މާރިޔާ އާއި އަސްލަމްގެ ކެންޑިޑެންސީ ސައްހަ ކަމަށް އެމްޑީޕީން ބުނެފި

އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލެއްވި މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ އާއި ނައިބު ރައީސް ކަމުގެ މަގާމަށް ކުރިމަތިލެއްވި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމްގެ ކެންޑިޑެންސީ ސައްހަ ކަމަށް އެމްޑީޕީން ނިންމައިފިއެވެ.

އެމްޑީޕީން މި ގޮތަށް ނިންމީ މިއަދު ބޭއްވި އެ ޕާޓީގެ އިންތިޚާބާއި ބެހޭ ކޮމިޓީގެ ބައްދަލުވުމުގެ އިއްތިފާގުންނެވެ.

31 އޯގަސްޓް 2012 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ މި އިންތިޚާބަށް ކުރިމަތި ލުމުގެ ފުރުސަތު އިއްޔެ ހަމަވި އިރު ކުރިމަތިލައްވާފައި ވަނީ ވެސް ހަމައެކަނި މި 2 ބޭފުޅުންނެވެ.

އެމްޑީޕީގެ އިންތިޚާބާއި ބެހޭ ގަވައިދު ބުނާ ގޮތުން ރައީސް ކަމާއި ނައިބު ރައީސް ކަމުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން 300 މެންބަރުންގެ ތާޢީދުއޮތްކަން ހުށަހަޅަން ޖެހެއެވެ. މާރިޔާ 2364 ތާއީދު ފޯމު ހުށަހަޅުއްވާފައިވާ އިރު، އަސްލަމް 1946 ފޯމު ހުށަހަޅުއްވާފައިވާ ކަމަށް އެމްޑީޕީގެ އިންތިޚާބުތަކާއި ބެހޭ ކަންތައް ވިލަރެސްކުރުމުގައި ޕާޓީގެ ސެކްރެޓޭރިއަޓްގައި ހަރަކާތްތެރިވެލައްވާ ފޯކަލް ޕޮއިންޓް، އަދި އެ ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަހުމަދު އަކްރަމް މިއަދު ވިދާޅުވިއެވެ.