ނޫސް ބަޔާން: އިންކުއިރީ ކޮމިޝަނުގެ ރިޕޯޓުން ބަޣާވާތެއްކަން ހާމަވާތީ ޑރ.ވަޙީދުގެ އިސްތިއުފާއަށް އެމްޑީޕީން ގޮވާލުން

6 ޖޫން 2012 ގައި ކޮމިޝަން އޮފް ނޭޝަލަން އެންކުއަރީން ނެރުއްވާފައިވާ ލިޔުމަކީ ރިޕޯޓެއް ނޫން ކަމަށާއި “ކަން ހިނގާފައިވާ ގޮތުގެ ތަރުތީބު” ކަމަށް ވިދާޅުވެ ނެރުއްވާފައި އެވަނީ އެކޮމިޝަންގެ ރިޕޯޓެއް ކަމުގައި މިޕާޓީން ފާހަގަކޮށް، މިދަނޑިވަޅުގައި، ކޮމަންވެލްތާއެކު ވެވިފައިވާ އެއްބަސްވުމާ ޚިލާފަށް މިފަދަ ރިޕޯޓެއް އެކޮމިޝަނުން ނެރުއްވިކަން މިޕާޓީން ކުށްވެރިކުރަމެވެ.

ކޮމިޝަނުން ކުއްލިގޮތަކަށް ނެރުއްވި މިރިޕޯޓުންވެސް ހާމަވެގެން ދިޔައީ 7 ފެބްރުއަރީ 2012 ދުވަހު ދިވެހި ފުލުހުންނާއި ސިފައިން ހިންގީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ދިވެހިރާއްޖޭގެ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ޢަމަލުތަކެއްކަމެވެ. އަދި ފުލުހުންނާއި ސިފައިން ބައިވެރިވި މިބަޣާވާތުގައި ސިޔާސީ އިސްފަރާތްތައް ވެސް ހިމެނޭކަމެވެ.

މިޕާޓީން ދެކޭގޮތުގައި މިރިޕޯޓުން ހާމަވެގެންދިޔަ އެންމެބޮޑު ހަޤީޤަތަކީ، 7 ފެބްރުއަރީ 2012 ދުވަހު ހިންގި ބަޣާވާތުގައި އެއިރުގެ ނައިބު ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު ބައިވެރިވެވަޑައިގެންފައިވާކަމާއި، އެބަޣާވާތްކުރި މީހުންނާއި ބައިވެރިވެވަޑައިގެން އިސްދައުރެއް އަދާކުރެއްވިކަމެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އެދުވަހު އިސްތިޢުފާދެއްވީ ބަޔަކު އިސްތިޢުފާ ދެއްވުމަށް އެމަނިކުފާނަށް މަޖުބޫރުކުރުވައިގެންކަން ވެސް އެރިޕޯޓުން ހާމަވެގެން ހިނގައްޖެއެވެ.

7 ފެބްރުއަރީ 2012 ގައި މިރާއްޖޭގެ ވެރިކަން ބަދަލުވެގެން ދިޔަ ގޮތާއިގުޅޭގޮތުން ޑރ. މުޙައްމަދު ވަހީދު ޙަސަންމަނިކު ބޭރުގެފަރާތްތަކާ ބައްދަލުކުރައްވާ ދައްކަވާފައިވާ ވާހަކަތަކުގައި އެތައްފަހަރަކު ވިދާޅުވެފައިވަނީ 7 ފެބްރުއަރީގައި މިރާއްޖޭގެ ވެރިކަން ބަދަލުވެގެންދިޔައީ ބަޣާވާތަކުންކަމަށް ވެއްޖެނަމަ މިހާރު އެހުންނެވި މަޤާމުން އިސްތިޢުފާ ދެއްވާނެކަމަށެވެ.

ވީމާ މިޕާޓީން މިގޮވާލަނީ ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު މިހާރުން މިހާރަށް އިސްތިއުފާދެއްވުމަށެވެ.


ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް

އަލީނިޔާޒް
ވަގުތީ ސެކްރެޓަރީ ޖެނެރަލް
7777852