔިތުންގެ މުދާތަކެއްގެ މަތީގައިކަން ހަމަ ނޭނގެނީ ބާވައެވެ؟ މުޅިދުނިޔެ ކުޑަކޮށް މީހުންމަރައި ތަންތަން ގޮއްވަން މުޅިއުމުރުގެ ބޮޑުބައި ހޭދަކުރި ޓެރަރިސްޓުން މިއަދު އަރައި ތިމާމެންނީ މަތިވެރި ވެގެންވާ އިސްލާމްދީނުގެ ނަބީބޭކަލުންގެ ވާރިސުން ކަމުގައި އިއުލާނު ކުރާކަށް ޖެހިލުމެއް ނުވޭހެއްޔެވެ؟

ވެރިކަމެއް ފޭރިގަނެގެން ތިބިއިރު ތިމާމެންނާއި އެކުގައި މިބޮޑު ޖަރީމާގައި ބައިވެރިވި ބައިގަނޑުގައި ތިބި މީސްކޮޅަށްވެސް މިއަދު ހަދަނީ މަކަރެވެ. ކެޔޮގަނޑު ކަނޑާލީމައި ގަހުގެ ބޭނުމެއް ނެތޭކިޔައި އިއްޔެ އެވަރެއް ނެތިގެން ތިމަންނާމެންގެ ވަޒީރުންނޭ ގޮވިމީހުން މިއަދު އެކުރަނީ މަގުމައްޗެވެ. ރައްޔިތުންނަށް އިތުރަށް ހަރާމްކޯރު ވާކަށް އެންމެ ތަންފުކެއްވެސް ދޫކޮށް ނުލައި ހަރާމްކޯރުވެ ނިމިއްޖެއެވެ. ރައްޔިތުންގެ އެއްވުންތައް ރޫޅާލަނީ ޕެޕަރ ސްޕްރޭއާއި ދަނގަނޑު މުގުރާއި ރަބަރު ވަޒަނުންނާއި، ބުލްޑޯޒަރ ބޭނުން ކޮށްގެންނެވެ. އެކަމަކު އަނގަފުޅާ ކޮށްފައި ގޮވަނީ ތިމަންނާމެންނަކީ މިގައުމުގެ ގާނޫނީ ވެރިން ކަމުގައެވެ. މިކުރަނީ ދުނިޔޭގައިއޮތް އެންމެ ހެޔޮވެރިކަމޭއެވެ. މިބައިގަނޑުގެ ތަސައްރަފާ މެދުވެސް ޝައްކު އުފެދެނީ އެކަންޏެއް ނޫނެވެ. ޔަގީން ކަށަވަރެވެ. މިއީ ވެރިކަމާ ނިފާގާއި ވަހުޝީ ކަމުން ފުރިފައިތިބު މަޖުނޫނު ތަކެކެވެ. ދެލޯބޮޑުވެފައިތިބި ބަކަމޫނުތަކެއް ފަދައެވެ. ރަވޯކައިގެން އުޅޭ ކާޅުތަކެއް ފަދައެވެ. އެމީހުންގެ މިސާލަކީ މިއެވެ.

މިގައުމާއި ރައްޔިތުންގެ ހިމާޔަތުގައި ފުރާނަދޭން ޖެހުނަސް އެކަންވެސް ކުރާނެ ކަމުގައި ﷲގެ ރަސްކަންފުޅު ގަންދީ ބޮޑުހުވަޔެއް ކޮށްގެން އެތިބަ ފުލުހުންނާއި ސިފައިންގެ މިއަދުގެ ހާލަތު ޑުރެކިއުލާ ތަކަކަށްވުރެ ނުބައި ވެއްޖެއެވެ. ބޮޑުމުގުރު ހިފައިގެން އައިސް ރައްޔިތުންގެ ބޯތައް ފަޅައި ކަތިލައި ނިންމާލާނީ ކޮންވަގުތަކު ކަމެއް އަމުދުންނޭނގި ރައްޔިތުން މިތިބޭން ޖެހެނީ އަބަދުމެ ސިހިސިހިއެވެ. ބިރުން ގޮތް ހުސްވެފައެވެ.

ލޮބުވެތި ދިވެހި ރައްޔިތުންނޭވެ! މިގައުމުގެ އަސްލު ހައްގުދާރުންނަކީ އަޅުގަނޑުމެންނެވެ. މިގައުމަށް ފޫޅުކެނޑި ދިވެހި ރައްޔިތުންނެވެ. މިޔަކީ މިގައުމުގެ ފުލުހުންނާއި ސިފައިންނާއި އެމީހުންގެ ހެވަތުގައި ގައުމު ޖަހައިގަނެގެން އެތިބަ ބާޣީ ކާޅުތަކުގެ އެކަނި މިލްކެއް ނޫނެވެ. އެއީ މިގައުމުގެ ޚާއިނުންނެވެ. އަޅުގަނޑުމެންގެ ދުޝްމިނުންނެވެ. ފަސާދަވެރި ނުބައިނުލަފާ ޖާހިލުންނެވެ. އެމީހުންގެ ދީން ދުނިޔޭގެ އަރާމާއި މަންފާއަށްޓަކައި ކުޑައަގެއްގައި ވިއްކާލައިގެން އެތިބަ މަލްއޫނު ފަހަރި ޝޭޚުންގެ ދުލުގެ ދަށުވެގެންތިބި މުޖުރިމުން ތަކެކެވެ. އެމީހުންނާއި ކުރިމަތިލައި އެމީހުންގެ ސައިޒަކީ ކޮބައިކަން އެމީހުންނަށް ދައްކާން އަޅުގަނޑުމެން ޖެހިލުން ވެގެން ނުވާނެއެވެ. އެންމެ ފިޔަވަޅެއްވެސް ފަހަތައް އަޅައިގެން ނުވާނެއެވެ. މިގައުމާއި ރައްޔިތުންގެ ހައްގުގައި އަޅުގަނޑުމެން ފަށާފައިމިވާ ޖިހާދުގައި އަމިއްލަ ފުރާނައިން ގުރުބާންވެ ދާން ޖެހުނަސް ބާޣީންނަށް އަޅުގަނޑުމެން އަމާން ދީގެން ނުވާނެއެވެ. މިގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސް ރައްޔިތުންގެ ވެރިކަން ރައްޔިތުންނާއި ހަވާލުކުރުމަށް ކުރާންޖެހުނު ކޮންމެ މަސައްކަތެއް އަޅާންޖެހުނު ކޮންމެ ފިޔަވަޅެއް ފިސާރި ސާބިތުކަމާއި އެކުގައި އެޅުމަށް އަޅުގަނޑުމެން އަލުންއާ އަޒުމެއް ކަނޑައަޅާން ވެއްޖެއެވެ. ނުބައި ނުލަފާ ސިންގާގެ ވަކިތަކުން އަޅުގަނޑުމެންގެ މިޖީލު ސަލާމަތް ކުރުމުން އަނެއްކާ އަނބުރައި އެސުންޕާ ވޭނުގެ ތެރެއަށް އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުން އެގެންދިޔަ ގޮތާމެދު ވިސްނައި ސަމާލުވެ މިގައުމު އަނިޔާވެރި ޚާއިނުންގެ ކިބައިން މުޅީން ސަލާމަތްކޮށް މިންޖުކުރުމަށް އަޅުގަނޑުމެން ހިކުމަތްތެރިކަމާ ، ވިސްނުންތެރިކަމާ، ކެތްތެރިކަމާއެކު އަލުން ކަމަރު ބަނދެލާންވީ ވަގުތު އަތުވެއްޖެއެވެ. މަގައުމު ސަލާމަތުގެ އައްސޭރިޔަށް ގެންދެވޭނީ އޭރުންނެވެ.