އެމްޑީޕީ އިންތިޚާބުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އެބަދޭ

މިއަންނަ ހޮނިހިރު ދުވަހު އޮންނަ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިންތިޚާބުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށް އެމްޑީޕީގެ އިންތިޚާބާއި ބެހޭ ކޮމިޓީން ބުނެފިއެވެ.

އެ ކޮމިޓީން ބުނީ ވޯޓިންގ ރެޖިސްޓްރީ އާއި، އޮފިޝަލުންނާއި، އޮބްޒާވަރުން ހަމަޖެއްސުމުގެ ކަންތައް ނިމި ވޯޓު ކަރުދާސް ވެސް މުޅިން ޗާޕްކޮށް ނިމިފައިވާ ކަމަށާއި، މި އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ވޯޓުކަރުދާސްތައް ރަށްރަށަށް ފޮނުވާލެވޭނޭ ކަމަށެވެ.

މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިމަހުގެ 16 ވާ ހޮނިހިރު ދުވަހު ބާއްވާ މި އިންތިޚާބުތަކުގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އާއި، ޗެއަރޕާސަން އާއި ޗެއަރޕާސަން ނައިބު (އިދާރީ) ހޮވުމަށް ބާއްވާ އިންތިޚާބާއި، ދާއިރާތަކުން ހުސްވެފައިވާ ބައެއް މަގާމުތަކަށް މީހުން އައްޔަންކުރުމަށް ބާއްވާ އިންތިޚާބެވެ. އޭގެ ތެރެއިން ރިޔާސީ ޕްރައިމަރީއާއި، ޗެއަރޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު އެޕްރީލް 14 ގެ ނިޔަލަށް އެމްޑީޕީގައި ރަޖިސްޓްރީވެފައިވާ ހުރިހާ މެންބަރުންނަށް ލިބިގެން ވާއިރު، ޗެއަރޕާސަން ނައިބު އިދާރީގެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލެވޭނީ އެންމެ ފަހުން ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން މިހާރު އެމްޑީޕީ މެންބަރުންގެ ގޮތުގައި ތިބި ފަރާތްތަކަށެވެ. އަދި ދާއިރާތަކުގެ އިންތިޚާބުގައި ވޯޓުލެވޭނީ އެ ދާއިރާއަކަށް ނިސްބަތްވާ އެމްޑީޕީގެ މެންބަރުންނަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް އެ ޕާޓީގެ އެންމެ އިސް ލީޑަރު އަދި ރާއްޖޭގެ އެންމެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުޙަންމަދު ނަޝީދު ކުރިމަތިލައްވާފައި ވާއިރު، ޗެއަރޕާސަން ކަމަށް ކުރިމަތިލައްވާފައި ވަނީ މިހާރު ވެސް އެ މަގާމު ފުރުއްވަމުން ގެންދަވާ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކެވެ. ޗެއަރޕާސަން ނައިބު (އިދާރީގެ) މަގާމަށް ކުރިމަތިލައްވާފައި ވަނީ ރައީސް ނަޝީދުގެ އިކޮނޮމިކް އެޑްވައިޒަރު އަލީ ޝިޔާމް އެވެ.

އެމްޑީޕީގެ ރައީސް ނައިބު ރައީސްގެ މަގާމުގައި ތިއްބެވި ދެ ބޭފުޅުން އެ ޕާޓީގެ އަސާސީ ގަވައިދާއި ޚިލާފަށް އަމަލުކުރަމުން ގެންދިއުމާއި ގުޅިގެން ޕާޓީން ވަކިކޮށްފައިވާތީ، އެ ދެ މަގާމުގެ އިންތިޚާބު 31 އޮގަސްޓް 2012 ވާ ހުކުރު ދުވަހު ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.