ކޮލަމާފުށީ ރަސްއައިން ދޯނީގައި އިންސާފުގެ ދަތުރުގައި ބައިވެރިވުމަށް ކުރި އާދަޔާ ޚިލާފް ދަތުރު

އިންސާފްގެ ދަތުރު – ހުވަދު އަތޮޅުން މާލެއަށް
27 ފެބްރުއަރީ -– 28 ފެބްރުއަރީ

ލިޔުނީ: މުއާޒް (މޯލާ) – އެމްޑީޕީ މަޑަވެލި ދާއިރާގެ ސެކްރެޓަރީ

ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހެވެ. ބަޤާވާތްކުރިފަހުން 20 ވަނަ ދުވަހެވެ. އަޅުގަނޑުގެ އުމުރުން 22 އަހަރެވެ. ދުވަހަކީ މޫސުން ރީތި ހިތްގައިމު ދުވަހެކެވެ. އެހެން ދުވަސްތަކޭ އެއްފަދައިން ރާއްޖެ ޓީވީ ބެލުމުގައި އެމް.ޑީ.ޕީގެ ހީވާގި މެންބަރުން މަޝްއޫލުވެގެން އުޅުނެވެ. މާލެ ދިއުމަށް ލިސްޓްކޮށްފައިވާ މީހުން 2 ޖެހިއިރު ޝަރީފްގެ އުދޯލިގޭގައި އެއްވެ ތިއްބެވެ. އެތާގައި ފެރީދުއްވާ އަދުނާންވެސް އިނެވެ. އިސްކޮށް ތިބި މީހުންގެ ތެރެއިން ކައުންސިލް މެންބަރ ޝިރާނުއާއި އަޔާޒުވެސް އިނެވެ.

ފަންސަވީހެއްހާ މީހުން މާލެދިއުމަށް ނަންނޯޓްކޮށްފައި ވީނަމަވެސް 2 ޖެހުމާއިހަމައަށް އެއަދަދު އައީ މަދުވަމުންނެވެ. 04:30 ވާއިރު ހޯނޑެއްދޫ އިން ތިނަދޫއަށް (ކޮލަމާފުށީ ރަސްއައިން ދޯންޏަށް) ދިއުމަށްޓަކައި ފުރާނެކަމަށް އިއުލާންކުރުމަށް ފަހު އެންމެން ގެއާއި ދިމާއަށް ނައްޓާލިއެވެ.
އަޅުގަނޑު ގެއިން ނައްޓާލީ 4 ޖެހިފަހުންނެވެ. ފުރަން ދިޔަމަގުމަތީގައި “ރަޓުފިހާރަ” އަށް ވަދެ ފެންކޭހަކާއި އިންޑޯމިލްކު ކޭހަކާއި ދެ ޗިޕްސް ދަޅު ގަނެގެން އަތިރިމައްޗާ ދިމާލަށް (ދިހަރެއާހަމައަށް) ދެވުނުއިރު ގާތްގަނޑަކަށް އެންމެންހެން ހަމައަށް ތިއްބެވެ. އޭރުއެތާނގައި ތިބި މީހުން ގުނާލި އިރު 18 މީހުންވެސް ހަމަނުވެއެވެ. އެންމެން ފުރަންތައްޔާރުވިއިރު ދާނެ ދޯންޏެއް ނުލިބުނެވެ. އަދުނާނު ނަމާދުން ފައިބައިގެން އައިސްހުރީ މަސްކަނޑާށެވެ. ދެތިން ކުއްޖަކު އަދުނާން ބަލާވެސް ފޮނުވިއެވެ. 30: 4 ވީއިރުވެސް އަދުނާންއެއް ނައެވެ. ދެން އަހަރުމެން ބެލީ ތައުފީގް ފެރީގައި ދެވޭގޮތެއް ވޭތޯއެވެ. ތައުފީގް ބުނީ އިންޖީނު ގިޔަރުގައި މައްސަލައެއް ޖެހިފައިވާ ވާހަކައެވެ. އެވަގުތު ދަތުރުގެ ބައިވެރިންނަށް ކޮންމެވެސް ވަރެއްގެ މާޔޫސް ކަމެއް ލިބުނެވެ. ދެވެންހުރި ހުރިހާ ގޮތެއް އެވަގުތުގައި ބަލަމުންގެންދިޔައެވެ. ލޯންޗެއްގައިވެސް އެހުރިހާ މީހުންނަށް ދެވެން ނެތެވެ.

އޭރު ކައުންސިލް އިދާރާގެ ކުރިމަތީގައި ހެދިފައި ހުރިގަސްތަކުގައި އެލުވާލާފައިވާ ޖޯލިފަތިތަކުގައި ޕީ.ޕީއެމެގް މީހުން ނުވަތަ އިއްތިހާދޭ ކިޔައިގެން އުޅޭ ޖަމާއަތުގެ މީހުން ތުންތަޅުވައިލަ ތަޅުވައިލައި ތިއްބެވެ. އެއްބަޔަކު ކިޔާއަޑު އިވެއެވެ. މިމީހުންކީ ޖިހާދަށް ދާބަޔެކެވެ. އަނެއްބަޔަކު ކިޔައެވެ. އެދަނީ ވެރިކަން އަނބުރާ ރުޖޫއަކުރުމަށެވެ. މިހެން ތިއްބާ ސައިކަލެއްގެ ފަހަތު ޝީޓުން އަދުނާން ދައްކައިލިއެވެ. އެންމެންގެ ހިތަށް ފިނިކަމެއް ލިބުނުކަހަލައެވެ. ހޯނޑެއްދޫއިން ނައްޓާލިއިރު ގާތްގަނޑަކަށް 5 ޖަހައިފިއެވެ. މަޑަވެލީ ފަޅުބޭރުގައި މަޑުކޮށް އެރަށުން ޑިންގީއެއްގައި އައި 3 ކުދިން ފެރީއަށް އަރުވައިފިއެވެ. އެއީ ޝިއާރު އާއި އަދިވެސް ކޮންމެވެސް ދެކުއްޖެކެވެ. އޭރު ޖުމްލަ ބައިވެރިންގެ އަދަދަކީ 18 އެވެ.

ދުވަހަކީ ކަނޑުމަޑު ދުވަހެއްކަމުން ކަނޑުގެ ލޮނުގަނޑު ކަފަމުން ރާސްލާފައި ގޮސް ތިނަދޫ ފަޅަށް ދޯނި ވަދެއްޖެއެވެ. އޭރު ރަސްއައިން ދޯންޏަށް ފުރުމަށް ބޭނުންވާ ސާމާނުތައް އަރުވައި މީހުންވެސް ޖަމާވަމުން ދިޔައެއެވެ. އަހަރުމެންނަށް ރަސްއައިން ދޯންޏަށް އެރުނު އިރު ގާތްގަނޑަކަށް ދޯނި އޮތީ ނައްޓާލަން ރެޑީ ކޮށްފައެވެ. އަޅުގަނޑުމެންގެ ބައިވެރިއެއް ކަމަށްވާ ޖާދުﷲ ރޯގާ ޖެހިގެން އުޅޭތީ ތިނަދޫގެ ރައްޓެއްސަކަށް ގުޅައިގެން ޕެނަޑޯލް ކާޑަކާއި ސިޓްރިޒެން ކާޑެއް ގެނެސްފީމެވެ. އޭރު އިރުއޮއްސި 6 ޖަހައިފާނެއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ރަސްއައިން ދޯނި ތިނަދޫ ފަޅުން ނުކުމެ އެ ދޯނި ނިސްބަތްވާ ގއ. ކޮލަމާފުއްޓަށް މިސްރާބް ޖަހައިފިއެވެ.

ބާރުދުވެއްޔެއްގައި ގޮސް ކޮލަމާފުށީ ބަނދަރަށް ވަންއިރު 8 ޖަހައިފާނެއެވެ. 10 ޖަހާއިރު ދޯންޏަށް އެރުމަށް ދަތުރު އިންތިޒާމްކުރާ ފަރާތްތަކުން އެންގިއެވެ. ދަތުރު އިންތިޒާމް ކުރުމުގައި އެމް.ޑީ.ޕީ ތިނަދޫ ދާއިރާގެ ހިންގާކޮމެޓީގެ މެންބަރުންނާއި ތިނަދޫ އެމް.ޑީ.ޕީގެ އިސްމީހުން ހިމެނެއެވެ. އަޅުގަނޑުގެ ކޮލަމާފުށީގެ ރައްޓެހިންގެ ތެރެއިން އެކަކުވެސް އެދުވަސްވަރުގައި ރަށުގައިނެތެވެ. ކޮލަމާފުއްޓަށް ފޭބުމުގެ ކުރިން އަޅުގަނޑުގެ ރައްޓެއްސެއްކަމަށްވާ އެރަށު ރާމިޒްއަށް ގުޅާފައި އެވާހަކަ ބުނީމެވެ. ރާމިޒްވަގުތުން ރައުފްއަށް ގުޅާފައި ރާމިޒްގެ ރައްޓެއްސް ދޯނީގައި ދާނެވާހަކަ ބުނިކަމަށް އަހަންނަށް މެސެޖެއްކޮށްލިއެވެ. ކޮލަމާފުށީ ބަނދަރަށް ފޭބިއިރު އެތާގައި ރައުފްހުއްޓެވެ. ރައުފްއާއި ބައްދަލުކޮށްލާފައި ފަހުން ދިމާވާނެކަމަށްބުނެ ޅިޔަނާއިއެއްކޮށް ރަށުތެރެއަށް ހިނގައި ގަތީމެވެ. ފުރަތަމަވެސް ދިޔައީ ބައްޕަގެ ރައްޓެއްސެއްގެ ގެއަށެވެ. އެގެއަށް ގޮސް ފާހާނަކޮށްލައިން ނުކުތީ ކާންދިއުމަށެވެ.

ކާންދިޔަމަގުމަތީގައި ރާމިޒްގުޅާފައި އޭނަގެ ރައްޓެހި ކުއްޖެއް ބަލާއަންނާނެ ވަހަކަ ބުނުމުން އެތާނގައި މަޑުކޮށްލީމެވެ. މިނުޓެއްގެ ތެރޭގައި އެކުއްޖާ ސައިކަލެއްގައި އައިސް އަހަރެން ނަގައިގެން ގޮސް މަޑުކޮށްލީ ރާމިޒްގެ ގެއަށެވެ. އެގޭގައި އުޅެނީ ރާމިޒްގެ މަންމައާއި ރާމިޒްގެ ދައްތައެއްގެ ދެއަންހެން ކުދިންނާއި އައްޑޫ އަންހެން ކުއްޖެކެވެ.

އެގޭގައި އިންދާ ޚަބަރުލިބުނީ އެމް.ޑި.ޕީގެ ޗެއާރ ޕާރސަން (އިދާރީ) މުޙައްމަދު އިމްތިޔާޒް އާއި ބައެއް ދާއިރާތަކުގެ ރައީސުން ޖުމްހޫރީ ޕާޓީއާއި ގުޅުނު ޚަބަރެވެ. ވަގުތުން އިންތިއަށް ގުޅައި ޚަބަރު ސައްޚަކޮށްލީމެވެ. ހަމައެހެންމެ އެމް.ޑީ.ޕީ ޤައުމީ މަޖިލިސް މެމްބަރ އަރުހަމަށްވެސް ގުޅާލީމެވެ. އަރުހަމް ބުނީ ޖުމްހޫރީ ޕާޓީއަށް ސޮއިނުކުރާކަމަށެވެ. އެގެއިން ރަގަޅަށް ފެންވަރައި ކައިގެން ނައްޓާލީ ބަދަރަށެވެ. އޭރު 10 ޖެހުމަކާއި ކައިރިވެދާނެއެވެ. ބަނދަރު މަތީގައި ބޮޑު ސްކްރީން ބަހައްޓައި ރާއްޖެޓީވީ ދައްކަމުން ދިޔައެވެ. މަވެސް ޓީވީ ބަލަން ޖޯއްޔެއްގައި ޖައްސާލީމެވެ. 10 ޖެމާއިއެކު އެންމެން ދޯންޏަށް އަރައިފިއެވެ. ކޮލަމާފުށިންވެސް ފުދޭވަރަކަށް ޒުވާނުން އެރިއެވެ. އޭގެ ތެރޭގައި ރައުފް ވެސް ހިމެނެއެވެ. އެރޭ ހުވަދޫ ކަނޑު ހުރަސްކޮށް ފަތިހު ދޯނި އޮތީ ކޮޅުމަޑުލުގައެވެ. ކޮޅުމަޑުލު ތިމަރަފުށީ ބަނދަރަށް ވަދެ މާލެދާކުދިބަޔަކު ފެންނަށްނެތުމުން މާކަނޑަށް ނުކުމެ މާލެއާއި ދިމާލަށް ދޯނި މިސްރާބްޖެހިއެވެ. ހެދުނު 7 ޖެހުމާއެކު ދަތުރުގެ ބައިވެރިން އަވަސްވެގަތީ ކޮފީ ބުއިމަށެވެ. ކޮފީބުއިތާ މާގިނަ އިރުނުވަނީސް ދަތުރުގެ ބައިވެރިން ހެދުނުގެ ނާސްތާކޮށްފިއެވެ. ބާރު ދުވެލީގައި ދުވަމުން ދިޔަ ދޯނީގެ އިންޖީނު ކުއްލިއަކަށް ހުއްޓުނެވެ. ދޯނީގެ އިންޖިނިއަރުން އިންޖީނު ވަތަށް އެރި ބެލިބެލުމުގައި ފިސްޓަނެއްގެ މައްސަލަޖެހުނީއެވެ. ގަޑިން އޭރު 11:30 ވެދާނެއެވެ. ދޯނި އޮތީ ވ އަތޮޅު ބޭރުގައެވެ.

ދޯނީގެ ހުރިހާ ފިސްޓަނެއް ނުޖައްސައި މަޑުމަޑުން ދުއްވަމުންގޮސް ވ. އަތޮޅުގެ ކުޑަކުޑަ ރަށެއްގެ ބަނދަރަށް ވަދެއްޖެއެވެ. އެރަށުގައި ޖެޓީއެއް ލާފައިނެތެވެ. އެހެންނަމަވެސް ކުޑަވަރެއްގެ ފާލަމެއް ހަދާފައިވެއެވެ. ފަޅުގައި އޮތީ އެންމެ ދޯންޏެކެވެ. ދިހަރެސް މަތިން އެއްވެސް ބަޔެއްގެ ހިލަމެއް ނުވެއެވެ. ބަލާބެލުމަށް ފަޅުރަށެއްހެން ހީވިޔަސް ސަރުކާރުގެ އިމާރާތްތަކާއި ރީނދޫކުލައިގެ ފާރުތައް ފެނުމުން މީހުން ދިރިއުޅޭ ރަށެއްކަން އެގެއެވެ. ދަތުރުގެ ބައިވެރިއެއްގެ ފަރާތުން އެއީ ރަކީދޫ ކަން އެގުނެވެ. ދޯނީގައި ތިބި މީހުން ރަކީދުއަށް ފައިބައިފިއެވެ. އެންމެންވެސް ފޭބިއެވެ. އެވަގުތު ހީވީ އެރަށުގެ އާބާދީއަށް ވުރެ ބޮޑު ބައިގަނޑެއް އެރަށަށް އަރައިގެން އުޅޭހެންނެވެ. ރަކީދޫއަށް ފޭބި އިރު ގަޑިން 1 ޖަހައިފާނެއެވެ.
ބަނަދަރުމަތިން އަހަރުމެންނާއި ފުރަމަތަ ދިމާވީ ބެގީކޮށް ޓައި އަޅާފައިހުރި ޒުވާން ކުއްޖަކާއެވެ. އެކުއްޖާއާއި ވާހަކަ ދައްކާލުމުން އެއީ އެރަށު ކައުންސިލް މެންބަރެއްކަން އެގުނެވެ. އަދި އެރަށު ކައުންސިލަށް ހޮވިފައިވަނީ އެމް.ޑީ.ޕީ ފަސް މެންބަރުންކަމާއި މިވަގުތު އަނެއް 4 މެންބަރުންނާއި ރަށުގެ އެމް.ޑީ.ޕީގެ ބައެއް މެންބަރުން އިންސާފްގެ ދަތުރުގައި ބައިވެރިވުމަށް މާލެގޮސްފައިވާ ކަމުގެ މަޢުލޫމާތު ލިބުނެވެ. ދޯނީގެ އިންޖިނިއަރުން އުޅުނީ އިންޖީނުގެ ހަލާކްވި ބައި ހެދޭތޯއެވެ. އަހަރުމެން ދިޔައީ ރަށު ތެރެއަށް ހިގާލުމަށެވެ. ދެތިން ކުޑަކުޑަ ފިހާރަ އެރަށުން ފެނުނެވެ. އެފިހާރަތަކަށް ވަދެ ދަތުރުގެ ބައިވެރިން ވިޔަފާއިކޮށް ހެދިއެވެ. ރަށުގެ މާއެތެރެއަށް ނުދެވެނީސް އަހަރުމެންނަށް ފެނުނީ ރަކީދޫ އެމް.ޑީ.ޕީ ހަރުގެއެވެ. ބޮޑު ސްކްރީނެއް ބަހައްޓަފައި ވެއެވެ. ހަރުގޭގައި އެއްވެސް މީހަކު ނޫޅެއެވެ. އަހަރުމެންގޮސް ހަރުގޭގައި ކުޑައިރުކޮޅެއް ވަންދެން މަޑުކޮށްލީމެވެ.

ހަރުގޭގައި މަޑުކޮށްލުމަށް ފަހު ބައެއް ގޭގެއަށް ވަދެ ސަލާމްގޮވައި މީހުންނާއި ބައްދަލުކޮށް ރަށުތެރޭގައި ހިނގާލީމެވެ. އޭރު ދޯނީގެ އިންޖީނުގެ ހަލާކް ވިބައި ހެދިއްޖެއެވެ. ދެން އެންމެން ދިޔާއި ދޯންޏަށެވެ. ރަކީދޫ ފަޅުން ނައްޓާލި އިރު 2 ޖެހުމަކާއި ކައިރިވެދާނެއެވެ.
ހަވީރަށް މާލެ ދެވޭނެ ކަމުގެ އުންމީދުގައި އެންމެންވެގެން ދޯނި ޒީނަތްކުރަން ފަށައިފިއެވެ. ދޯނީގައި ރީނދޫ ފޮއްޗާއި އެމް.ޑީ.ޕީ ދިދަތައް ޖަހައި މުޅި ދޯނި ރީނދޫކޮށްފިއެވެ. ބާރު ދުވެލީގައި ދިޔަ ދޯނީގައި މިނިވަންކަމާއި އެކު ދިދަތައް ވިހުރެމުން ދިޔައިއިރު ދަތުރުގެ ބައިވެރިން ތިބީ މާލެ ދެވޭނެ ވަގުތެއްގެ އިންތިޒާރުގައި މަޖާކޮށްލަކޮށްލައެވެ. އަޅުގަނޑު އިނީ ދޯނީގެ އެންމެ ކުރީގަވެ. އެހެންތިއްބާ ދޯނީގެ ތައްޓުމައްޗަށް އެންމެން ޖަމާވުމަށް ދަތުރު އިންތިޒާމްކުރާ ފަރާތްތަކުން އަންގައިފިއެވެ. ދޯނީގެ ތައްޓުމައްޗަށް އެންމެން ޖަމާވެއްޖެއެވެ. އޭރު ވެގެން އުޅޭގޮތެއް ނޭގެއެވެ. ހީވީ ދޯނީގެ ތިބި މީހުންގެ އަދަދު ބަލާލުމަށް ކުރިކަމެއް ހެންނެވެ. ދަތުރު އިންތިޒާމް ކުރާފަރާތްތަކުގެ ތެރެއިން ތިނަދޫ ދާއިރާގެ ނައިބް ރައީސް މުޙައްމަދު ޝަރީފް މެގަފޯނުން ވާހަކަ ދައްކަން ފެއްޓިއެވެ. އަދި ހުރިހާ މީހުން އަތުގައި ފޯނެއް އޮތިއްޔާ ފޯނާއި އެކު އަތްމައްޗަށް ނަގަން އެންގިއެވެ. އެންމެންވެސް ފޯނާއިއެކު އަތްނަގައިފިއެވެ. އެތާގައި ތިބެގެން ބާޤީ ވަހީދުގެ އިސްތިއުފާއަށްވެސް ގޮވީމެވެ. އެއީ ދޯނީގެ ކައްކާގެ ފޯނުގެއްލިގެން ކުރިކަމެއްކަން ފަހުން އެގިއްޖެއެވެ. އޭރު ދޯނި މާލެ އަތޮޅަށް ވަންނަނީއެވެ. ފޯނު ކޯލުތައް އަންނަމުން ދިޔައެވެ. ސިފައިން އަހަރުމެންނާއި ދިމާކުރިތޯ އަހައިފިނަމަ ލާރި އުކައި އެމީހުން ފައްސާލިކަމަށް ބުނެ ޖޯކެއް ޖަހާލަނީއެވެ. މިހިސާބަށް އާދެވުނު އިރު ސިފައިންގެ އެއްވެސް ފަރާތަކުން އަހަރުމެންނާއި ދިމާކޮށްފައިނުވެއެވެ. މިނިވަންކަމާއި އެކު ދަތުރުކުރަމުން އައި ބަޔަކާއި އެއްވެސް ސަބަބެއްނެތި ސިފައިން ދިމާކޮށް ހުއްޓުވާނެކަމަށް އޭރު ހިތަކަށްވެސް ނާރައެވެ. މިނިވަންކަމާއި އެކު ދަތުރުފަތުރު ކުރުމަކީ ޤާނޫނު އަސާސީން ލިބިގެންވާ ހައްޤެކެވެ.

އޭގެ ކުޑަ އިރުކޮޅެއް ފަހުން ސިފައިންގެ ކޯސްޓް ގާޑް ދޯންޏާއި ދިމާލަށް އަންނަ ޚަބަރު ލިބިއްޖެއެވެ. ދެން ފެނުނީ ކޯސްޓް ގާޑުގެ ކުޑަ ލޯންޗެއް ތަންކޮޅެއް ބޭރުން ދޯންޏާއި ދިމާލަށް އަންނަތަނެވެ. ދޯންޏާއި ކައިރި ވަކި ހިސާބަކަށް އައިސްފައި ލޯންޗް ހިގައްޖެއެވެ. ދެންދައްކާލީ ކޯސްޓްގާޑް މަނަވަރެކެވެ. ބާރު ދުވެއްޔެއްގައި ދޯންޏާއި ދިމާލަށް އާދެއެވެ. ދޯންޏާއި ގާތްގަނޑަކށް 300 ފޫޓް ދުރުގައި ތިބެގެން ފުރަތަމަވެސް ކޯސްޓް ގާޑްގެ ކުރީގައި ބޮޑު ބަޑި އަޅުވައި އަހަރުމެން ތިބި ދޯންޏާއި ދިމާލަށް ހުރާލަން ފެށިއެވެ. މިނިވަންހަމާއި އެކު ދަތުރު ކުރަމުން ދިޔަ ދިވެހީންނާއި ދިމާލަށް އެއްވެސް އިންޒާރަކާއި ނުލައި ފުރަތަމަވެސް ދިއްކޮށްލީ ބަޑިއެވެ. ހުދްމުޚްތާރު މިލިޓަރީ ވެރިކަމެއްގެ ސިފަ ކިތަންމެ ރަނގަޅަށްވެސް އޭރު ދޯނީގައި ތިބި ބަޔަކަށް ފެންނާނެވެ. ދޯނީގައި ތިބި އެންމެންހެން ދޯނީގެ އެއްކައިރީގައި ސަފަކަށް އެތުރިލައިގެން ތިއްބެވެ. ދޯނީގެ ދުވެއްޔެއް މަޑެއް ނުކުރައެވެ. އޭރު އަހަރުމެން ތިބީ ކ. މާފުށީ ބޭރުގައެވެ. ސިފައިންގެ ކޯސްޓްގާޑްވެސް އަހަރުމެންނާއި އެއްވަރަކަށް ބަޑިނަގައި ކޮޅަށް ޖަހައިގެން ދުއްވަމުން އައެވެ. އިރުކޮޅެއް ފަހުން ފުލުހުންގެ ދެ ލާންޗް ދޯންޏާއި ކައިރިއަށް އަންނަތަން ފެނުނެވެ. ފުލުހުންގެ ލޯންޗް ދޯންޏާއި ކައިރިވުމުން ކޯސްޓް ގާޑުން ދޯނީގެ އިންޖީނު ނިއްވާލުމަށް އިންޒާރުދެމުން ދިޔައެވެ. ސިފައިންގެ އިންޒާރު ތަކުރާރުވުމުން ދޯނީގެ އިންޖީނު ނިއްވާލިއެވެ.

ދޯނިކައިރިއަށް އައި ފުލުހުންގެ ލޯންޗް ދޯނި ބަލާފާސްކުރުމަށް ބޭނުންކަމަށް ބުންޏެވެ. ކޯޓް އަމުރެއްވެސް އެމީހުންގެ އަތުގައި އޮތެވެ. ދޯނީގެ އިސްވެރިން ފުލުހުން ދޯނި ފާސްކުރުމަށް ދޯންޏަށް އެރުމުގެ ފުރުސަތު ދިނެވެ. އެހެންނަމަވެސް ފުލުހުން އެދެމުން ދިޔައީ ދޫނިދޫއަށް ދިޔުމަށެވެ. އަދި ދޯނި ފާސްކުރެވޭނީ ދޫނިދޫއަށް ގެންގޮސްގެން ކަމަށް ފުލުހުން ބުނަމުން ދިޔައެވެ. އެމީހުންގެ ވާހަކަތަކަށް ދޯނީގެ އިސްފަރާތަކުން އިޖާބައެއް ނުދިނެވެ. ދަތުރުގެ ބައިވެރިން އެދެމުން ދިޔައީ ދޯނި ދުއްވުމަށެވެ. އޭރު އަހަރުމެން ތިބީ މާލެ ފެންނަ ހިސާބްގައެވެ. ހަވީރު4:30 ވެދާނެއެވެ. ދޯނި އަނެއްކާވެސް މަޑުނުކޮށް ނައްޓާލިއެވެ. ފުލުހުންގެ ލޯންޗްވެސް އަހަރުމެންނާއި އެއްވަރަކަށް ދުއްވަމުން އައެވެ. ރާޅުގަނޑު ބޭރާއި ހަމައަށް އަހަރުމެންނަށް ދެވުމުން ކޯސްޓްގާޑް އަބުރާ ހިގައްޖެއެވެ. ރާޅުގަނޑު ބޭރުން ފުލުހުންގެ ލޯންޗް ދޯނީގެ ކުރިމަތިން ހުރަސްއަޅައި ދޯނި ހުއްޓުވައިފިއެވެ. އަނެއްކާވެސް ދޫނިދޫއަށް ދިއުމަށް އަންގަމުންދިޔައެވެ. ދަތުރުގެ ބައިވެރިން ދޫނިދޫއަށް ދާކަށް ނުޖެހޭނެ ކަމަށާއި މިނިވަންކަމާއި އެކު ދަތުރުކުރުމުގެ މިނިވަންކަން ލިބިގެންވާކަމަށް ގޮވަމުން ދިޔައެވެ، އަދި ފުލުހުންނާއި ދެތެރޭ ނުރުހުން ފާޅުކުރުމުގެ އެކި އެކި ޝޫއޫރު ފާޅުކުރަމުން ގެންދިޔައެވެ.

ހިވާގޮތުން އޭރު ގަޑިން 5 ޖަހައިފާނެއެވެ. ދޯނި އޮތީ ރާޅުގަނާއި ގާތްގަނޑަކަށް 500 ފޫޓް ބޭރުގައެވެ. ރާޅުގަނޑު ބަރާވާވަރަށް މީހުން ޖަމާވެފައިއޮތެވެ. ރާޅުގަނޑުގައި ތިބި މީހުންނަށް ދޯނީގައި ޖަހާފައިވާ ދިދަތައް ފެނުމުން އިންސާފްގެ ދަތުރުގެ ބައިވެރިކަން އެގުނެވެ. އަދި އަހަރުމެންނަށް ހަނާއަޅަމުން ދިޔައެވެ. ރާޅުގަނޑުގައި ތިބި އެމް.ޑީ.ޕީގެ ސަޕޯޓަރުން ފެނުމުން ދޯނީގައި ތިބި ބައިވެރިންނަށް ވަރަށް ބޮޑު ޖޯޝަކާއި ހިތްވަރެއް ލިބިއްޖެއެވެ. ދޯނި މިސްރާބްޖެހީ ޓީ ޖެޓީއަށް ވަނުމަށެވެ، އޭރު ރާޅުގަނޑުގައި ތިބި އެމް.ޑީ.ޕީ ސަޕޯޓަރުންވެސް ޓީ ޖެޓީއަށް ޕިކަޕްތަކާއި ސައިކަލުތަކުގައި މިސްރާބް ޖަހައިފިއެވެ. ދޯންޏާއި އެއްވަރަކަށް އެމީހުންވެސް ބޮޑުތަކުރުފާނު މަގުން ދާތަން ފެނެއެވެ. ދޯނި ކުރިމައްޗަށް އަރައި ހުއްޓުވުމަށް ފުލުހުންގެ ދެލޯންޏުންވެސް ދިޔައީ މަސައްކަތްކުރަމުންނެވެ. އެހެންމަވެސް ދޯނި ދިޔައީ ބާރަށް ދުވަމުންނެވެ. އިސާހިތަކު ޓީ ޖެޓީއާއި ހިސާބަށް ދޯންޏަށް އާދެވިއްޖެވެ. ޓީ ޖެޓީގެ ނެރު ބަންދުކޮށްގެން ފުލުހުންގެ ލޯންޏު އޮތެވެ. ފުލުހުންގެ ލޯންޏު ފޫއަޅުވާލައިގޮސް ޓީ ޖެޓީއަށް ދޯނިވަދެއްޖެވެ. ދެން އިވެންފެށީ އުފާފާޅު ކުރުމުގެ ޝުއޫރުތަކާއި ސިފައިންނާއި ފުލުހުން އަދި ބާޤީ ސަރުކާރަށް ނުރުހުން ފާޅުކުރުމުގެ ޝުއޫރުތަކެވެ. މުޅި ޓީ ޖެޓީ އޮތީ އެމް.ޑީ.ޕީގެ ދިދަ ތަކާއި މީހުނާއިގެން ފުރިފައެވެ. ޓީ ޖެޓީގައި އަޅާފައިވާ ދޯނިތަކުގައިވެސް ތިބީ އެމް.ޑީ.ޕީ ސަޕޯޓަރުންނެވެ. އެމް. ޑީ.ޕީގެ ސަޕޯޓަރުން އިންސާފްގެ ދަތުރުގެ ބައިވެރިންނަށް ހޫނު މަރުހަބާއެއް ކިޔެވެ. އެހިސާބުން ދޯނީގެ ބައިވެރިން އިސްސާފްގެ ދަތުރާއި ގުޅުނެވެ. އޭރު ބަންގި ގޮވަނީއެވެ. އެމް.ޑީ.ޕީގެ ސަޕޯޓަރުންނާއިއެކު ޕިކަޕްތަކުގައި ދަތުރުގެ ބައިވެރިން ނައްޓާލައިފިއެވެ. މީހުންނާއި ވެހިކަލްތަކާއިހުރެ ފިޔަވަޅެއް އަޅާލާނެ ތަންކޮޅެއްވެސް އެތާގައިނެތެވެ.

މިދަތުރަކީ 17 ފެބްރުއަރީގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ފަށާފައިވާ އިންސާފްގެ ދަތުރުގައި ބައިވެރިވުމަށް ހުވަދު އަތޮޅު ގދ. ހޯނޑެއްދޫ މަޑަވެލި، ތިނަދޫ އަދި ގއ. ކޮލަމާފުށީގެ އެމް.ޑީ.ޕީގެ ބައެއް މެންބަރުން ކުރި ދަތުރެކެވެ. އިންސާފްގެ ދަތުރަކީ ރާއްޖޭގެ ޝަރުއީ ނިޒާމް ތަޤައްޔަރުވެ އަދުލުވެރިކަން ގެއްލި ކޯޓުތަކުން ނަސީބްނަންބަރެއް ހެން ހުކުމް ކޮށް ހިތުހުރިގޮތަކަށް ޝަރީއަތްކޮށް އަދުލު އިންސާފްގެއްލިފައިވާތީ އިންސާފް ހޯދުމަށް މޯލްޑިވިއަށް ޑިމޮކްރެޓިކް ޕާޓީން ފަށާފައިވާ ސުލްހަވެރި ސިޔާސީ ހަރަކާތެކެވެ. މިއީ މިހާތަނަށް ހުއްޓުމެއްނެތި ކުރިއަށްދިޔަ އެންމެ ވަރުގަދަ ސިޔާސީ ހަރަކާތެވެ. އެހެންނަމަވެސް އެއްވެ އުޅުމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ބާޤީ ސަރުކާރުން މިއަދު މިދަނީ ހުރަސްއަޅަމުންނެވެ.

މިދަތުރަކީ އެއްވެސް ހާލަތެއްގައި ކަނޑިއާއި ބަޑި ހިފައިގެން ހަގުރާމަކުރަން ކުރި ދަތުރެއް ނޫނެވެ. ހަމަނުޖެހެން ހިންގުމަށް ބޭނުންކޮށްފާނެ އާލާތްތަކެއް ދޯނީގައިނެތެވެ. މިނިވަންކަމާއި އެކު ދަތުރު ކުރަމުން ދިޔަ ދިވެހިންނާއި ބާޤީ ސަރުކާރުގެ ބާޤީ ފުލުހުންނާއި ސިފައިން ކުރިމަތިލުމަކީ ޤާނޫނު އަސާސީން ލިބިފައިވާ މިނިވަންކަމާއި އެކު ދަތުރު ކުރުމާއި ޚިޔާލުފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ނިގުޅައިގަތުމަށް ކުރެވޭ މަސައްކަތެއްކަން ސާބިތުކޮށްދެއެވެ. މިދަތުރުގެ ބައިވެރިން ދެއްކި ހިތްވަރަކީ މިދެންނެވި މިވަންކަން ހޯދުމަށްކުރި މަސައްކަތެއްކަން ޔަގީނެވެ. މިއީ ޑިމޮކްރެޓިވް ވެރިކަމަކާއި ބާޤީ ސަރުކާރަކާއި ހުރި ތަފާތު ދައްކުވައިދިން ދަތުރެކެވެ. އެމް.ޑީ.ޕީގެ ވެރިކަމުގައި އެއްވެއުޅުމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިވަންކަމަށް އެއްވެސްގޮތަކަށް ނިގުޅައިގެންފައި ނުވާނެއެވެ. ހަމަ ޔަގީނުންވެސް ލޮލުން ކައިރިން ދުއްތަނާއި އިވުނު އަޑެއް ދޮގެއް ނުކުރެވޭނެއެވެ.

މޯލާގެ ދަތުރު ނާމާގެ ޕީޑީއެފް ފައިލް