ނޫސްބަޔާން: ކޮމިޝަން އޮފް ނެޝަނަލް އިންކުއިރީ އިން ތައްޔާރުކޮށްފައިވާ ކަންހިނގައި ދިޔަގޮތުގެ ތަރުތީބުގައި، 7 ފެބްރުއަރީ 2012 ވަނަ ދުވަހު ވެރިކަން ބަދަލުވީ ފުލުހުންނާއި ސިފައިންގެ ބަޔަކު އިދިކޮޅު ސިޔާސީ ފަރާތްތަކާ އަދި ނައިބު ރައީސް ޑރ.ވަހީދާ ގުޅިގެން ބަޣާވާތްކުރުމުން ކަމަށް ބުނެއެވެ.

ވަގުތުން ނެރުމަށް
MDP-2012-PR-ނަންބަރު: 51
ތާރީޚް: 10 ޖޫން 2012 (އާދީއްތަ)

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ދެކޭގޮތުގައި، 6 ޖޫން 2012 ގައި ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީން ނެރުއްވާފައިވާ ކަންހިނގައިދިޔަގޮތުގެ ތަރުތީބަށް ބަލާއިރު، 23 ޑިސެމްބަރު އިއްތިހާދުގެ ނަމުގައި 2011 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުގެރޭ ސިޔާސީ އިދިކޮޅު ފަރާތްތަކާ އެކު ފެށި ހަރަކާތްތަކުގެ އިސްވެރިއެއްގެ ގޮތުގައި މި ބަޣާވާތް ގެނައުމުގައި ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ކަމުގައި މި ޕާޓީއަށް ކަށަވަރުވެއެވެ. މި ޕާޓީން ދެކޭ ގޮތުގައި 30 ޖެނުއަރީ 2012 ވަނަ ދުވަހުގެރޭގެ ވަރަށް ދަންވަގުތެއްގައި އިދިކޮޅު ސިޔާސީ ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުންނަވާ ގެކޮޅު، ހިލާލީގޭގައި ބޭއްވި ބައްދަލުވުމުގައި މި ބަޣާވާތުގައި އިސްކޮށް ހުންނަވާނޭ ކަމުގެ ޔަގީންކަން ދެއްވައި، އިދިކޮޅު ފަރާތްތަކާ ޑރ.ވަހީދު ބައިއަތު ހިފާފައިވާކަން މި ޕާޓީއަށް ކަށަވަރުވެއެވެ. އަދި ކޮމިޝަން އޮފް ނެޝަނަލް އިންކުއިރީ އިން ތައްޔާރުކޮށްފައިވާ ކަންހިނގައިދިޔަގޮތުގެ ތަރުތީބަށް ބަލާއިރު ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު 7 ފެބްރުއަރީ 2012 ވަނަ ދުވަހު، އިސްތިޢުފާދެއްވީ އެމަނިކުފާނަށް މަޖުބޫރުކުރުވައިގެންކަން ވެސް އެލިޔުމުން ސާފުވެއެވެ.

ކޮމިޝަން އޮފް ނެޝަނަލް އިންކުއިރީ އިން ތައްޔާރުކޮށްފައިވާ ކަންހިނގައިދިޔަގޮތުގެ ތަރުތީބުގެ 14 ވަނަ ނުކުތާ ބަޔާންކުރަނީ؛ ނައިބު ރައީސް ޑރ.ވަހީދު، 30 ޖެނުއަރީ 2012 ވަނަ ދުވަހުގެ ރޭ ހިލާލީގޭގައި އިދިކޮޅު ފަރާތްތަކާއެކު ބައްދަލުކުރައްވާފައިވާ ކަމަށާއި، މި ބައްދަލުކުރުމުގައި ނައިބު ރައީސްގެ ޤާނޫނީ ޒިންމާ އަދާ ކުރެއްވުމަށް ތައްޔާރަށް ހުންނެވިތޯ އޮޅުން ފިލުވުމުން އެޒިންމާއަދާކުރަން ތައްޔާރަށް ހުންނެވި ކަމަށް ނައިބު ރައީސް ވިދާޅުވިކަމަށެވެ. އެހެން ނަމަވެސް ޖެހިގެން އައި ދުވަހުގެ ކެބިނެޓް ބައްދަލުވުމުގައި ނައިބު ރައީސް އާއި އިދިކޮޅު ފަރާތްތަކާ އެކު ބޭއްވި ބައްދަލުވުމާ ބެހޭ މައުލޫމާތު ސާފުކުރުމަށް ސުވާލުކުރުމުން އެކަމަށް އިންކާރުކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުގައި ހުންނަވާ މިގޮތަށް އަމަލުކުރެއްވުމުން، ނައިބު ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކު ރައީސުލްޖުމްހޫރިއްޔާއަށް ހަރާންކޯރުވެފައިވާ ވަރާއި، ވެރިކަމަށް ފެންބޮވައިގެންފައިވާ ވަރު ހާމަވެއެވެ.

ގާނޫނު އަސާސީގެ 117 ވަނަ މާއަދާގެ (ހ) ގައި ބަޔާންވެގެންވަނީ ރައީސުލްޖުމުހޫރިއްޔާގެ ނައިބުގެ މަސްއޫލިއްޔަތަކީ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރާ ކަންކަން ކުރުންކަމަށެވެ. 30 ޖެނުއަރީ 2012 ވަނަ ދުވަހު، ނާއިބުރައީސް ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރާ އިދިކޮޅު ފަރާތްތަކާއި ބައްދަލު ކޮށް، ” ޤާނޫނީ ޒިންމާ އަދާކުރެއްވުމަށް ތައްޔާރަށް” ހުންނެވި ކަމަށް ވިދާޅުވާއިރު ނައިބު ރައީސްގެ ޤާނޫނީ ޒިންމާ އަކީ ރައީސުލް ޖުމްހޫރިއްޔާ ހަވާލު ކުރާ ކަންކަން ކުރެއްވުމެވެ.

ސަރުކާރާއި އިދިކޮޅު ފަރާތްތަކާއި ނައިބު ރައީސް ބައްދަލުވުމަށްފަހު، އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިސް ލީޑަރުން ފުލުހުންގެ ބަޣާވާތަކަށާއި، އަދި ނައިބުރައީސަށް ބައިއަތު ހިފުމަށް ގޮވާލާފައިވާކަމަށް ކޮމިޝަން އޮފް ނެޝަނަލް އިންކުއިރީ އިން ތައްޔާރުކޮށްފައިވާ ކަންހިނގައި ދިޔަގޮތުގެ ތަރުތީބުގައި، ބަޔާން ކުރެއެވެ. މިތަރުތީބުގެ 17 ވަނަ ނުކުތާގައި ވަނީ ފެބްރުއަރީ 2 ވަނަ ދުވަހު ބޭއްވި އިދިކޮޅު ޕާޓީތަކުގެ މުޒާހިރާގައި 5 ދުވަހުގެ ތެރޭގައި ރައީސް ނަޝީދު ހައްޔަރުކުރުމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވަނީ ސިފައިންނަށް ގޮވާލާފައިކަމަށް ބަޔާން ކޮށްފައެވެ. މިތަރުތީބުގެ 27 ވަނަ ނުކުތާގައި ވަނީ 6 ފެބްރުއަރީ 2012 ވަނަ ދުވަހުގެ ރޭގަނޑު 10-11 އާ ދެމެދުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަކީ ވެރިކަން ކުރުމަށް ގާބިލު ބޭފުޅެއް ނޫން ކަމަށް އަދާލަތު ޕާޓީގެ ގައުމީ މަޖިލީހުން ނިންމައި ނައިބު ރައީސް ޑރ.ވަހީދަށް ބައިއަތު ހިފުމަށް އެޕާޓީގެ ގައުމީ މަޖިލީހުން އިއްތިފާގުވެ ފާސްކޮށްފައިވާކަމަށް ބަޔާން ކޮށްފައެވެ.

ކޮމިޝަން އޮފް ނެޝަނަލް އިންކުއިރީ އިން ތައްޔާރުކޮށްފައިވާ ކަންހިނގައިދިޔަ ގޮތުގެ ތަރުތީބުގައި، 90 ވަނަ ނުކުތާގައި ބަޔާން ކުރަނީ، ފުލުހުންނާއި ސިފައިން އެމީހުންގެ ޔުނިފޯމުގައި އެމް.ޑީ.ޕީ ހަރުގެއަށް ވަދެ އެތަން ސުންނާފަތިކޮށް އެތައް ބަޔަކަށް ބޮޑެތި އަނިޔާކުރިތާ މާގިނަ އިރުތަކެއްނުވެ، އެކަން އެނގިވަޑައިގެން ހުންނަވައި، އެކަން ކުށްވެރި ނުކުރައްވައި ފުލުހުންގެ އިހުތިޖާޖަކީ ސުލްހަވެރި އެއްވުމެއްކަމުގައި މީޑިޔާ މެދުވެރިކުރައްވައި ނައިބު ރައީސް ބަޔާނެއް ދެއްވިކަމަށެވެ. މިބަޔާނުގައި ނައިބު ރައީސް ވިދާޅުވެފައިވަނީ “ދިވެހިރައްޔިތުންގެ ގިނަ ބަޔަކު ކުރަމުންދާ ސުލްހަވެރި މަސައްކަތަށް އަޅުގަނޑު ތާއީދުކުރަން” ކަމަށެވެ.

އެއްވުން މަނާ ސަރަހައްދެއްގައި ފުލުހުން ބަޣާވާތްކޮށްތިބެ، ރައީސުލްޖުމްހޫރިއްޔާ އަދި ސަރުކާރުގެ އިސް ފަރާތްތަކުގެ އިސްތިއުފާއަށް އެދި ގޮވަމުންދިޔަ، ގައުމުގު އަމަންއަމާންކަން ގެއްލިގެންދާފަދަ ގޮތަކަށް ހާލަތުއޮތް ހިނދު، އަދި ރައީސުލްޖުމްހޫރިއްޔާއާއި، މިނިސްޓަރ އޮފް ޑިފެންސްއާއި، ހޯމް މިނިސްޓަރު އަދި ކޮމިޝަނަރ އޮފް ޕޮލިސް، ފުލުހުންނަށް ޖުމްހޫރީ މައިދާން ދޫކޮށް ދިއުމަށް ނަސޭހަތްތެރިވަމުން ދިޔަ ވަގުތެއްގައި ނައިބު ރައީސް މީޑިޔާގައި ގޮވާލެއްވީ އެމީހުންގެ ބަޣާވާތުގެ އަމަލުތަކަށް ހިތްވަރު ލިބޭ ގޮތަކަށް ކަމަށް ކޮމިޝަން އޮފް ނެޝަނަލް އިންކުއިރީ އިން ތައްޔާރުކޮށްފައިވާ ކަންހިނގައިދިޔަގޮތުގެ ތަރުތީބުގައި ބަޔާންކުރެއެވެ.

ފުލުހުންނާއި ސިފައިންގެ އަމަލުތަކަކީ، ބަޣާވާތެއްގެ އަމަލުތަކެއްކަން ގަބޫލުފުޅުކުރައްވައި، ރައީސުލް ޖުމްހޫރިއްޔާ ސިފައިންނަށާއި އަދި ފުލުހުންނަށް އެކަންތައް ހުއްޓުވުމަށް އަމުރުކުރައްވަމުން ގެންދެވިކަން މިތަރުތީބުގެ 29 ވަނަ ނުކުތާއިންނާއި، 34 ވަނަ ނުކުތާއިންނާއި، 41 ވަނަ ނުގުތާއިން ނާއި، 47 ވަނަ ނުގުތާއިން ހާމަވެއެވެ. އަދި މިތަރުތީބުގެ 113 ވަނަ ނުކުތާގައި، ފުލުހުން ތިބީ ކަޑައެޅިގެން ބަގާވާތްކޮށްގެންކަމަށާއި އެމީހުން ހައްޔަރުކުރުމަށް ރައީސް ނަޝީދު ވިދާޅުވިކަން އެގެއެވެ.
ފުލުހުންގެ ބަޢާވާތް އެތައް ގަޑިއިރިކަށް ދެމިގެން ދިޔައިރުވެސް، ސިފައިންނަށް، ބަގާވާތްކޮށްގެން ތިބި ފުލުހުން ޖުމްހޫރީ މައިދާނުން ބޭރުނުކުރެވި ވީކަމުން، ޚުދު ރައީސުލްޖުމްހޫރިއްޔާ އެތަނަށް ވަޑައިގެން ބަގާވާތްކޮށްގެން ތިބި ފުލުހުންނާ މުޚާތަބު ކުރައްވައި އެމީހުންގެ ކިބައިން އެތަން ދޫކޮށް ދިޔުމަށް އެދިވަޑައިގެންނެވުމުން ފުލުހުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އިސްތިއުފާއަށް ގޮވައި އަޑުގަދަ ކުރިކަންވެސް ކޮމިޝަން އޮފް ނެޝަނަލް އިންކުއިރީ އިން ތައްޔާރުކޮށްފައިވާ ކަންހިގާ ދިޔަގޮތުގެ ތަރުތީބުގެ 143 ވަނަ ނުކުތާއިން ނާއި، 144 ވަނަ ނުކުތާއިންނާއި، އަދި 145 ވަނަ ނުކުތާއިން ހާމަވެއެވެ.

ކޮމިޝަން އޮފް ނެޝަނަލް އިންކުއިރީ އިން ތައްޔާރުކޮށްފައިވާ ކަންހިނގައިދިޔަގޮތުގެ ތަރުތީބުގެ 158 ވަނަ ނުގުތާއިން ނާއި، 163 ވަނަ ނުގުތާއިން ނާއި، 164 ވަނަ ނުގުތާއިން ނާއި، 165 ވަނަ ނުގުތާއިން ނާއި، 166 ވަނަ ނުގުތާގައި ބަޔަން ކުރަނީ، ދިފާއީ ބާރުގެ މައިމަރުކަޒަށް މެދުކެނޑުމެއްނެތި ފުލުހުންނާއި އާންމުން އެކުގައި ހަމަލާދެމުން ދިޔަކަމަށެވެ.

7 ފެބްރުވަރީ 2012 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތުގައި ފުލުހުން، އެމް.ޑީ.ޕީގެ މުޒާހިރީންނާ ކުރިމަތިލައި އެ މުޒާހިރީންނަށް ބޮޑެތި އަނިޔާތައް ދިންކަމަށް މިތަރުތީބުގެ 156 ވަނަ ނުގުތާގައިވެއެވެ. އަދި 163 ވަނަ ނުގުތާގައި ފުލުހުން ސިފައިންނަށް ހަމަލާދީ ކުރިމަތިލިކަންވެސް ޔަގީންކޮށްދެއެވެ. ކޮމިޝަން އޮފް ނެޝަނަލް އިންކުއިރީ އިން ތައްޔާރުކޮށްފައިވާ ކަންހިގާ ދިޔަގޮތުގެ ތަރުތީބުގެ 167 ވަނަ ނުކުތާ ބަޔާން ކުރަނީ ފުލުހުންގެ މައިމަރުކަޒުން ފުލުހުންގެ ހަތިޔާރު ނެރެ، އެތަކެތި އެއްވެފައި ތިބި ޢާންމުންނަށް ބަހަމުން ގެންދިޔަކަމަށެވެ. ޖުމްހޫރީ މައިދާން އެވަގުތުގައި ވަނީ އާންމުންނާއި ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށް މިތަރުތީބުގެ 168 ވަނަ ނުކުތާ ކަށަވަރު ކޮށްދެއެވެ.

މިހާރު ޑިފެންސް މިނިސްޓަރުގެ މަޤާމު ފުރުއްވަމުން ގެންދަވާ ކާނަލް (ރިޓަޔަރޑް) މުހައްމަދު ނާޒިމާއި، މިހާރު ޕޮލިސް ކޮމިޝަނަރުގެ މަޤާމު ފުރުއްވަމުން ގެންދަވާ އަބްދުﷲ ރިޔާޒު، ބަންޑާރަކޮށްޓަށް ވަންކަމާއި ނާޒިމް އެތަނަށް ވަނުމުން ސިފައިން އުފާފާޅުކުރިކަމަށް ކޮމިޝަން އޮފް ނެޝަނަލް އިންކުއިރީ އިން ތައްޔާރުކޮށްފައިވާ ކަންހިނގައިދިޔަގޮތުގެ ތަރުތީބުން އެނގެއެވެ. އަދި ރައީސް ނަޝީދު ހައްޔަރުކޮށްފައިވާކަމަށް ޖުމްހޫރީ މައިދާނުގައި އެއްވެފައިތިބި އާންމުން ގޮވަމުންދިޔަކަން މީޑިޔާގައި ހާމަކުރިކަމަށް މިތަރުތީބުގެ 207 ވަނަ ނުކުތާބަޔަންކުރެއެވެ.
ކޮމިޝަން އޮފް ނެޝަނަލް އިންކުއިރީ އިން ތައްޔާރުކޮށްފައިވާ ކަންހިނގައިދިޔަގޮތުގެ ތަރުތީބުގެ 113 ވަނަ ނުގުތާގައި ވަނީ ނާޒިމްއާއި ރިޔާޒު ބަންޑާރަކޮށިން ނިކުމެ އެއްވެފައި ތިބި މީހުންނަށާއި ބަގާވާތްކޮށްގެން ތިބި ފުލުހުންނާ ވާހަކަދައްކައި، “އެއްވެސް ޝަރުތަކާ ނުލައި ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދިނުމަށް” ހުށަހެޅިކަމަށް އިއުތިރާފްވެއެވެ. އަދި ހުށަހެޅުނު ކަންކަމަކީ “ނޮންނެގޯޝިއަބަލް” ކަންތައްކަމުގައި ބުނިކަމަށްވެސް އިއުތިރާފްވެއެވެ. އަދި އޭނާ ސިފައިންގެއަށް ވަނުމުން “ވަރަށް އުފާވެރި މަންޒަރެއް” ފެނި ސިފައިން އޭނާ “އުރާލާ” ސިފައިންގެ ތާއީދު އޭނާއަށް އޮތްކަމަށް ކޮމިޝަން އޮފް ނެޝަނަލް އިންކުއިރީ އިން ތައްޔާރުކޮށްފައިވާ ކަންހިނގައިދިޔަގޮތުގެ ތަރުތީބުގައި ބުނެއެވެ. އަދި “އަޅުގަނޑުމެން އެދޭގޮތަށް މިއަދު މިކަން ނިމިގެންދާނެ” ކަމަށްވެސް މި ތަރުތީބުގައި ނާޒިމް އިޢުތިރާފް ވެއެވެ.

ކޮމިޝަން އޮފް ނެޝަނަލް އިންކުއިރީ އިން ތައްޔާރުކޮށްފައިވާ ކަންހިނގައިދިޔަގޮތުގެ ތަރުތީބުގެ 214 ވަނަ ނުކުތާ ބަޔާންކުރާގޮތުގައި، ސިފައިންގެ ތެރެއިން ބައެއް ބޭފުޅުންގާތު ރައީސް ނަޝީދު، އެމަނިކުފާނު ދެން އަމަލު ކުރަންވީ ގޮތަކާއި ގުޅޭ ގޮތުން ސުވާލު ކުރެއްވުމުން، ރައީސް ނަޝީދު އިސްތިއުފާ ދެއްވާން ފެންނަކަމަށް އެތަނުގައި ތިބި ހުރިހާ ސިފައިންވެސް ހާމަކުރިއެވެ.

މި އެންމެހާ ކަންކަން ހިގަމުން ދިޔައިރުވެސް، އެދުވަހަކީ ސަރުކާރުގެ އޮފީސްތައް ބަންދުނުކުރާދުވަހަކަށް ވެފައި، އަދި ރަސްމީ ވަޒީރުންގެ މަޖިލުގެ ބައްދަލުވުން އޮންނަދުވަސް ކަމުގައި ވީނަމަވެސް، ނައިބު ރައީސް ޑރ.މުހައްމަދު ވަހީދު ރައީސް އޮފީހަށް ވަޑައިނުގަންނަވާކަން މިތަރުތީބުގެ 170 ވަނަ ނުކުތާއިން އެނގެއެވެ.

ރައީސް ނަޝީދު ބަންޑާރަކޮށިން ރައީސް އޮފީހަށް ވަޑައިގަންނަވާ، އެއޮފީހުގައި ވަޒީރުންނާއި ބައްދަލުކުރައްވައި އިސްތިއުފާދެއްވުން ނޫން ގޮތެއް ނެތްކަމަށް ވިދާޅުވިކަމަށް، ކޮމިޝަން އޮފް ނެޝަނަލް އިންކުއިރީ އިން ތައްޔާރުކޮށްފައިވާ ކަންހިގާ ދިޔަގޮތުގެ ތަރުތީބުގެ 228 ވަނަ ނުކުތާއާއި، 229 ވަނަ ނުކުތާއިން ހާމަވެއެވެ.

އަދި އިސްތިއުފާގެ ސިޓީއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ ޝާހިދުއާ ނާޒިމް ވާހަކަ ދެއްކެވިކަމަށާއި، އަދި އެއްވެސް ހައިސިއްޔތެއް ނެތި މުހަންމަދު ނާޒިމާއި، މުހައްމަދު ފަޔާޒު އަދި އަބްދުﷲ ރިޔާޒު ރައީސް އޮފީހުގެ ދަރުމަވަންތަ މާލަމުގައާއި، ޣާޒީ މާލަމުގައި ތިބިކަން މިތަރުތީބުގެ 232 ވަނަ ނުކުތާއިންނާއި ،233 ވަނަ ނުކުތާއިންނާއި އަދި 234 ނުކުތާއިން ހާމަވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ލިޔުއްވާފައިވާ ސިޓީ ޑިސްޕެޗްކޮށް އެސިޓީ ރައްޔިތުންގެ މަޖިލިހުގެ އިދާރާއަށް ފޯރުކޮށްދިނީ ރައީސް އޮފީހުން ނޫންކަމާއި އެސިޓީ ހަވާލުކުރީ ފުލުސް އޮފީހުގެ ފަރާތުންކަން ކޮމިޝަން އޮފް ނެޝަނަލް އިންކުއިރީ އިން ތައްޔާރުކޮށްފައިވާ ކަންހިނގައިދިޔަގޮތުގެ ތަރުތީބުގެ 236 ވަނަ ނުކުތާއިންނާއި 241 ވަނަ ނުކުތާއިންނާއި 242 ވަނަ ނުކުތާއިންނާއި އަދި 244 ވަނަ ނުކުތާތަކުގައި ބުނެފައިވެއެވެ.

ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ އިން ތައްޔާރުކޮށްފައިވާ ކަންހިނގައިދިޔަގޮތުގެ ތަރުތީބުގެ، މަތީގައި ބަޔާން ކުރެވުނު ނުކުތާތަކަށް ބަލާއިރު، ހާމަވެގެންދާ އެންމެބޮޑު ހަޤީޤަތަކީ، 7 ފެބްރުއަރީ 2012 ވަނަ ދުވަހު ވެރިކަން ބަދަލުވީ ފުލުހުންނާއި ސިފައިންގެ ބަޔަކު އިދިކޮޅު ސިޔާސީ ފަރާތްތަކާ އަދި ނައިބު ރައީސް ޑރ.ވަހީދާ ގުޅިގެން ހިންގި ބަޣާވާތަކުންކަމެވެ.

7 ފެބްރުއަރީ 2012 ގައި މިރާއްޖޭގެ ވެރިކަން ބަދަލުވެގެން ދިޔަ ގޮތާއިގުޅޭގޮތުން ޑރ. މުޙައްމަދު ވަހީދު ޙަސަންމަނިކު ބޭރުގެފަރާތްތަކާ ބައްދަލުކުރައްވާ ދައްކަވާފައިވާ ވާހަކަތަކުގައި އެތައްފަހަރަކު ވިދާޅުވެފައިވަނީ 7 ފެބްރުއަރީގައި މިރާއްޖޭގެ ވެރިކަން ބަދަލުވެގެންދިޔައީ އެ ބޭފުޅާ ބައިވެރިވެވަޑައިގެންފައިވާ ބަޣާވާތަކުންކަމަށް ވާ ނަމަ މިހާރު އެހުންނެވި މަޤާމުން އިސްތިޢުފާ ދެއްވާނެކަމަށެވެ. ވީމާ މިޕާޓީން މިގޮވާލަނީ ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު އިސްތިއުފާދެއްވުމަށެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް

އަލީނިޔާޒް
ވަގުތީ ސެކްރެޓަރީ ޖެނެރަލް