ފުނަމާ
2008 ވަނަ އަހަރު ދިވެހިރާއްޖޭގައި މަލްޓިޕާޓީ އިންތިޚާބަކަށް ބޭނުންވާ ގާނޫނުއަސާސީއެއް ރައްޔިތުން ގަދަކަމުން އެއިރުގެ ވެރިމީހާ ލައްވައި ތަސްދީގު ކުރުވައި އެއަހަރު ބޭއްވުމަށް ހަމަޖެހުނު ރިޔާސީ އިންތިޚާބަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމާއެކު ތަފާތު ޕާޓީތަކުން ކެންޑިޑޭޓުން ކުރިމަތިލިއެވެ. ގާނޫނު ބުނާގޮތުން ކޮންމެ ރިޔާސީ ކެންޑިޑޭޓަކުވެސް އޭނާއާއި އެކުގައި ރަނިންގް މޭޓެެއް ނެރޭން ޖެހެއެވެ. ހަމަ އެހެންމެ މެނިފެސްޓޯއެއްވެސް ރައްޔިތުންނަށް ހުށައަޅާން ޖެހެއެވެ.
އެއިރުގެ ސިޔާސީ މަސްރަޚު ދިރާސާކުރާ މީހުންވެސް ބުނެ އުޅުނީ އެއިންތިޚާބުގައި އެންމެ ކުރީގައި ވާދަކުރާނީ އެއިރު ތިމަންނާމެން މިތިބީ ވެރިކަމުގައޭ ގޮވަމުން ގެންދިޔަ ޑީއާރުޕީއާއި އެމްޑީޕީ ކަމުގައެވެ. ހަމައެހެންމެ ގިނަބަޔަކު ހީކުރަމުންދިޔައީ އިންތިޚާބު ކާމިޔާބު ކުރާނީ އެއިރު އެންމެ ނުފޫޒުގަދަ ކެންޑިޑޭޓެއްގެ ގޮތުގައި ހުރި ކުރީ ސަރުކަރުގެ ރައީސް ކަމުގައެވެ. އެއްގޮތަށްވުރެ ގިނަގޮތްގޮތުން މިކަން މިހެން ހީވުމަށް ސަބަބުތަކެއް ހުރިއަތީއެވެ. ޑީއާރުޕީގެ ކެންޑިޑޭޓު އެއިރުވެސް ހުރީ ރާއްޖޭގެ ވެރިކަމުގައެވެ. ދައުލަތުގެ މުދަލާއި ސަލާމަތީ ބާރުތައް އޮތީ އޭނާގެ މުށްދަށުގައެވެ. ހަދާނެގޮތެއް ހަދާށެވެ. ޝަރުޢީ ކޯޓުތަކާއި މިނިވަން މުއައްސަސާތަކުގެ އިތުރުން ދައުލަތުގެ އަނެއް ބާރުކަމުގައިވާ ރައްޔިތުންގެ މަޖިލިސްވެސް އޮތީ އޭނާގެ ބަސް އެއީ އެންމެ ފަހުބަސް ކަމުގައި ބެލޭ ހާލަތެއްގައެވެ.
ނަމަވެސް ހީކުރިގޮތާ ޚިލާފަށް އިންތިޚާބުގެ ފުރަތަމަ ބުރު ނިމިގެން ދިޔައީ ވެރިކަމަށް އައުމަށް ބޭނުންވާ ފަންސާސް އިންސައްތައަށްވުރެ އިތުރުވާ ވޯޓު ޑީއާރުޕީއަށް ނުލިބިއެވެ. އެހެނަސް ގިނަމީހުން ހީކުރިގޮތާ އެއްގޮތަށް އެންމެ ކުރީގައިއޮތީ ޑީއާރުޕީއާއި އެމްޑީޕީއެވެ. ދެވަނަ ބުރުކަށަވަރު ވުމާއެކު އެއިރުގެ ސަރުކާރާ އިދިކޮޅު ހުރިހައި ވާދަވެރީން އެމްޑީޕީއާއިގުޅިގެން ނުކުމެ އިންތިޚާބު ކާމިޔާބުކުރީ އެމްޑިޕީއެވެ. އެހެން ޕާޓީތަކުން އެމްޑީޕީއާއި އެކުގައި ނުކުތީ ގައިމުވެސް އެމްޑީޕީ ދެވަނަބުރު ކާމިޔާބު ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ލިބުމާއެކުގައެވެ. ތިމާމެން ބަލިވެ ދިޔަޔަސް އަލުން ބާރާއި ނުފޫޒުގައި ދެމިތިބުމުގެ އުންމީދުގައެވެ.
ކުރީން ދެންނެވުނު ފަދައިން ކޮންމެ ރިޔާސީ ކެންޑިޑޭޓަކުވެސް މެނިފެސްޓޯއަކާއި ރަނިނގް މޭޓެއް ނެރުން ގާނޫނުއަސާސީއިން ލާޒުމް ކުރުމާއެކު އެމްޑީޕީން ނުކުތީ ރައްޔިތުންނަށް ނުހަނު އުންމީދުތަކެއް ގެނެސްދިން މެނިފެސްޓޯއަކާއި އެކުގައެވެ. އަދިހަމަ އެހެންމެ އެމްޑީޕީގެ ކެންޑިޑޭޓު ގ ކެނެރީގޭ މުޙަންމަދު ނަޝީދު ނުކުމެ ވަޑައިގެންނެވީ ޑރ ވަޙީދު އޭނާގެ ރަނިނގް މޭޓެއްގެ ގޮތުގައި ބަހަށްޓަވައިގެންނެވެ. ޑރ ވަހީދަކީ ރާއްޖެއިން އެންމެ ފުރަތަމަ ޕީއެޗްޑީއެއް ހާސިލް ކުރި ފަރާތްކަމުގައި މަޝްހޫރުވެފައި ވީނަމަވެސް އޭނާގެ ސިޔާސީ މާބޮޑު ބުރަދަނެއް އެއިރުނެތް ފަރާތެކޭ ދެންނެވިދާނެއެވެ. ކުރީގެ ސަރުކާރުގެ ބިރުތަކަށް ކެތްނުކުރެވިގެން ރާއްޖެއިން ބޭރަށްގޮސް ރާއްޖެއިން ބޭރުގައި ގިނަދުވަސްތަކެއް ވެފައިވާ ފަރާތެކެވެ. އެއިރު ވަހީދާ އިދިކޮޅު ފަރާތްތަކުން ވަހީދަށް ދީފައިވާ ނަމަކީ ” ފިލިވަހީދެވެ.” މަލާމާތުގެ ގޮތުން ބުނެއުޅެނީ ” ވަހީދު ކަމް އެންޑް ވަހީދުގޯ ‘ މިހެންނެވެ. ފަހުން ރާއްޖޭގައި އުފެދިގެންއައި އިސްލާހީ މަސައްކަތުގައި ބައިވެރިވެފައިވެސް ހަމަ މަސްރަޚު ކިރިޔާ ހަލަބޮލި ވާއިރަށް ބޭރަށްގޮސް ފިލާތީއާއި އޭގެ ކުރީންވެސް އެގޮތަށް ކަންކޮށްފައި ވާތީއެވެ.
ކޮންމެއަކަސް ކިތަންމެ ވަރަކަށް ފިލިކަމުގައި ވީނަމަވެސް މުޙަންމަދު ނަޝީދު ރިޔާސީ އިންތިޚާބަށް ނުކުމެ ވަޑައިގަތީ ޑރ ވަހީދާއި އެކުގައެވެ. ރަށްޔިތުންގެ ވޯޓުން ކަށަވަރުވީ ރައީސް ނަޝީދު މިގައުމުގެ ވެރިއެއްގެ މަގާމަށް ގެނައުމަށެވެ. އެހެންކަމުން އަލުން އުފެދުނު ސަރުކާރުގެ ރައީސުލް ޖުމްހޫރިއްޔާގެ ނާއިބެއްގެ މަގާމު ކަށަވަރުވެގެން ދިޔައީ ޑރ ވަހީދަށެވެ. ގާނޫނުއަސާސީގައި ނާއިބުރައީސެއްގެ މަސްއޫލިއްޔަތު ލިޔެވިފައި މިންވަރަށް ބަލާލާއިރު ޔަގީންވަނީ އެއީ ރައީސުލް ޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ފަރާތަކުން ހަމައެކަނި ހަވާލުކުރާ ކަމެއް ކުރާންޖެހޭ ރަމްޒީ މަގާމެއް ކަމެވެ. ނަމަވެސް ދައުރުގެ ކޮންމެ ހިސާބަކުން ނަމަވެސް ގާނޫނުގައި ބުނެފައިވާ ސަބަބެއް މެދުވެރިވެގެން ރައީސުލް ޖުމްހޫރިއްޔާއަކު އެމަގާމު އަދާކުރުމަށް އުޒުރުވެރި ވެއްޖެ ހިނދެއްގައި އެޒިންމާ (އެދައުރެއް ނިމެންދެން ) ބޮލުއަޅަންޖެހެނީ ނައިބް ރައީސް އާކަން ޔަގީންވެއެވެ. ނަމަވެސް އެދައުރެއްގެ ނިމުމާއި ހަމަޔަށް ތަންފީޒު ކުރެވޭނީ ގާނޫނީ ހަމައިން ބަލާއިރު ރައްޔިތުންނަށް އެވެރީން ވިއްކި މެނިފެސްޓޯއެވެ.
މިގުނެމުންދާ ދުސްތޫރީ ވެރިކަމުގެ ދައުރަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުޙަންމަދު ނަޝީދު ދިވެހިރާއްޖޭގެ ވެރިކަމަށް ދިވެހީންގެ އަޣުލަބިއްޔަތުން ގެނެސް އެމްޑީޕީގެ މެނިފެސްޓޯއާއި އެއްގޮތަށް ހިންގާންޖެހޭ ވެރިކަމުގެ ދައުރެކެވެ. ދައުރުގެ މެދުތެރެއިން ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވައިފި ކަމުގައި އިއުލާނު ކުރެވި މިއަދު ރާއްޖޭގެ ވެރިކަމާ ހަވާލުވެގެން އެހުރީ ރައީސް ނަޝީދުގެ ނާއިބެވެ. ގާނޫނީ ގޮތުން ސައްޚަ ބަދަލެއްގެ ތެރެއިން ކަމުގައި ބުނަމުންނެވެ. ނަމަވެސް އުފެދޭ ސުވާލަކީ މިއަދު އެބުނާ ބުނުންތައް ދިމާވޭބާވައެވެ. ތެދެކެވެ. ދައުރުގެ މެދުން ރައީސުލް ޖުމްހޫރިއްޔާ އިސްތިއުފާ ދެއްވައިފިނަމަ ވެރިކަމާ ޙަވާލުވާން ޖެހޭނީ ނައިބު ރައީސްއެވެ. މިއަކީ ސުވާލެއް އޮތް ކަމެއްވެސް ނޫނެވެ. ނަމަވެސް އެކަން ސައްޚަ ގޮތުގައި ސާބިތުވާން ޖެހެއެވެ. ގާނޫނާ ޚިލާފަށް އެކަން އެގޮތައް ވީކަމުގައި ދަށްކައިގެން ވެރިކަމެއް ބަދަލުކުރުވުމަށް ކިޔަންޖެހޭނީ ވެރިކަން ފޭރިގަތުން ކަމުގައެވެ. އަދާ ހަމަޔަށް މިކަން އޮތީ އޮޅުވާލުމެއްގެ ތެރޭގައެވެ. ރައީސް ނަޝީދު އިސްތިއުފާ ދެއްވިކަން ޔަގީނެވެ. ނަމަވެސް އެހާލަތު ބުނެދެނީ މުޅީން އެހެން ވާހަކައެކެވެ. ހަމައެހެންމެ ރައީސް ނަޝީދު ފާޅުގައި އެވިދާޅުވަނީ އޭނާ އިސްތިއުފާ ދެއްވުމަށް މަޖުބޫރު ކުރުވީ ކަމުގައެވެ. އެކަމަކު މިއަދު ސަރުކާރު ހިންގުމާ ހަވާލުވެ ތިބި ބަޔަކު އެބުނަނީ އެހެން ނޫންކަމަށެވެ.
ކޮންމެއަކަސް އެނގޭ ހަގީގަތަކީ ޑރ ވަހީދު ވެރިކަމުގެ ތެރެއިން ފެނިއައީ ރައީސް ނަޝީދުގެ ނާއިބު ރައީސްއެއްގެ ގޮތުގައި ކަމެވެ. ވެރިކަމަށް ނުކުތީ އެމްޑީޕީގެ މެނިފެސްޓޯގައި މިޕާޓީގެ ޓިކެޓުގައެވެ. އެހެންވީއިރު ވެރިކަމުގެ މިދައުރު ނިމެންދެން މިގައުމުގައި އޮންނާނީ އެމްޑީޕީގެ ވެރިކަމެއް ކަމުގައި އެބުނާ މީހުން އެބުނާ ބަހުގައި ފިސާރި ބާރެއް އެބަހުއްޓެވެ. އެއީ ހަގީގަތެވެ. އެމްޑީޕީގެ ވެރިކަން ފެށުމާއި އެކުގައި އިދިކޮޅު ފަރާތްތަކުން ގޮވަންފެށީ އެވެރިކަން ވަށްޓާލާނެ ކަމުގައެވެ. ކޮންމެ ގޮތަކުންވެސް އެކަން ކުރާނެ ކަމުގައެވެ. އެމީހުންގެ ކެއްތެރިކަން ކޮޅުންލައި ވެރިކަން ވަށްޓާލުމަށް ކުރި މަސައްކަތް ތަކުގައި ނައިބު ރައީސް ބައިވެރިވާ ކަމުގައި ބުނާއަޑު އިވެންފެށީ އިއްޔެއަކު މިއަދަކު ނޫނެވެ. ވެރިކަން ހަމަފެށިގަތް ތަނާހެން އެވާހަކަ ދެކެވެން ފަށައިފިއެވެ. އެންމެ ފަހުން ފާޅުގައި އިދިކޮޅު ފަރާތްތަކާއި އެކުގައި ނާއިބު ރައީސް ސައްލާތައް ކުރަމުން ގެންްދިޔަކަން މުޅިގައުމު ހެކިވާނެއެވެ. ވެރިކަން ވަށްޓާލުމަށް އެކިފަހަރު މަތީން މަގުމަށްޗަށް ނުކުމެ މުޅިގައުމު ހަލަބޮލިކޮށްލައި ދުވުނީ ކޮންބައެއްކަން އޮޅޭކަށް ނުޖެހެއެވެ. ދީނީ ދަންނަ ބޭކަލުންނޭ ކިޔާ ބަޔަކުވެސް ވެރިކަމުގެ ދަހިވެތި ކަމުގައި ނުކުމެ ދީނުގެދަންނަ ބޭކަލުންގެ އަގުވަށްޓަމުން ދުވުނީއެވެ. މިމީހުންގެ އެންމެ އަޑީގައި ހުރެގެން ބާރުދެމުން ގެންދިޔައީ ކުރީގެ ތިރީސް އަހަރުގެ ވެރިމީހާކަން އެކަކަށްވެސް ނޯޅެއެވެ.
މަގުމަތީން ގާނޫނީ ސަރުކާރެއް ވަށްޓާނުލެވޭނެ ކަމުގައި އެންމެންވެސް ގަބޫލުކުރިއެވެ. ނަމަވެސް އެބަސް ބަދަލުވެގެން މިއައީ ސިފައިންނާއި ފުލުހުން ހަތިޔާރާ އެކުގައި ނުކުމެ ސަރުކާރުގެ އިސްވެރީން ތަޅާ ، ރޯނާގަންނުވައި ވެރިކަން ބަދަލު ކޮށްލުމުންނެވެ. ކަނޑައެޅިގެން އާންމުންގެ ބަޔަކު ސަލާމަތީ ބާރުތަކުގެ މަރުކަޒަށް ވަދެ ރައީސް ނަޝީދު ރަހީނުކޮށް ހެދި ހިސާބުންނެވެ. ދައުލަތުގެ ޓީވީޗެނަލާއި އިމިގްރޭޝަންއަށް ސަރުކާރުން ބޭރު ބަޔަކު ވަދެގަތް ހިސާބުންނެވެ. މިކަންކަން މިހެން ވުމުން ގިނަބަޔަކު ގައިމުވެސް މިބުނަނީ މިއީ ބަޣާވާތެއް ކަމުގައެވެ. ރިޝްވަތު ދީގެން ފުލުހުންނާއި ސިފައިން ބަދަލުކޮށް ވެރިކަން ފޭރިގަތީ ކަމުގައެވެ. މިކަމަށް ބާރުލިބޭ އެތައް ކަމެއް އޭގެ ފަހުންވެސް މިވަނީ ފެނިފައެވެ.
ވެރިކަމާ ހަވާލުވުމާއެކު ގާނޫނީ ގޮތުން އެމްޑީޕީގެ މެނިފެސްޓޯ ވިއްކައިގެން ވެރިކަމަށް އައި އެމްޑީޕީގެ ވެރިކަން ނިމުނީ ކަމުގައި މިހާރު މީހުން މިބުނާ ބާޣީ ކާޅު ބުނެފިއެވެ. އެމްޑީޕީއާއި އެންމެ ވާދަވެރި ކުރީގެ ރައީސްއާއި ބައްދަލުކޮށް ވެރިކަން ހިންގާނެ ގޮތްތަކާމެދު މަޝްވަރާ ކޮށްފިއެވެ. ފުލުހުންނާއި ސިފައިން ނެރެގެން އިންތިޚާބީ ރައީސް ނަޝީދު މަރާލަން ހަމަލާތަކެއް ދީފިއެވެ. އެމްޑީޕީގެ ކެބިނެޓު އުވާލައި ސިޔާސީ މަގާމުތަކުން ހުރިހައި މީހުން ބޭރުކޮށް ސަރުކާރުން އެމްޑީޕީގެ ނަންވެސް ފޮހެލައިފިއެވެ. މީގެ އިތުރުން ޚޮދު ވަހީދާ އެކުގައި ސަރުކާރު ހިންގާން ނުކުތް އެންމެން ހިފައި ހައްޔަރުކޮށް ޖަލަށްލައި ނިންމާލާނެ ކަމުގައި ބުނި މީހަކާއި ދާޚިލީ ވުޒާރާ ހިންގުން ހަވާލުކޮށް ރައީސް ނަޝީދު ރަހީނުކޮށް ސިފައިންގެ މުއައްސަސާ އަށް ވެރިވެގަތް އާންމު މީހަކާއި ދިފާއީ ވުޒާރާ ހަވާލުކޮށްފިއެވެ. އެމްޑީޕީގެ ވެރިކަން ވަށްޓާލުމަށް ނުކުމެއުޅުނު ދަންނަ ބޭކަލުންނޭ ކިޔައިގެން މިގައުމު މުޅީން ހަލަބޮލިކުރި ނުބައި ނުލަފާ ބަޔަކާ މިގައުމުގެ އިސްލާމީ ކަންކަން ބެލެހެއްޓުން މަތިކޮށްފިއެވެ. މަގުމަތީގައި އެމްޑީޕީގެ ސަރުކާރު ވަށްޓާލަން އަރުވާ ޖަހައިގެން ދުވުނު އެއްލޯ ނެތް މީހުންނަށް ދާންދެން ސިޔާސީ މަގާމުތަކަށް ގެނެސް ލައިފިއެވެ. މާލޭގައި ހުރި ދައުލަތުގެ މުއަށްސަސާ ތަކުގެ ބިއްލޫރިތައް ތަޅައި މަގުމަތީގައި އިންދާފައިހުރި ގަސްތައް އުފުރައި ފުލުހުންގެ ހުރަސްތައް މޫދަށް އުކާލި ހުރިހައި ޒުވާނުން ފުލުހުންގެ ވަޒީފާއަށް ގެންނަނީއެވެ. އެމްޑީޕީގެ މެނިފެސްޓޯއާއި އެއްގޮތަށް ގައުމުގައި ހަލުއިކޮށް ހިންގަމުން ގެންދިޔަ ހުރިހައި ޕުރޮޖެކްޓެއް ހުއްޓާލައި މުޅީން ބަދަލުކޮށް ފެނުނުހާ ގޮތަކަށް ކަންކަން ކުރަމުން ގެންދާން ފަށައިފިއެވެ. މިކަންކަމަށް ބަލައިލުމުން ދެންބުނާންއޮތީ ކީކޭބާވައެވެ. މިއަދު އެވަހީދުގެ އިޚުލާސްތެރިކަމެއް އަމުދުން ނެތީއޭ ބުނުމުން ނިންމޭކަށް ނެތެވެ. މުޅިގައުމު ފިތުނަކޮށް ދުވަހަކު ސަލާމަތް ނުވާވަރުގެ އަނދަވަޅަކަށް މިވަށްޓާލީ ބާޣީ ކަޅުކާޅޭ ނުވަތަ އެނޫން އެއްޗެކޭ ބުނިކަމުގައި ވީނަމަވެސް އެބުނަނީ ތެދުނޫން ކަމުގައެއް ނުވާނެއެވެ. އޭނާގެ ކިބައިގައި ދީންވެރިކަމެއް ގައުމީ ލޯތްބެއް ކީއްކުރަން އިންސާނިއްޔަތު ކަމެއްވެސް ނެތެވެ. އެއީ ހަމަ ވެރިކަމާހެދި މޮޔަވެފައިހުރި ބާޣީ ކާޅެކެވެ.