މިއީ ސަރުކާރެއްތަ؟

ފުނަމާ

ރައްޔިތުން ގާނޫނުއަސާސީގައި ވާގޮތުގެ މަތީން އެމްޑީޕީއާއި މަތިކުޅަ ވެރިކަން މިއަދު މިވަނީ ރައްޔިތުންގެ ބަހަކާނުލައި ނައްތާލާފައެވެ. ގާނޫނުގައި ވާގޮތުގެ މަތީން ރައީސުލް ޖުމްހޫރިއްޔާއަކު ދައުރުގެ މެދުތެރެއިން އިސްތިއުފާ ދެއްވައިފިނަމަ ނާއިބު ރައީސް ވެރިކަމުގެ މަސްއޫލިއްޔަތު އަދާކުރުމާ ހަވާލުވުމަކީ ދުސްތޫރީ ރުކުނެކެވެ. ނަމަވެސް ރައްޔިތުން އެމްޑީޕީގެ މެނިފެސްޓޯއާއި އެއްބަސްވެ ވެރިކަން ހިންގުން އެޕާޓީއާއި ހަވާލުކުރާން ނިންމި ނިންމުމަކަށް ބަދަލެއް ނުގެނެވޭނެއެވެ. އެހެނީ ރައްޔިތުން ވެރިކަންދިނީ އެމީހުން ގަބޫލުކުޅަ މެނިފެސްޓޯއެއް ހިފައިގެން ނުކުތް ކެންޑިޑޭޓަށް ކަމުގައި ވާކަމެވެ. އެކެންޑިޑޭޓު ރައްޔިތުންނަށް ވިއްކީ އެމްޑީޕީއިންނެވެ. އެހެންކަމުން ދުސްތޫރީ ގޮތުން އެވެރިކަން ބަދަލުވީއޭ ބުނެފައި ވެރިކަމާއި ޙަވާލުވި މީހާ އެންމެފުރަތަމަވެސް މިއީ އެމްޑީޕީގެ ވެރިކަމެއް ނޫނޭ ބުނުމުން މިހާރުގެ ވެރިކަމާ މެދުގައި އެއޮތީ ސުވާލު އުފެދިފައެވެ. ވެރިކަން ބަދަލުކުރި ގޮތާ ބޭނުންކުރި އުކުޅުތައް ދިވެހީންގެ އެންމެ ތުއްތު ކުއްޖާއަށްވެސް ނޭނގެޔޭ ބުނެވޭކަށް ނެތެވެ.

އެންމެ ރަނގަޅެވެ. ވެރިކަމަކީ ގާނޫނީ ވެރިކަމެއް ކަމުގައި ބުނާއިރު ގާނޫނީ ހަމަތަކުގެ މަތީން މިއަހަރަށް ކަނޑައެޅި ބޮޑު ބަޖެޓާއި އެބަޖެޓުން ކުރަމުން ގެންދިޔަ މަސައްކަތްތަކާއި ކުރާން ރާވާފައިވާ ގިނަގުނަ މަސައްކަތްތައް ނުކުރެވި ފަނުފުލުން މިދަނީ ކީއްވެހެއްޔެވެ؟ އެމްޑީޕީގެ ފަސް ވަޢުދު ފުއްދުމަށް ހިންގާންފެށި ބޮޑެތި ޕުރޮޖެކްޓުތަކާއި ރައްޔިތުންނަށް އެކަންކަމާ ގުޅިގެން ދެމުން ގެންދިޔަ ޢިނާޔަތްތައް މިއަދު ލޮނުއަޅާފައި ހިއްކަން މިއުޅެނީ ކީއްވެ ހެއްޔެވެ؟ ބަޖެޓުގައި ކަނޑައަޅާފައިވާ ފައިސާ ނެތޭ ބުނާއިރު ވޭތުވެ މިދިޔަ ތިންއަހަރު، އަހަރަކުން އަހަރަކުން ރައްޔިތުންނަށް އިތުރުކުރަމުން ގެނެސްދިން ތަރައްގީ އަތްފޯރާ ފަށުގައި ގެންގުޅެ ނިންމަމުން ގެންދިޔަތަން މިގަމާރުންގެ ލޮލަށް ނުފެންނަނީ ހެއްޔެވެ؟ ދުނިޔޭގެ ހުރިހައި ދިމާލަކުން އިގްތިސާދީ ހީނަރުކަމުގެ ބޮޑުވާހަކަ ގޮވަމުން ގެންދިޔައިރު ރޭވެފައި އަލިވިލޭއިރު ބޮޑެތި ބިންތައް ހިއްކައި ނިންމާލި އޮމާންކަން މިމީހުންނަށް ނުފެނުނީ ހިއްސުތަކުގައި ކަމެއް ނެތީމައި ހެއްޔެވެ؟ އާސަންދައާއި، އެކަނިވެރި މައިންނާއި، މުސްކުޅީންނަށް ދެމުންގެންދިޔަ އިނާޔަތްތައް ކުރިއަރުވަމުން ގެންދިޔަގޮތް އަމުދުންވެސް ނޭނގެނީ ހެއްޔެވެ؟ އެއިރު މޭމަތީގައި ބެގީކޮށްގެން ވެރީންގެ މޭޒުދޮށުގައި އެއިން ކަޅުކާޅަށް ސިކުނޑީގައި ތެތްކަމެއް ނެތުމުން ހަމަ އެއްކަމެއް ވެސް މިއުޅެނީ ކުރާން ނޭނގިގެން ހެއްޔެވެ؟

ޕީޕީޕީގެ ދަށުން ފެށިހައި ކަމެއް އެފުށް މުފުށަށް ޖަހާލައި މުޅިގައުމުގެ އިގްތިސާދު އިނދަ ޖައްސާލައި ދައުލަތަށް ނަގަމުން ގެންދާ ޓެކްސްތަކުން ރައްޔިތުންނަށް ހަމައެއްކަމެއް ނުކޮށްދީ ” ފައިސާނެތޭ ، ފައިސާނެތޭ” ތަންމިނަށް އަނގަ ހުޅުވައިގެންތިބެ ކާޅުގޮވާހެން ގޮވިއެއް ކަމަކު ފަރުޖެއްސޭކަށް ނޯންނާނެއެވެ. ބޭރުގެ އިންވެސްޓަރުންނަށް މިރާއްޖެ ހުޅުވާލުމުގެ ބަދަލުގައި ވެރިކަމުގައި މިތިބަ މީހުންގެ ޖީބު ބޮޑުކޮށް ދައުލަތުގެ މުއްސަނދިކަން ފޭރެމުން މިގެންދަނީ ކޮންހައިސިއްޔަތެއް ލިބިގެން ހެއްޔެވެ؟

މީގެކުރީން މިމީހުންގެ އަނގައިން ” ކަރަންޓުގެ އަގު އަތްނުފޯރާ ފަށަށްދަނީ، ރައްޔިތުން ރަތަށް އަރަނީއޭ ” ގޮވިގޮވުން ކޮބައި ހެއްޔެވެ؟ މިއަދު ކަރަންޓުގެ އަގުހުރީ ކިހާތާކު ފޯރަންތޯ ނިކަން އަތްދިއްކޮށް ބަލާލަބަލާށެވެ. ބޮޑުކުރާން ބުނި ޑޮލަރުގެ އަގު މިއަދު އޮތީ އޭނދަ އަނދުންކޫރު ތުނބުޅި ބާޣީގެ ކޮންތާކުތޯ އަޅެއަހާބަލާށެވެ. ރާއްޖޭގެ ގިނަރަށްތަކެއްގައި ބޭސްކޮޅެއް، ގޭސްކޮޅެއް، ކަރަންޓުގެ އަލިކަމެއް ނެތި ރައްޔިތުން ރޮއެނަގާއިރު މިއަދު ސަރުކާރު ހިންގާން އެތިބަ ކަހެރިވަކުންގެ ހިތަށް ނިކަން އެބަ އެކައްޗެއްވެސް އަރާހެއްޔެވެ؟ ތިބެގެން އަމިއްލަ ބޮނޑި ބޮޑުކޮށް އާއިލާއަށް ވެރިކަން ބަހައި ދުވާލަކު ވިހިތިރީސް ވަޒީފާ ވެރިކަން ބަދަލުކުރާން ނުކުމެ ރައްޔިތުން އިންތިޚާބުކުޅަ ވެރިޔަކު ހުއްޓައި އެހެންމީހަކަށް ބައިޢަތު ހިފައި އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތައް މުގުރާލުމުގައި ބައިވެރިވި މީހުންނަށް ދެމުން ގެންދާއިރު މިއީއަޅެ ދުނިޔެއިން މޮޔަވެ އެންމެ ހިނދުކޮޅެއްވެސް ހަމަހޭގައި ތިބޭން ނުލިބޭ ބަޔަކީ ހެއްޔެވެ؟ އެހެންނާ ތިމާމެން މިފޭރެނީ ރައްޔިތުންގެ ހައްގުތަކެއްކަން އެނގޭން އެންމެ ރަނގަޅުތާއެވެ. މިމީހުންނާއި އިދިކޮޅަށް އެއްޗެއް ބުނާހާމީހަކު ފަހައިދުވެ ފަނާކޮށް ކަތިލައި އުކަމުން މިއަދު އެގެންދަނީ ކޮން ހައްގެއް އޮވެގެން ހެއްޔެވެ؟

ސަރުކާރުގެ މަސައްކަތުގެ ގަޑި މަދުކުރީޔޯލައެވެ. ރަސްމީގަޑި ނިންމާފައި ސިވިލްސާވިސް މުއައްޒަފުން ބޭންޖަހާފައި ގެއަށްދާއިރު އެއްކަލަ ހެލްތު ކޯޕަރޭޝަންތަކުގެ އިދާރީ މުއައްޒިފުން އެތިބެނީ އޮފީހުގެ ކުޑަދޮރުން ހިތްދަތިކަމާއެކު ބަލާށެވެ. ކޯޕަރޭޝަންތައް އުވާލާކަށް ނުކެރުނެވެ. ސިވިލް ސާވިސް ބޮޑުކޮށްގެން އައިއެމްއެފުން ފަށާފައިފައިވާ ޕުރޮގުރާމުން ސަސްޕެންޑުވެ އިނދަޖެހިދާނެތީވެ ގަންނަ ބިރަކުންނެވެ. ކުރީގައި ގޮވީ އައިއެމްއެފްގެ ޕުރޮގުރާމަކީ ނުރައްކާތެރި އެއްޗެއް ކަމުގައެވެ. މިއަދު އެވެސް އޯކޭއެވެ. ކުރީގައި ނޯކޭވި ހުރިހައި ކަމެއް މިއަދު އޯކޭވީ ގޮތަށެވެ. ދީނާޚިލާފޭ އެއްކަލަ ފަހަރި ޝޭޚުން ގޮވި ޓެކްސްތައްވެސް މިހާރު އޯކޭއެވެ. ސަރުކާރުގެ އިސްފަންތީގެ ބައެއްމީހުން ތިނެއްޖަހާއިރު އަވަހަށް އޮފީސް ބަންދުކޮށްފައި ނައިބުބޭގެ ރާވިއްކާ ރިސޯޓަށް ބޮނަކުއާ ބޯލައިގެން ގައިމޮޑެން ދާން އަވަހަށް ތައްޔާރު ވާއިރު އެއްކަލަ ކޯޕަރޭޝަންގެ މުއައްޒަފުން ލައްވައި އެތިބަގެން އަޅުން ލައްވައި ކުރުވާހެން މަސައްކަތް ކުރުވަނީއެވެ. ވަޒީފާގެ ހަމަހަމަކަން ކޮބައި ހެއްޔެވެ؟ އިތުރަށް އެމީހުން ލައްވައި އެމަސައްކަތް ކުރުވާ އެއްގަޑިއިރަށް އެންމެ ލޯލާރިއެއްވެސް ނުލިބެއެވެ. މިހިރީ ހާލުހުރިގޮތެވެ. ގާނޫނާ އިންސާފު ކޮބައިހެއްޔެވެ؟

ކޯޕަރޭޝަންތައް އުވާލަން ނުކެރުމުގެ އެއްސަބަބު ކަމުގައި ބައެއް މީހުން ބުނެއުޅޭތީ އަހަނީ އެއީ އެއްކަލަ ސިއްހީ ބާގީކަލޭގެގެ އެކުވެރި ދީދީއާއި މަދޭއަށް ސިއްހީ ދާއިރާއަށް ހޯދަންޖެހޭ އެތިވަރުގެ ފައިދާ ތިމާއަށްވެސް ބައިއަޅައިގެން ބަހަން ކުޅޭ ކުޅިގަނޑެއް ކަމުގައެވެ. އޭރުން އޮޑިޓު ވަންނަ ދުވަހަކުން ތިމަންނާމެން ނުކަމޭ އެވާނީ ކުރީގެ މީހުން ކެއީކަމަށޭ ބުނެ ފަރުޖައްސާ ލެވިދާނެ ކަމުގައި ހީވަނީވެސް ތޯއްޗެކެވެ. އިންޓަރނަލް އޮޑިޓެއް ފަދަވެސް ނެތި ކުއްލިޔަކަށް ހެލްތު ކޯޕަރޭޝަން ތަކުގެ ބޯޑުތަކުން މީހުން ވަކިކޮށް މޮޑޭފުށް ގަނޑެއްހެން ބާއްވައިގެން މިއުޅެނީ ހިތުން ތިމާމެން ދިރުވާ އެތިވަރުގެ ނަޖިސް މާދަމާ ސަލާމަތް ނުވެވުނީމައި އެހެން ބައެއްގެ ބޮލަށް ޖަހާންވެސް ތޯއްޗެކެވެ.

ތިމާމެންނަށް ހަމަކުރެވޭއޮތީ އެންމެ ކަމެކެވެ. ރައްޔިތުން އިންތިޚާބުކުރި ގާނޫނީ ރައީސުލް ޖުމްހޫރިއްޔާއަށް ފަތިވަރު ގޮވުމެވެ. އެމްޑީޕީގެ މީހުން މަރައި ހުސްކުރާން ގޮވުމެވެ. ހީވަނީ މިމީހުން މިހުރިހައި މަސައްކަތެއް ކޮށްގެން ސަރުކާރު ފޭރިގަތީ ހަމައެކަނި މިކަން ކުރާން ހެންނެވެ. އާއެންމެ ކަމެއްވެސް ނުކުރެވުނުތާ ކުރީގައި ފަށާން ނިންމައި ބަޖެޓުގައި ފައިސާ ކަނޑައަޅާފައިވާ މަސައްކަތް ތަކުގެ ތެރެއިން މަދު ދެތިން މަސައްކަތެއް މިއީ ތިމަންނާމެން ހެޔޮކަމުން ރައްޔިތުންނަށް ކޮށްދޭ ކަންކަމޭ ބުނެ ފަށާއިރު ލަދުހަޔާތުގެ ހަމަ އެންމެ ކަންފުޅެއްވެސް މިއިން އެކަކުގެ ކިބައިގަވެސް ހުރިހެނެއް ހިއެއް ނުވެއެވެ. ހަމަގައިމުވެސް ރައްޔިތުން ހޯބޯލަވައި ފައްސައި ގަޔަށް، ބޮލަށް އަރާއިރުވެސް މިއުޅޭ ކަޅުކާޅަކަށް ސަރަމުވެސް ހީވާހެނެއް ހީއެއް ނުވެއެވެ. ބޮޑާވެފައި ގޮވަނީވެސް އެހެންނެވެ. ވާނީވެސް އެހެންތާއެވެ. ކާޅެއް ގެނެސް ފެންވަރުވައި ފުށް ޖެއްސިޔަސް ސާމަރާ ދޫންޏަކަށް ނުވާނެއެވެ. ހަމަވާނީ ކާޅަކަށެވެ.

ރައްޔިތުންގެ އިހުސާސްތަކަކަށް އެއްވެސް އިހުތިރާމެއް ކުރުމަކާނުލައި ތިމާމެންގެ ހިތުހުރި ގޮތަކަށް، ކަންކަން ކުރާ އަދި، ގާނޫނީ އެއްވެސް ހަމަޔެއްނެތި ވެރިކަން ފޭރިގަނެގެންއުޅޭ ބަޔަކަށް ސަރުކާރެއް ހިންގުމަކީ ކުރެވޭނެ ކަމެއް ނޫންކަން ޚޮދު އެމީހުންވެސް ދަންނާނެއެވެ. އަބަދުވެސް ތިމާމެންގެ ރައްކަލަށް ފާރަވެރީންނަށް ކުރާންޖެހޭ ޚަރަދުތައް ދައުލަތުގެ ޚަޒާނާއިން ލޫޓުވައި ބެހުންނޫން ކަމެއް މިވެރީންނަކަށް ނުކުރެވޭނެއެވެ. މިއަދު މިފެންނަނީ އެމަންޒަރެވެ. މިއަކަށް ސަރުކާރެކޭ ގައިމުވެސް ނުކިޔޭނެއެވެ. މިއަދު މިއަގައުމުގައި މިއޮތީ އަމިއްލަ އެދުމުން ފުރިގެން ތިބި ބަޔަކު މިގައުމުގެ ރައްޔިތުންގެ ހައްގުތައް ފޭރިގަނެ ވެރިކަން ދަމައިގަނެގެން ގަންނަ ގަނޑެކެވެ. އެއަކުނުވެ، މިއަކުނުވެ އެއްކަލަ ބުނާހެން ބުދުހަދަންއުޅެ ، ބުދުނެހެދި، ބުދުހެދި ފާފަވަނީއެވެ. މިއަކަށް ގައިމުވެސް ސަރުކާރެކޭ ނުކިޔޭނެއެވެ. ތާކުންތާކު ޖެހޭ ހަމަ އެއްކަމެއްވެސް ނުކުރެވެއެވެ.