އައްޑޫ ސިޓީ ތަރައްގީ ކުރުމަށް އެމްޑީޕީން މަސައްކަތްކުރީ އެ ތަރައްގީގެ ސަބަބުން މުޅި ރާއްޖެއަށް ތަރައްގީ ލިބޭނޭ ކަން ކަށަވަރުވާތީ ކަމަށް އެމްޑީޕީގެ އެންމެ އިސްލީޑަރު އަދި ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީގެ މަރަދޫގައި ރޭ ބޭއްވި ޚާއްސަ ޖަލްސާ ގައި ރައީސް ނަޝީދު ވަނީ އައްޑޫ ސިޓީގެ ތަރައްގީއަށް އެމްޑީޕީ ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި 2008 ގެ ކުރިން އޮތް ވެރިކަމާ އެންމެ ބޮޑަށް ނުރުހުންވި އެއް ބަޔަކީ އައްޑޫގެ ރައްޔިތުން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ބަޣާވާތުން ވެރިކަމަށް އައި ބަޔަކާ ގުޅިގެން ތަރައްޤީއެއް ނުގެނެވޭނޭ ކަމަށާއި، އޭގެ ސަބަބަކީ ތަރައްޤީއަށް ބޭނުންވާ ވެރިކަމުގެ ނިޒާމް ބަޣާވާތުން ގެންނަ ވެރިކަމުގައި ނެތުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“ތަރައްޤީ ވުމުގައި، ތަރައްޤީގެ ފުރުސަތުތައް ފަހިވުމުގައި އަޅުގަނޑުމެން ހުރިހާ ރައްޔިތުންނަށް އަދުލު އިންސާފު ބޭނުން ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން އެންމެ ފުރަތަމަ ދުވަހުއްސުރެ އައީ އަޑުއުފުލަމުން. އައްޑޫ ސިޓީގެ ތަރައްގީއަށް ޓަކައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން މަސައްކަތްކުރަމުން އައީ އެ ތަރައްގީގެ ސަބަބުން މުޅިރާއްޖޭގެ ތަރައްގީ، އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންނަށް ލިބޭނޭކަން އަޅުގަނޑުމެންނަށް ކަށަވަރުވާތީ. އައްޑޫގައި އެޅޭ ނަރުދަމައެއް. އައްޑޫގައި އެޅޭ މަގެއް، އައްޑޫގައި ހެދޭ ބަނދަރެއް، އައްޑޫގައި އަޅާ އެއަރޕޯޓެއް، އެއީ މުޅިރާއްޖޭގެ ތަރައްގީއަށް، އެހީތެރިކަންފޯރުކޮށްދޭ މަގެއް ނަރުދަމައެއް ބަނދަރެއް އެއަރޕޯޓެއްކަން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ސާފުވެގެން ގޮސްފައިވާތީ.” ރައީސް ނަޝީދު ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފުލުހުންނާއި ސިފައިންގެ އެކައުންޓުތަކަށް މިލިއަނުން، މިލިއަނުން ފައިސާ ދީފައިވަނީ ކޮން ބައެއްކަން ހޯދޭނޭ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެ މަނިކުފާނު ވިދާޅުވީ މިދިޔަ އަހަރު އައްޑޫގައި ގާތްގަނޑަކަށް 70 މަޝްރޫއު ހިންގަމުންދިޔަ ކަމަށާއި އެއިން ކޮންމެ ކަމެއް ޚުދު އެމަނިކުފާނު ވަރަށް ގާތުން ބައްލަވަމުން ގެންދެވި ކަމަށެވެ. މީގެ އިތުރުން އަލުން އަނބުރާ ވެރިކަމަށް ވަޑައިގެން، ހުއްޓިފައިވާ އައްޑޫގެ ތަރައްގީގެ މަޝްރޫއުތައް ފައްޓަވައިގެން ކުރިޔަށް ގެންދަވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.