އެމްޑީޕީގެ ނަމާއި ލޯގޯ ބޭނުންކޮށްގެން ތަކެތި އުފެއްދުމަށް އުސޫލުތަކާއި ޝަރުތުތަކެއް އެމްޑީޕީން ކަނޑައަޅައިފި

އެމްޑީޕީގެ ނަމާއި ލޯގޯ ބޭނުންކޮށްގެން ތަކެތި އުފެއްދުމަށް އުސޫލުތަކާއި ޝަރުތުތަކެއް އެމްޑީޕީގެ މާލިއްޔަތާއި ޗަންދާ އާއި ބެހޭ ކޮމިޓީން ކަނޑައަޅައިފި އެވެ.

އެމްޑީޕީން ބުނީ އެޕާޓީގެ ލޯގޯއާއި ނަން ބޭނުން ކޮށްގެން އިޝްތިހާރު ކުރުމަށާއި ވިއްކުމަށް އުފައްދާ ސްވެނިއަރ އަދި އެހެނިހެން ތަކެތި އުފައްދާ އިސްތިހާރު ކުރުމާއި ވިއްކުމަކީ އެޕާޓީން އެދޭ ކަމެއް ކަމަށާއި، އެ ފަދަ ތަކެތި އުފެއްދުމުގެ ކުރިން އެތަކެތީގެ މައުލޫމާތު ލިޔުމުން ޕާޓީއަށް ފޯރުކޮށް ދިނުމާއި ޕާޓީން އެކަމަށް އިއުތިރާޒް ނުކުރާ ކަމުގެ ލިޔުމެއް ހޯއްދެވުމަކީ ދެފަރާތަށް ވެސް މަންފާ ކުރާނެ ކަމަކަށް ވާތީ އެ އުސޫލުން ކަންކުރެއްވުމަށް އެ ޕާޓީން އެދޭ ކަމަށެވެ.

އެމްޑީޕީގެ ލޯގޯއާއި ނަން ބޭނުންކޮށްގެން ވިއްކާ ތަކެތިން، ވިއްކާ އަގުގެ %5 ވިއްކަން ފެށުމުގެ ކުރިން އެމްޑީޕީއަށް ދިނުމަކީ އެ ޕާޓީއަށް އެހީތެރި ވުމުގެ ގޮތުން ކޮށްދެވޭ ކަމެއްކަމުގައި ބަލައިގަނެ ވޭނޭ ކަމަށާއި، އެ ޕާޓީގެ ނަމާއި ލޯގޯ އާއި ކުލަ ބޭނުން ކުރަންވާނީ ގާނޫނީ ގޮތުން އެމްޑީޕީން ރަޖިސްޓްރީ ކޮށްފައިވާ ނަމާއި ލޯގޯ އާއި ކުލަ ކަމަށާއި، އަދި އެމްޑީޕީގެ ނަމާއި ލޯގޯ އާއި ކުލަ ބޭނުން ކޮށްގެން އުފައްދަންވާނީ އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ގާނޫނު ހުއްދަ ކުރާ ތަކެތި ކަމަށް ވާންޖެހޭނޭ ކަމަށް ވެސް އެމްޑީޕީން ބުނެއެވެ. އެ ނޫން ގޮތަކަށް އަމަލު ކޮށްގެން ދިމާވާ ކަމެއްގެ ފުރިހަމަ ޒިންމާ އެ ތަކެތި އުފެއްދި ފަރާތަކުން ނަގަންޖެހޭނޭ ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީގެ ލޯގޯ އާއި ނަން ބޭނުން ކޮށްގެން މިގޮތަށް އުފައްދާ ތަކެތީގެ ރަޖިސްޓްރީއެއް އެޕާޓީން ބަލަހައްޓާނެއެވެ. އަދި މިފަދަ ތަކެތި އުފައްދާ ވިއްކާ ފަރާތްތަކަށް އެ ޕާޓީން އާންމުކޮށް ބަޔާން ކޮށްފައިވާ ކަންކަމަށް ހުއްދައަށް އެދޭ ފަރާތުން އިއުތިރާޒް ނުކުރާކަމަށް އިގްރާރުވެ ސޮއި ކުރުމަށް ފަހު، އެ މުއާމަލާތެއް ހިންގުމަށް ޕާޓީން އިއުތިރާޒް ނުކުރާ ކަމުގެ ލިޔުމެއް ދެވޭނެއެވެ.

އެމްޑީޕީގެ ނަމާއި ލޯގޯ އަދި ކުލަ ބޭނުން ކޮށްގެން ތަކެތި އުފެއްދުމާއި ވިއްކުމުގެ އިޒުނައަށް އެދޭ ފޯމް

އެމްޑީޕީގެ ލޯގޯއާއި ނަން ބޭނުން ކޮށްގެން ތަކެތި އުފައްދާ ވިއްކުމާމެދު އިއުތިރާޒް ނެތް ކަމުގެ ލިޔުން