އެމްޑީޕީ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަން މަގުފަހިކޮށްދިނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކެޔޮދޫ ދައިރާގެ މެންބަރު ޢަބްދުﷲ ޝާހިދު ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
މިއަދު ކުރިޔަށްދާ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ އެމްޑީޕީ ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރަމުން ދިޔަ ފަރާތްތައް މުޒާހަރާކުރީ ދީނުގެ ނަމުގައާއި، ޖީއެމްއާރު ފަދަ މައްސަލަތައް ނަގައިގެން ކަމަށް ވީހިނދު، ޖީއެމްއާރަށް އެއަރޕޯޓް ދިނުމުގައި ޢަބްދުﷲ ޝާހިދު އާއި ޑީއާރުޕީގެ ލީޑަރު އަދި ކެންދޫ ދާއިރާގެ މެންބަރު އަޙުމަދު ތަސްމީން އަލީ ރިޝްވަތު ނަންގަވާފައިވާ ކަމަށް މުޒާހަރާ ކުރި މީހުން ތުހުމަތުކުރެވިފައިވާ ކަމަށާއި، އަދި އެ ބޭފުޅުން ޖީއެމްއާރަށް އެއްބާރުލުން ދެމުން ދިޔަ ކަން ދޭހަވާ ގޮތަށް މޫސަ ވާހަކަފުޅު ދެއްކެވިއެވެ. އަދި އދ.ގެ ހިއުމަން ރައިޓްސް އެމްބެސެޑަރު ނާވީ ޕިއްލޭ އިސްލާމްދީނުގެ ޙުކުމްތަކާ ދެކޮޅަށް ވާހަކަދެއްކެވީ ރައްޔިތުންގެ މަޖިލީހުގައި އަބްދުﷲ ޝާހިދުގެ ކުރިމަތީގައި ކަމަށް މޫސަ ވިދާޅުވިއެވެ. އެހެން ކަމުން އެމްޑީޕީގެ ސަރުކާރާ ދެކޮޅަށް އޭރު މުޒާހަރާކުރި ފަރާތްތަކަށް އެކަމަށް މަގުފަހިކޮށްދެއްވީ ޢަބްދުﷲ ޝާހިދު ކަމަށް މޫސަ ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް މޫސަ ވިދާޅުވީ ވެރިކަން ބަދަލުވި ގޮތް ކޮންމެ ބަޔަކު ތަޙްގީގުކުރި ނަމަވެސް ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމަށް ކަނޑައެޅިގެން ދާނޭ ކަމަށާއި، އެ ފަދަ ހާލަތެއްގައި ދެން ރައީސް ކަމުގެ މަގާމާއި 2 މަސް ދުވަހުގެ މުއްދަތަށް ހަވާލުވެވަޑައިގަންނަވާނޭ ފަރާތަކީ މަޖިލީހުގެ ރައީސް ކަމަށް ވާތީ އެ މަގާމުގައި އިޚްލާސްތެރި ބޭފުޅަކު ހުންނަން ޖެހޭ ކަމަށެވެ.
މިއަދުގެ ބަހުސް ގައި އެމްޑީޕީގެ މެންބަރުން ޢަބްދުﷲ ޝާހިދަށް ވަރަށް ބޮޑަަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން ގެންދެވި ނަމަވެސް ބާޣީ ސަރުކާރުގައި ހިމެނޭ ޕާޓީތަކުން ގެންދަނީ ޝާހިދުގެ ދިފާއުގައި ވާހަކަދައްކަވަމުންނެވެ.
މި ބަހުސަށްފަހު ޝާހިދުގެ އިތުބާރުނެތްކަމުގެ މައްސަލައިގެ ވޯޓު މިއަދު ނަގާނެއެވެ.