ރައްޔިތުންގެ ތާއީދު ހޯދަން ބޭނުން ވަނީ ރައްޔިތުން ހައްލައިގެނެއް ނޫން – ރައީސް ނަޝީދު

ރައްޔިތުންގެ ތާއީދު ހޯދަން ބޭނުންވަނީ ރައްޔިތުން ހައްލައިގެން ނުވަތަ ރައްޔިތުންނަށް ބިރު ދައްކައިގެން ނޫން ކަމަށް އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ދާއިމީ ކޮމިޓީތަކުގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް މާލެ ސިޓީ ހޯލުގައި އިއްޔެ ބޭއްވި އެއް ދުވަހުގެ މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ރޭ އިތުރަށް ވިދާޅުވީ ރައްޔިތުންގެ ތާޢީދު އެމްޑީޕީން ހޯދަން ބޭނުންވަނީ ހައްލައިގެން ބިރުދައްކައިގެން ނޫން ކަމަށާއި، އެމްޑީޕީން އެދޭ ގޮތަކީ ރައްޔިތުންގެ ކައިރިއަށް ގޮސް، އެ ރައްޔިތުން އެދޭ ގޮތްތަކަކީ ކޮބައިތޯ ދެނަގަނެ އަދި އެ ގޮތްތަކަށް ސަރުކާރެއް ހިންގާނޭ ސިޔާސަތުތަކެއް އެކުލަވާލައި އެ ސިޔާސަތުތައް ރައްޔިތުންނަށް ހުށަހަޅައި އެ ސިޔާސަތުތައް ރައްޔިތުން ބަލައިގަތީތީވެ ރައްޔިތުން ދޭ ވޯޓަކުން ސަރުކާރެއް އުފެއްދުމަށް ކަމަށް ވިދާޅުވިއެވެ.

ގައުމެއް ބިނާކޮށް ތަރައްގީ ކުރުމަށް އެ ގައުމަކަށް އުމްރާނީ ތަރައްގީ ބޭނުންވާ ފަދައިން ސިޔާސީ ޕާޓީތަކުގެ އިންފްރާސްޓްރަކްޗަރ ހަރުދަނާ ގޮތުގައި ގާއިމްކުރުމަކީ ވެސް އެ ގައުމަކަށް ވަރަށް މުހިއްމު ކަމެއް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމްޑީޕީއާ އެއް ވަރަށް ޕާޓީ ބިނާކުރުމުގެ މަސައްކަތްކުރާ އެހެން އެއްވެސް ޕާޓީއެއް ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިއްތިފާގުން އިއްޔެ ދިމާވެފައި ވަނީ ރާއްޖޭގައި ސިޔާސީ ޕާޓީ އުފައްދައި ހިންގުމުގެ ހުއްދަ އޭރުގެ ސަރުކާރުން ދިންތާ 7 އަހަރު ފުރުނު ދުވަސް ކަމަށް ވިދާޅުވިއެވެ. އަދި ގައުމެއްގެ ތަރައްގީއަށް ބޭނުންވަނީ ހަމަ އެކަނި ކޮންކްރީޓް ތަރައްގީ ނޫން ކަމަށާއި، އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ ހައްގަކީ އަބަދުވެސް ލިބިދީފައި އޮތް ހައްގެއް ކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް އެ ގާނޫނު އަސާސީން ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހައްގު ލިބިދީފައި ނެތް ކަމަށް އޭރުގެ ސަރުކާރުން ބުނުމަށް ފަހު، ގާނޫނު އަސާސީ އަލުން މުރާޖައާ ކުރުމަށްފަހު ކަމަށް ބުނެ، ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަ ދީފައިވަނީ ހަމަ އެ ގާނޫނު އަސާސީގެ ދަށުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“ފުރަތަމަ ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް ނޫ ގާނޫނު އަސާސީގެ ދަށުން ހުށަހެޅުމުން އެއިރުގަ ފެނިފައި އޮތީ އެގޮތަށް ތަން ނުދޭ ކަމަށް. ހަމަ އެ ގާނޫނު އަސާސީގެ ދަށުން އަޅުގަނޑުމެންނަށް އައިސް މުރާޖާ ކުރެއްވުމަށްފަހު ކަމަށް ވިދާޅުވެ ސިޔާސީ ޕާޓީ ހެދުމުގެ ހުއްދަ ލިބިގެން އައީ.” ރައީސް ނަޝީދު ވިދާޅުވިއެވެ.

ގައުމެއް ބިނާކުރުމުގައި އެންމެ މުހިންމު އެއް މުޥައްސަސާ އަކީ ސިޔާސީ ޕާޓީ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ހިންގުން ހަރުދަނާވާން ޖެހޭ ކަމަށް ވިދާޅުވެ ވަކި ޕާޓީއަކަށް މީހަކު ގެންދަން ވީމާ މަގާމު އުފެއްދުމާއި އުވާލުން ބައެއް ޕާޓީތަކުގައި އޮންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރޭގެ ރަސްމިއްޔާތުގައި މަސައްކަތު ބައްދަލުވުމުގެ ބައިވެރިންނަށް ޝުކުރުގެ ސިޓީ ހަވާލުކޮށް ދެއްވިއެވެ. ބައިވެރިންނަށް ސިޓީ ހަވާލުކޮށް ދެއްވީ އެމްޑީޕީގެ އިސް ލީޑަރު ރައީސް ނަޝީދެވެ.

މި ރަސްމިއްޔާތު ތައާރަފް ކުރެއްވުމުގެ ގޮތުން ވާހަކަދެއްކެވީ މަސައްކަތު ބައްދަލުވުމުގެ ވިލަރެސް ވެރިޔާ ގައުމީ ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރ ޑރ. މުސްތަފާ ލުތުފީ އެވެ. އަދި މަސައްކަތު ބައްދަލުވުން ހިނގައިދިޔަ ގޮތާ ބެހޭ ގޮތުން އެ މަސައްކަތު ބައްދަލުވުން އިންތިޒާމްކުރެއްވި ޕޮލިސީ ކޮމިޓީގެ މުގައްރިރު، ރައީސް ނަޝީދުގެ ކެބިނެޓްގެ ސިވިލްއޭވިއޭޝަން މިނިސްޓަރ މަޙްމޫދު ރާޒީ ވާހަކަދެއްކެވި އިރު، ޝުކުރު ދެންނެވުމުގެ ގޮތުން ކެމްޕެއިން ކޮމިޓީގެ މެންބަރު ޚަދީޖާ އަބޫބަކުރު (އާނިޔަތު) ވެސް ވާހަކަދެއްކެވި އެވެ.