އެމްޑީޕީން މިދިޔަ އަހަރު އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ކެމްޕެއިނަށް

އެމްޑީޕީން މިދިޔަ އަހަރު އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ކެމްޕެއިން ކުރުމަށް ކަމަށް އެ ޕާޓީގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

މިއަދު އާންމު ކުރި އެމްޑީޕީގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އެކި ކެމްޕެއިންތަކަށް އެ ޕާޓީން ވަނީ 8 މިލިއަނަށް ވުރެ ބޮޑު ހޭދައެއް ކޮށްފައެވެ. އެ ޕާޓީން ދެވަނަ އަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މުޥައްޒަފުންގެ މުސާރައަށެވެ. 3 ވަނަ އަށް އެންމެ ބޮޑު ހޭދައެއް އެ ޕާޓީން ކޮށްފައިވަނީ ކުއްޔަށެވެ. މުވައްޒަފުންގެ މުސާރައަށް މިދިޔަ އަހަރު އެއް މިލިއަން ފަސްދޮޅަސް ފަސް ހާސް ރުފިޔާއަށް ވުރެ ބޮޑު ހޭދައެއް ކޮށްފައިވާއިރު، ކުލި ދެއްކުމަށް ވެސް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައި ވެއެވެ.

އެމްޑީޕީން ކެމްޕެއިނާއި، މުވައްޒަފުންގެ މުސާރަ އަދި ކުއްޔަށް މިހާ ބޮޑު ހޭދައެއް ކޮށްފައިވާ އިރު، އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން އެ ޕާޓީއަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ހެޔޮއެދޭ ފަރާތްތަކުން ދެއްވާ ދީލަތި އެހީ ނުވަތަ ޑޮނޭޝަންގެ ގޮތުގައެވެ. ވޭތުވެދިޔަ އަހަރު ޑޮނޭޝަންގެ ގޮތުގައި އެ ޕާޓީއަށް 11،668،272 ރުފިޔާ ލިބިފައިވެއެވެ.

އެމްޑީޕީގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ތައްޔާރުކޮށްފައިވަނީ އާރނެސްޓް އެންޑް ޔަންގ ގެ ފަރާތުންނެވެ.