ބަޣާވާތް ހިނގައިދިޔަ ގޮތުގެ މައްޗަށް އަމީން ފައިސަލް އާއި އަސްލަމް ވަރަށް ތަފްސީލީ ރިޕޯޓެއް ނެރެފި

ފެބްރުއަރީ 7 ވަނަ ދުވަހު ރާއްޖެއަށް ގެނައި ބަޣާވާތުގެ މައްޗަށް ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ކެބިނެޓްގެ ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް އާއި ރައީސް ނަޝީދުގެ ސަރުކާރުގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަމީން ފައިސަލް ތައްޔާރުކުރެއްވި ވަރަށް ފުރިހަމަ ރިޕޯޓެއް މިއަދު ރައީސް ނަޝީދު ނެރެދެއްވައިފިއެވެ.

މާލެ ސިޓީ ހޯލުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މިއަދު ނެރުނު ރިޕޯޓު ތައްޔާރުކޮށްފައި ވަނީ 3 މަސް ދުވަހަށް ވުރެ ގިނަ ދުވަހު އެ 2 ބޭފުޅުން ކުރެއްވި ވަރަށް ބުރަ މަސައްކަތަށް ފަހު ސިފައިންނާއި ފުލުހުންގެ ތަފާތު އެކި ރޭންކްތަކުގެ ބޭފުޅުންނާއި، އެހެނިހެން ފަރާތްތަކާ އިންޓަވިއު ކުރުމަށް ފަހު އެވެ.

ވަޒީރުކަން ކުރެއްވި 2 ބޭފުޅުންގެ ހައިސިއްޔަތުން އެ 2 ބޭފުޅުން ނެރުއްވި މި ރިޕޯޓުގައި، އިންކުއިރީ ކޮމިޝަނުން ޓައިމްލައިންގެ ނަމުގައި ނެރުނު ރިޕޯޓާ ޚިލާފަށް ކަން ހިނގައި ދިޔަ ގޮތް އެއްވެސް ފޮރުވުމެއް ނެތި ވަރަށް ތަފްސީލްކޮށް ގެނެސްދީފައި ވެއެވެ.

މި ރިޕޯޓް ނެރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މި ރިޕޯޓަކީ ފުލުހުންނާއި ސިފައިންގެ އެންމެ ޖޫނިއަރ އަދި ސީނިއަރ ރޭންކުތަކުގެ ބޭފުޅުންނާ އިންޓަވިއުކޮށް، އެ ބޭފުޅުންގެ މަޝްވަރާ ހިމެނިގެން ނެރެފައިވާ ރިޕޯޓެއް ކަމުން ހުރިހާ ސިފައިންނާއި ފުލުހުން ބަޣާވާތުގައި ބައިވެރިނުވާކަން ވަރަށް ރަގަޅަށް ދޭހަވާ ކަމަށެވެ. އަދި ދައުލަތުގެ މުޥައްސަސާތަކުން މި ރިޕޯޓަށް ބެއްލެވުމަށްފަހު ބަޣާވާތުގައި ބައިވެރިވި ފަރާތްތަކާ މެދު ފިޔަވަޅުއެޅުއްވުމަކީ ވާޖިބެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވީ ބަޣާވާތުގައި ބައިވެރިވި ފަރާތްތަކާ މެދު ފިޔަވަޅުއެޅުމަށް ކަމާއި ބެހޭ މުޥައްސަސާތަކުން އިހުމާލުވެއްޖެ ނަމަ އެ ފަރާތްތައް ޒިންމާދާރުކުރުވަން އެމްޑީޕީން ނިކުންނާނޭ ކަމަށެވެ.

ރިޕޯޓް ވިދާޅުވުމަށް މި ލިންކަށް ފިއްތަވާލައްވާ