އެމްޑީޕީގެ ތައުލީމާއި ބެހޭ ކޮމިޓީން ހިރިޔާގެ ޕީޓީއޭ އާ ބައްދަލުކޮށްފި

އެމްޑީޕީގެ ތައުލީމާއި ބެހޭ ކޮމިޓީން އިއްޔެ ހިރިޔާ ސްކޫލުގެ ޕީޓީއޭ އާ ބައްދަލުކޮށްފިއެވެ.

އިއްޔެ ހަވީރު ހިރިޔާ ސްކޫލުގައި ބޭއްވި މި ބައްދަލުވުމުގައި އެމްޑީޕީގެ ތައުލީމާއި ބެހޭ ކޮމިޓީގެ މުގައްރިރު އަދި ގައުމީ ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރ ޑރ.މުސްތަފާ ލުތުފީ އާއި، އެ ކޮމިޓީގެ އިތުރު 3 މެންބަރަކާއި، ހިރިޔާ ސްކޫލުގެ ޕީޓީއޭގެ އެކްސްކޯގެ 7 މެންބަރަކު ބައިވެރިވެލެއްވިއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ އެމްޑީޕީގެ ތައުލީމާއި ބެހޭ ސިޔާސަތު ކުރިޔަށް ގެންދިއުމުގައި މިހާރު ސަރުކާރާ ހަވާލުވެގެން ތިއްބެވި ފަރާތްތަކުން އަމަލުކުރަމުންދާ ގޮތާއި، އެ ސިޔާސަތުތަކަށް ގެންނަން ފެންނަ އިތުރު އިސްލާޙްތަކާއި، ތައުލީމީ ދައިރާ އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނޭ ކަންތައްތަކާއި ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށް މުސްތަފާ ލުތުފީ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ހިރިޔާގެ ޕީޓީއޭ އިން ފާހަގަކުރެއްވި ބައެއް ކަންތައްތަކުގެ ތެރޭގައި ޓީޗަރުންގެ ގާބިލް ކަމާއި ހުނަރު އިތުރުކޮށް، އެ ފަރާތްތަކަށް އެކަށީގެންވާ ގޮތުގައި މަސައްކަތް ކުރެވޭނޭ މާހައުލެއް ހޯދައި ދިނުމާއި، ދަރިވަރުންނާއި މުދައްރިސުން ކަންކަމާއި ކުރިމަތިލުމުގެ ގާބިލްކަން އިތުރުކުރުމުގެ ގޮތުން ދިރިއުޅުމުގެ ހުނަރާއި ވައްޓަފާޅި އަށަގެންނެވުމަށް ކުރެވިދާނޭ ކަންތައްތަކާއި، ވަށާޖެހޭ ތައުލީމީ ނިޒާމެއްގެ މުހިންމު ކަމާއި، ދަރިވަރުންނަށް އިތުރު ހުނަރު ހޯދައިދިނުމަށް ކުރެވިދާނޭ ކަންތައްތަކާއި ބެހޭ ގޮތުން ވެސް މަޝްވަރާކުރެވުނެވެ.

އިއްޔެ ބޭއްވި މި ބައްދަލުވުމަކީ ވަރަށް ބިނާކުރަނިވި ޚިޔާލުތަކާއި މަޝްވަރާތަކެއް ލިބިގެންދިޔަ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށް ޑރ. މުސްތަފާ ލުތުފީ ވިދާޅުވިއެވެ.