އެމްޑީޕީގެ ޚާއްސަ ޖަލްސާއެއް ބުރާސްފަތި ދުވަހުގެރޭ އޮންނާނޭ ކަމަށް އެ ޕާޓީގެ ޗެއަރޕާސަން ވިދާޅުވެއްޖެ

އެމްޑީޕީގެ ޚާއްސަ ޖަލްސާ އެއް މިއަންނަ ބުރާސްފަތި ދުވަހުގެރޭ އޮންނާނޭ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު މިއަދު ވިދާޅުވެއްޖެއެވެ.

އުސްފަސްގަނޑުގައި އޮންނަ މި ޖަލްސާގައި އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކާއި، އެ ޕާޓީގެ ކުރީގެ ނައިބު ރައީސް އަދި ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ސްޕެޝަލް އެންވޯއީ އިބްރާހީމް ހުސައިން ޒަކީ އާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުޙައްމަދު ޞޯލިޙް (އިބޫ) ގެ އިތުރުން ވެސް އެ ގްރޫޕްގެ ބައެއް އެހެން މެންބަރުންނާއި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައެއް މެންބަރުން ވެސް ވާހަކަފުޅުދައްކަވާނެއެވެ.

މި ޚާއްސަ ޖަލްސާގައި ރައްޔިތުންގެ މަޖިލިސް އަލަށް ހުޅުވިފައިވާއިރު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މިހާރުގެ ހާލަތާއި ބެހޭ ގޮތުން އާންމު މެންބަރުންނަށް ކޮންމެހެން ބޭނުންވާ ބައެއް މައުލޫމާތާއި، މިހާރުގެ ސިޔާސީ މަސްރަހާ ގުޅޭ މުހިންމު މައުލޫމާތުތަކެއް އެމްޑީޕީގެ ލީޑަރޝިޕުން އެ ޕާޓީގެ އާންމު މެންބަރުންނާ ހިއްސާކުރައްވާނެއެވެ.

އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކު ވިދާޅުވީ މި ޖަލްސާއަށް ފަހު ކޮންމެ ހަފްތާ ބަންދެއްގައި އެމްޑީޕީގެ މިފަދަ ޚާއްސަ ޖަލްސާތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާނޭ ކަމަށެވެ.