އުސްފަސްގަނޑު ރޫޅާނުލުމަށް ސިވިލް ކޯޓުން ކުރި ވަގުތީ އަމުރަށް ހައި ކޯޓުން ވެސް ތާއީދު ކޮށްފި

އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހިންގާ އުސްފަސްގަނޑު ރޫޅާނުލުމަށް ސިވިލް ކޯޓުން ކުރި ވަގުތީ އަމުރަށް ހައި ކޯޓުން ވެސް ތާއީދު ކޮށްފި އެވެ.

އުސްފަސްގަނޑުގެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން އެތަން ރޫޅާލުމުގެ މަސައްކަތް ނުކުރުމަށް އެކަމުގައި ޝާމިލްވާ އެންމެންގެ މައްޗަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފައިވާ އިރު، އެކަމަކީ އެމްޑީޕީއަށް އިއާދަ ނުކުރެވޭނޭ ގެއްލުމެއް ލިބިދާނޭ ކަމަކަށް ވާތީ އެކަމުގައި ޝާމިލްވާ އެންމެންގެ މައްޗަށް އެ ކޯޓުން އަމުރުކޮށްފައިވަނީ އެމްޑީޕީން ކޮށްފައިވާ ދައުވާގެ މަގުސަދަށް ހުރަސް އެޅޭނެ ފަދަ އެއްވެސް އަމަލެއް ވެސް ކޮށްގެންނުވާނެ ކަމަށެވެ. މި އަމުރަށް ތާއީދުކޮށް މިއަދު ހައި ކޯޓުން ނެރުނު ހުކުމުގައި ބުނެފައިވަނީ އުސްފަސްގަނޑު ރޫޅާނުލުމަށް ސިވިލްކޯޓުން ނެރެފައިވާ ވަގުތީ އަމުރަކީ ގާޒީއަށް ލިބިގެންވާ ބާރާއި އިޚްތިޔާރުގެ ދަށުން ނެރެފައިވާ އަމުރެއްކަމަށް ފަނޑިޔާރުން އިއްތިފާގުވާ ކަމަށެވެ.

ހައިކޯޓުން މިފަދަ އަމުރެއް ނެރެފައިމިވަނީ ފުލުހުން އުސްފަސްގަނޑު ރޫޅާލުމުން އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް ނިމެންދެން އެތަން ރޫޅާނުލުމަށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު ދައުލަތުން އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހެޅި މައްސަލަ ބެއްލެވުމަށް ފަހު އެވެ.