އެމްޑީޕީގެ ކުރިމަގު މިފެންނަނީ ވަރަށް އުޖާލާކޮށް

ފުނަމާ

ތާރީޚު ބުނާގޮތުންނަމަ ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ސިޔާސީ ޕާޓީއަކީ އަމީންދީދީގެ ޒަޢާމަތުގެ ދަށުގައި އުފެދުނު މުތަގައްދިމް ޕާޓީއެވެ. އެޒަމާނަކީ ރާއްޖެ އިނގިރޭސީންގެ ޙިމާޔަތުގެ ދަށުގައި ތިބި ދުވަސްވަރަކަށް ވުމާއެކު އެޕާޓީ އުފެދިގެން އައުމުގައި އިނގިރޭސީންގެ ކޮންމެވެސް ބައިވެރިވުމެއް ނުވަތަ އެއިރުވެސް އިނގިރޭސީންގެ ތެރޭގައި ތަފާތު ސިޔާސީ ޕާޓީތައް އޮތްއޮތުން އެއީ ނަމޫނާއެއް ކަމުގައި ބައްލަވައިގެން ރާއްޖެއަށްވެސް މަލްޓިޕާޓީ ޑިމޮކްރަސީއެއް ގެނައުމުގެ އުންމީދުގައި އަމީންދީދީ އެޅުއްވި ހަރުދަނާ ފިޔަވަޅެއް ކަމުގައި ވުމީވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް ކުރުމުއްދަތެއްގެ ތެރޭގައި އެޕާޓީއާއި އަމީންދީދީވެސް އަޅުގަނޑުމެންނާއި ވަކިވެދިޔައީއެވެ. ކީރިތި ﷲ އަމީންދީދީގެ ފުރާނަފުޅަށް ހެޔޮރަޙުމަތް ލައްވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާށިއެވެ.

ދިވެހިރާއްޖޭގައި ދެވަނައަށް އުފެދުނު ސިޔާސީ ޕާޓީއަކީ ގައިމުވެސް އަޅުގަނޑުމެން އެޕާޓީއަކަށްޓަކައި ފަޚުރުވެރިވާ އެމްޑީޕީއެވެ. މިޕާޓީ އުފެދުނީ އެއިރު މިގައުމުގައި އޮތް އަނިޔާވެރި ޚުދުމުޚުތާރު ސަރުކާރަށް ނިމުންގެނެސް މުޅީންއާ ނިޒާމެއްގެ ވެރިކަމެއް މިގައުމުގައި ބިނާކޮށް ދިވެހިރައްޔިތުންނަށް އެކާވީސްވަނަ ގަރުނު ފެށުނުއިރުވެސް ނުލިބިވާ ތަހުޒީބާއި ތަމައްދުންގެ އިތުރުން ދުލާއި ގަލަމުގެ މިނިވަންކަން އެންމެ ފުރިހަމަ ގޮތުގައި ހޯދައިދިނުމުގެ މަތިވެރި މަގުސަދުގައެވެ. މަލްޓިޕާޓީ ޑިމޮކްރަސީ ތަޢާރަފުކުރުމުގެ ހަގީގީ ނިޔަތާ އެކުގައެވެ.

ގިނަބައެއްގެ ހިތުގައި އަޅުވެތިކަމުގެ ކަސްތޮޅުތަކުން ނެއްޓުމުގެ ނިޔަތް އޮތްނަމަވެސް އެއިރުއޮތް ސަރުކާރުގެ އަނިޔާވެރިކަމާ ދުނިޔޭގެ އެންމެ ޚުދުމުޚުތާރު ވެރީންގެ ތެރޭގައި ހިމެނި ރެކޯޑެއް ގާއިމުކޮށްފައިވާ ޒަލީލު ވެރިމީހާގެ މަޅިދަށުވެ ދިރިއުޅުން އަވަދިވެ ހިނގައިދާނެ ކަމުގެ ބިރުގައި ޖެހުނީ ތިބޭށެވެ. ނަމަވެސް މަދުބަޔަކު ޚާއްސަކޮށް ގ. ކެނެރީގޭ މުޙަންމަދު ނަޝީދުގެ ލީޑަރޝިޕުގައި ނުކުމެ ފިސާރި ކެރިގެން އެއިރުގެ ސަރުކާރާ އިދިކޮޅަށް މިޕާޓީ އުފެއްދުމުގެ މަސައްކަތް ފަށައިގަތެވެ. މުޅިގައުމާއި ރައްޔިތުންގެ ޙައްގުގައި ކުރެވުނު އަގުހުރި މަސައްކަތުގައި އެތަކެއް އަނިޔާތަކާއި ވޭންތައް ތަޙަންމަލު ކުރުމަށްފަހު އެންމެ ފަހުން އެސަރުކާރަށް މަޖުބޫރުވީ އެމްޑީޕީ ރާއްޖޭގައިވެސް ރަޖިސްޓްރީކޮށް ހިންގުމުގެ ހުއްދަ ދޭށެވެ. އެމްޑީޕީ އުފެއްދުމަށްޓަކައި މިޕާޓީގެ ލީޑަރޝިޕުން ކުރެއްވި ބޮޑެތި ޖިހާދުތައް މިއަދުއެވަނީ ލިޔެވި ފެންނާންކަމުން އެބަޔަށް ދާކަށް ނެތީމެވެ.

އެމްޑީޕީ އުފެދި ރަސްމީކޮށް ހިނގައިގަތުމާއެކު މިޕާޓީގެ އެންމެ ފުރަތަމަ ރައީސްއެއްގެ ގޮތުގައި ވުމުގެ ޝަރަފު ހޯއްދެވީ އޮނަރަބަލް އިބްރާހީމް އިސްމާޢީލްއެވެ. އެމަނިކުފާނުންގެ ރައީސްކަމުގެ ދައުރުގައި މިޕާޓީ ހޯދިކާމިޔާބީ ތަކަށްޓަކައި މިއަދުވެސް މިޕާޓީގެ މެންބަރުން ފަޚުރުވެރި ވާނެކަން ޔަގީނެވެ. ފިސާރި ނުގުޑަފަދަ އަޒުމެއްގައި އިބުރާ އެކުރެއްވި މަސައްކަތުގެ އެންމެ ފުރިހަމަ ނަތީޖާއާއި ހަމަޔަށް ނުދަނީސް އެއިރުގެ ސިޔާސީވެށީގެ ކޮންމެވެސް ކިލަނބުކަމެއްގައި އެމަނިކުފާނުން މިޕާޓީން އިސްތިޢުފާ ދެއްވައި އެހެން ސިޔާސީ ޕާޓީއެއް އުފެއްދެވިއެވެ. ނަމަވެސް އެމްޑީޕީއެކޭ އެއްގޮތަށް އެއްއަމާޒަކަށް މަސައްކަތް ކުރެއްވުން ދޫކޮށެއް ނުލައްވައެވެ.

އިބުރާގެ ރައީސްކަމަށްފަހު މިޕާޓީގެ ހިންގުމާ ޙަވާލުވެ ވަޑައިގެން ޕާޓީ ސަމާލުކުރެއްވީ އޮނަރަބަލް އިބްރާހީމް ހުސައިން ޒަކީއެވެ. ޕާޓީގެ ގައުމީ ޗެއަރޕާސަންގެ މަގާމުގައި ހުންނެވީ މުޅިމިޕާޓީ އެބޭފުޅަކަށް ޓަކައި މިއަދުވެސް ފަޚުރުވެރިވާ ގ. ކެނެރީގޭ މުޙަންމަދު ނަޝީދެވެ. ޕާޓީއޮތީ ފިސާރި ބަދަހިކޮށް ސަފުތައް ނުރޫޅޭނެ ގޮތެއްގައި ސާބިތުވެއެވެ. އެއިރުގެ ސަރުކާރުން ރާވަމުންގެންދާ ބޮޑުމަޅީގައި ނުޖެހި ސަލާމަތް ވުމުގައި ޕާޓީގެ ލީޑަރޝިޕާއި މެންބަރުން ތިއްބެވީ ފިސާރި ހޭލައި ސަމާލުވެގެންނެވެ.

ހުސްވެގެންދިޔަ ރައީސްކަމުގެ މަގާމު ދެން ހޯއްދެވީ ޑރ. މުނައްވަރެވެ. އަނިޔާވެރި ސަރުކާރުގެ ބަންޑާރަ ނައިބުކަން ކުރެއްވިއިރު ކޮންމެ ސަބަބަކާއި ހުރެނަމަވެސް ރާއްޖޭގައި ސިޔާސީ ޕާޓީ ހިންގުމުގެ ފުރުސަތު ގާނޫނުއަސާސީން ލިބިނުދޭ ކަމުގައި ވިދާޅުވި ނަމަވެސް އެމަނިކުފާނުންގެ ބަންޑާރަ ނާއިބު ކަމުގެ ދެދައުރުގައި އެއްވެސް ކުށެއްނެތި އެތަކެއްމީހުންނަށް ވޭންދެނިވި އަދަބުތަކެއް ދެއްވިފައި ވާކަމުގައި އެއްބަސްވެ ވަޑައިގެން ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގެން އެމްޑީޕީއާއި ގުޅިވަޑައިގެން މިޕާޓީގެ މެންބަރުންގެ އަޣުލަބިއްޔަތުން ޕާޓީގެ ލީޑަރޝިޕާއި ޙަވާލުވެ ވަޑައިގެންނެވީއެވެ. ޑރ މުނައްވަރުގެ ޒަޢާމަތުގެ ދަށުގައި މިޕާޓީއަށް ލިބުނު ކުރިއެރުންތަކާއި އެމަނިކުފާނުން ކޮށްދެއްވި ގިނަގުނަ ޚިދުމަތް ތަކަކީވެސް މިޕާޓީގެ މެންބަރުން މިއަދުވެސް ޝުކުރުވެރި ކަމާއެކު ފާހަގަ ކުރާނޭ ޚިދުމަތް ތަކެކެވެ.

ޕާޓީގެ މަގުސަދުތައް ފުރިހަމަވަމުން ގިނަޕާޓީ ހިމެނޭ ގޮތަށް އެންމެ ފުރަތަމަ ބޭއްވުމަށް ހަމަޖެހުނު ރިޔާސީ އިންތިޚާބަށް ތައްޔާރުވުން ހިމެނިގެން ދިޔައީ ގިނަ ޚިޔާލު ތަފާތުވުންތަކެއް ރާއްޖޭގައި އަލަށް ހުޅުވާލެވުނު މިނިވަން ސިޔާސީ ވެށީގައި އުފެދިގެން ދިޔަކަމަކަށެވެ. ނުފޫޒާއި ބާރާއެކު ޝަރުއީ ދާއިރާއާއި މިނިވަން މުއައްސަސާ ތައްވެސް ބަނޑުދަށު ލައިގެން ހުރި އެއިރުގެ ޚުދުމުޚުތާރު ވެރިޔާގެ އަޑުގަދަ ކަމުން ، އެންމެހައި ރައްޔިތުން ހެކިކޮށް އިސްލާހު ކުރެވުނު ގާނޫނުއަސާސީ އަކީ އައު ގާނޫނު އަސާސީއެއް ކަމުގައި ހަދައި ފުރިހަމަ ހަދައުރު ހިތުހުރި ގޮތަކަށް ވެރިކަންކުރި މީހާއަކީވެސް ހަމަ އިއްޔެގެ ” ބިކުރެއް ” ކަމުގައި ރޫލިންގއެއް ނެރެ އޭނާއަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އެއިރުގެ ސްޕްރީމް ކޯޓުން ދިނުމާއެކު ރާއްޖޭގެ ސިޔާސީ މަސްރަޙު ހޫނުވެ ވިސްނުން ކަފިކަފި ވެގެން ދިޔައެވެ. އިންތިގާލީ މަޖިލިހެއްގެ ދަށުން އިންތިޚާބު ބާއްވާކަށްވެސް އެވެރިމީހާ ފުރުސަތެއް ނުދިނެވެ. އާރާއި ބާރުގައި ލައިނުގެ މާކުރީގައި ހުރެގެން ބޭނުންވީ ވެރިކަމާ ކުރިމަތިލައި ގަދަފައި ވިއްދައިގެން ހުންނާށެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވުނު ޕުރައިމަރީ ގައި ވާދަކުރެއްވުމަށް ޑިމޮކްރަސީގެ ރީތި މިސާލު ދައްކަވަމުން މިޕާޓީގެ ޗެއަރޕާސަން ގ. ކެނެރީގޭ މުޙަންމަދު ނަޝީދު އެމަގާމުން އިސްތިއުފާ ދެއްވައި ޑރ. މުނައްވަރު މިޕާޓީގެ ރައީސްކަމުގައި ހުންނަވައި ކުރިމަތި ލެއްވި ޕްރައިމަރީން ބޮޑުތަފާތަކުން ކުރި ހޯއްދަވައި އެއިންތިޚާބުގައި މިޕާޓީން ވާދަކުރާނެ ކެންޑިޑޭޓެއްގެ ގޮތުގައި ނަޝީދު ވެވަޑައިގެންނެވިއެވެ. އެއާއެކު ދެންފެނިގެން ދިޔައީ ޑރ. މުނައްވަރު މިިޕާޓީ ދޫކުރައްވައި ވަޑައިގެންނެވި މަންޒަރެވެ. ސިޔާސީ މަސްރަޚު ދިރާސާ ކުރައްވާ ގިނަފަރާތްތަކަކުން އެއްބަސްވާ ގޮތުގައި ޑރ. މުނައްވަރު ވަޑައިގަތީ ބަލިގަބޫލު ނުކުރެއްވުމުން ކަމުގައެވެ. ނަމަވެސް މުނައްވަރުގެ ޒަޢާމަތުގެ ދަށުންވެސް ފަހުންވަނީ ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރައްވާފައެވެ. އެމަނިކުފާނަށްވެސް މިޕާޓީގެ އެންމެހައި މެންބަރުން މިއަދުވެސް ޝުކުރުވެރި ކަމާއެކު އިޙުތިރާމް ކުރެއެވެ.

އެންމެ ފަހުން މިޕާޓީން ބޭއްވި އިންތިޚާބު ތަކުގައި މިޕާޓީގެ ޝަރަފުވެރި ޗެއަރ ޕާސަން ކަމުގެ މަގާމް ހޯއްދެވީ މިޕާޓީގެ އެންމެހައި މެންބަރުންވެސް ” މިޕާޓީގެ ލޮބުވެތި މަންމަ ” ކަމުގައި ވިދާޅުވާ އަލްއުސްތާޛާ މާރިޔާ ދީދީއެވެ. ރައީސްގެ މަގާމް ހޯއްދެވީ ޑރ. އިބުރާހީމް ދީދީއެވެ. އަދި ނާއިބު ރައީސްގެ މަގާމަށް ހޮވިވަޑައިގަތީ ޑީއާރުޕީން ދޫކޮށްލުމުން މިޕާޓީއާއި ގުޅިވަޑައިގެންނެވި ޒުވާން ގާނޫނީ ވަކީލު އަލްއުސްތާޛު އަލްހާން ފަހުމީއެވެ. މިބޭފުޅުންގެ ޒަޢާމަތުގައިވެސް މިޕާޓީ ހޯދައިފައިވާ ކުރިއެރުން ތަކަކީ މުޅިޕާޓީވެސް އެބޭފުޅުންނާއި މެދު ފަޚުރުވެރިވާނެ ކުރިއެރުންތަކެކެވެ. ޚާއްސަކޮށް ޖޭއެސްސީއަށް ކުރިމަތި ލެއްވުމުގެ ބޭނުމުގައި ޗެއަރ ދޫކޮށް ލައްވަންދެން މާރިޔާދީދީ މިޕާޓީއަށް ކޮށްދެއްވި ޚިދުމަތް ތަކަކީ ދުވަހަކުވެސް ފަނޑުނުވާނެ ޚިދުމަތް ތަކެކެވެ. ޕާޓީގެ އެންމެހައި މެންބަރުންނާއި އެއްވަރަކަށް މުޢާމަލާތް ކުރައްވަމުން ޕާޓީ ސަމާލުކުރެއްވިމެއެވެ.

ޑރ. ޑީޑީގެ ރައީސްކަމުގައި ޕާޓީގެ އަސާސީ ގަވާއިދުގައިވާ ފުށުއެރުމަކުން ނަމަވެސް އެމަނިކުފާނުންގެ އަސްލު ސައިޒް އަކީ ކޮބައިކަން އޮޅި ކޮންމެވެސް ވަރެއްގެ މައްސަލަތަކެއް އަބަދުވެސް ލީޑަރޝިޕުގެ ތެރޭގައި ހިނގަމުން ދިޔައެވެ. ޕާޓީގެ ގައުމީ މަޖިލީހުގައި ރައީސްގެ ދައުރު ހިމެނިފައިވަނީ ކިހާމިންވަރަކަށް ކަމާމެދު ހިންގި ބަހުސުތަކެއް ކުރިއަށް ދިޔައެވެ. މާރިޔާ ދީދީ އަށްފަހު ޕާޓީގެ ޗެއަރމަން ކަމުގެ މަގާމް ފިސާރި ސާބިތު ކަމާއެކު ސަމާލުކުރައްވަމުން ގެންދަވާ މިޕާޓީ އެބޭފުޅަކަށް ޓަކައި ފަޚުރުވެރިވާ އޮނަރަބަލް ރީކޯ މޫސާމަނިކު އޭނާގެ ޒިންމާ އަދާކުރައްވަމުން ގެންދަވާއިރު ޕާޓީގެ އެންމެ މުހިންމު ދެމަގާމުގެ މެދުގައި ވާދަވެރި ކަމެއް ހިނގަމުން އައިވެސް މެއެވެ. އަދި ގައުމީ މަޖިލީހާއި ޕާޓީގެ ކޮންގްރެސްއިން ނިންމާފައިވާ ފަދައިން މިޕާޓީގެ އެންމެ އިސްލީޑަރަކީ ރައީސް ނަޝީދު ކަމުގައި ވާވުމާމެދުވެސް ޑރ. ޑީޑީ ކޮންމެވެސް ވަރަކަށް އިންކާރު ކުރަށްވަމުން ގެންދެވި ކަމުގައި އަޑުތަކެއް އަރަމުން ދިޔައެވެ. މިފަދަ ހުރިހައި އަޑުތަކާއެކުވެސް ނީވުނު އަޑަކީ މިޕާޓީގެ ތެރޭގައި ފެކްޝަންތަކެއް އުފެދުނު އަޑެވެ. މެންބަރުން ފިސާރި ސާބިތު ކަމާއެކު ދެމިތިބީ ޕާޓީގެ އާންމު މަސްލަހަތު ޙިމާޔަތް ކުރުމުގައެވެ.

ފެބުރުއަރީ 2012 ގެ 7ވަނަ ދުވަހު ގެނެވުނު ބަޣާވާތާއި ގުޅިގެން ރައީސް ނަޝީދު ވެރިކަމުން މަޖުބޫރީ ޙާލަތެއްގައި އިސްތިއުފާ ދެއްވި ދެއްވުން ޕާޓީގެ ގައުމީ މަޖިލީހުން ދިރާސާ ކުރުމަށްފަހު ނިންމި އެންމެ މުހިންމު ނިންމުމަކީ ރައީސް ނަޝީދުއަށް އަރުވާފައިވާ މިޕާޓީގެ އެންމެ އިސް ލީޑަރުގެ މަގާމް ދެމެހެއްޓުމެވެ. ކެބިނެޓްވެސް ގައުމީ މަޖިލީހުގައި ސައްޙަވެ އޮތުމެވެ. އެއީ ކޮންގްރެސްއިން ގައުމީ މަޖިލީހަށް ލިބިދީފައިވާ ބާރުގެ ދަށުން ނިންމި ސައްޚަ ނިންމުމެކެވެ. މިކަން ވެގެންދިޔައީ ޕާޓީގެ ލީޑަރޝިޕުގައި ހިމެނި ވަޑައިގެންނެވި ރައީސް ޑީޑީއާއި ނާއިބު ރައީސް އަލްހާން އަށް ހަޖަމު ކުރެއްވުމަށް ދަތިވި ނިންމުމަކަށެވެ. ސިޔާސީ މަސްރަޚު ދިރާސާ ކުރައްވާ ގިނަބަޔަކު ދެކޭގޮތުގައި މިކަން ތޮށިގަނޑުން ބޭރުވެ ދިޔައީ ބާޣީ ސަރުކާރުން އެދެބޭފުޅުން މެދުވެރިކޮށް މިޕާޓީ ފަނާކޮށްލުމަށް ހިންގާންފެށި ޕުރޮޕެގެންޑާގެ ސަބަބުންނެވެ.

ވަރަށް ހުތުރު ގޮތަކަށް ޕާޓީގެ މަސްލަހަތާ ފުށުއަރާގޮތައް ޑީޑީ އާއި އަލްހާން މީޑިޔާ ތަކަށާއި ނޫސްތަކަށް ދެއްވަމުން ގެންދެވި ބަޔާންތަކުގެ ސަބަބުން މަސްލަހަތު ގޯސްވެ އެންމެ ފަހުން ދެން އިވިގެން ދިޔައީ ޕާޓީގެ ގައުމީ މަޖިލީހުން އެދެބޭފުޅުން މަގާމުން ވަކިކުރި އަޑެވެ. އެއާއެކު ލަދުވެތި ގޮތަކަށް އަލްހާން ނުކުމެ ވަޑައިގެން ޕާޓީގެ އިސްލީޑަރާ އިދިކޮޅަށް މުޒާހަރާއެއް ކުރެއްވި ތަންވެސް ފެނިގެންދިޔައެވެ. ނަމަވެސް އަލްހާންއަށް ހީފުޅުވެ ވަޑައިގެންނެވި ގޮތައް މިޕާޓީގެ އާންމު މެންބަރުން އެމަނިކުފާނަކަށް އިތުބާރެއް ނުދިނެވެ. ކަންނެލި އޮޑިއެއްގެ ފަޅުވެރީންގެ އަދަދުވެސް ހަމަނުވާ މީސްކޮޅަކާއިއެކު ކުރެއްވި ބޭކާރު މުޒާހަރާ އަށްފަހު ދެން މާގިނަދުވަހެއް ނުވެ ޑީޑީއާއި އަލްހާން މިޕާޓީން ވަކިވެ ވަޑައިގެން ބާޣީ އިއްތިހާދުގައި ހިމެނޭ ޕާޓީއަކަށް ސޮއި ކުރެއްވުމުން ކުރީން ޝައްކުކުރެވުނު ކަންކަން ޔަގީންވެގެން ދިޔައީއެވެ. މިޕާޓީގެ ކުރީގެ ދެރައީސުންނަކީވެސް އެބޭފުޅުންގެ ޒަޢާމަތުގެ ދަށުގައި އިތުރު ސިޔާސީ ޕާޓީއުފެއްދެވި ބޭފުޅުން ނަމަވެސް ޑރ. ޑީޑީއަށް އެފަދަ ކަމެއް ނުކުރެއްވުނެވެ. ” ތިމަންނާމެން ގުޅޭ ޕާޓީގެ ކެންޑިޑޭޓަށް ވެރިކަން ހޯދައި ދޭނެ ކަމުގައި ވިދާޅުވެ އެހެން ޕާޓީއަކާއި ގުޅިވަޑައި ގެންނެވީއެވެ. ހަގީގަތަކީ އެމްޑީޕީ ވެރިކަމަށް އައިއިރު މިޕާޓީގެ ރައީސްއަކީ ޑރ. ޑީޑީ ނޫންކަމެވެ. ނަމަވެސް މިދެބޭފުޅުންގެ ޚިދުމަތްވެސް އެމްޑީޕީން ޝުކުރުވެރި ކަމާއެކު ފާހަގަ ކުރާނެއެވެ.

މިއަދު އެމްޑީޕީގެ ކުރިމަގު އުޖާލާ ކުރުމަށް ސާބިތުކަމާއެކު ޕާޓީގެ ރައީސްކަމަށް އެކުރިމަތި ލައްވަނީ މިޕާޓީގެ މަންމަގެ ނަމުން މަޝްހޫރު މާރިޔާދީދީއެވެ. ނައިބެއްގެ މަގާމަށް ކުރިމަތިލައްވަނީ އަސްލަމްއެވެ. ދެބޭފުޅުންގެ ގާބިލް ކަމާއި އިޚުލާސްތެރި ކަަމަކީވެސް މިޕާޓީން ޝައްކު ކުރާނެ ކަމެއް ނޫނެވެ. ޗެއަރ ޕާސަންގެ މަގާމުގައި ރީކޯމޫސާ ހުންނެވިއިރު ޕާޓީގެ އެންމެ އިސްލީޑަރަކީ ރައީސް ނަޝީދެވެ. ޕާޓީ ދެމިއޮތީ ބަދަހި ސަފުތަކެއްގެ މަތީގައެވެ. ޕާޓީގެ ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށެވެ. މެންބަރުން މިތިބީ އެކުވެ އެކަތިގަނޑެއްގެ ގޮތުގައެވެ.