މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ނެރުއްވާ ނޫސް ބަޔާން

1 ޖޫން 2012 ވަނަ ދުވަހުގެ ރޭ މެންދަމު 1.45 ހާއިރު ފުލުހުން ކަމަށް ބުނާ ބަޔަކު، ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑު ތަމްސީލްކުރާ މާފަންނު އުތުރު ދައިރާއަށް ނިސްބަތްވާ މ. ފެންފޯއްމާ (މ.ޏަމްޏަމް) އައިޝަތު ޖެނިފާ، އާސަހަރާ ސަރަހައްދުން އަޅުގަނޑުގެ ލޯ ކުރިމަތިން ފޭރިގަނެ، ޖަހައިގަނެގެން ގެއްލުވާލި މައްސަލަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.

ފުލުހުންގެ ޔުނީފޯރމުގައި ތިބި ބަޔަކު ކާރެއްގައި މުޅިރޭ ހަތަރުދަމު އޭނާއަށް ފާރަލައި، ފަހަތުން އަޅުވާލައިގެން އުޅުމަށްފަހު، ފުލުހުންގެ ޔުނީފޯރމުގައި ތިބި ފަންސަވީހަކަށް މީހުން އާ ސަހަރާގެ އިރަށް އޮންނަ މަގުން ޖެނިފާ ހިފަހައްޓައި، ގެންދިޔައިރު ސަބަބު ބަޔާންކޮށްދީފައި ނުވާތީ އާއި ކޯޓު އަމުރެއް ދައްކާފައިނުވާތީ އާއި، ފުލުހުންގެ ޔުނީފޯރމްގައި ހުންނަންޖެހޭ ނޭމް ޓެގް އެއިން އެކަކުގެ ވެސް ނެތުމުން ގާނޫނުގައި އެކަން އޮންނަ ގޮތް އެމީހުންނަށް އަޅުގަނޑާއި ޖެނީފާ އޮޅުންފިލުވައިދިނުމުން ވެސް އެކަމަށް ޖަވާބުދާރީ ވުމެއް ނެތި، އެތައް ބައެއްގެ ކުރިމަތީގައި ޖެނިފާގެ ފޯނު ވެސް އަތުލައި، އޭނާ ޖަހައިގަނެ، ފޭރިގަނެގެން ގެއްލުވާލާފައިވާތީ މިކަމާ ނިހާޔަތަށް ކަންބޮޑުވުން ފާޅުކުރަމެވެ. އަދި އޭނާ އެ ގޮތަށް ގެއްލުވާލި ސަބަބެއް ކަމަށް ފަހުން އޭނާއަށް ލިއުމުން އަންގާފައިވަނީ “ސިހުރު ހާހޫރު ހަދާ ކަމަށް ތުހުމަތުކުރެވިގެން” ކަމަށެވެ.

ވީމާ މިފަދަ ތާކުންތާކު ނުޖެހޭ ކަމެއްގައި، ފުލުހުންގެ ޔުނީފޯރމުގައި ތިބި 25 އަކަށް މީހުން މުޅިރޭ އަންހެނަކަށް ފާރަލައި ބިރުދައްކައި، ފުލުހުންގެ ވަސީލަތްތަކާއި، ވަގުތު ބޭކާރުކޮށް، ކޯޓު އަމުރަކާއި ނުލައި، ގެންދާ ސަބަބު ބަޔާން ނުކޮށް، ފުލުހުންގެ ޔުނީފޯރމްގައި ހުންނަން ޖެހޭ ނޭމް ޓެގް ވެސް ނެތި، ގާނޫނު އަސާސީ އާއި ފުލުހުންގެ ޤާނޫނާ މުޅިން ޚިލާފަށް ހިންގި މި ޖަރީމާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަދި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުންނާއި ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން މި މައްސަލަ ވަގުތުން ބައްލަވައިދެއްވައި ފިޔަވަޅު އެޅުއްވުމަށް އެފަރާތްތަކަށް ވެސް ގޮވާލަމެވެ.


ބަޔާން ނެރުނީ:
އިމްތިޔާޒް ފަހުމީ
ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު
7777852

މަތީގައިވާ ބަޔާނާ ގުޅޭ އިތުރު ތަފްސީލް:

މިކަން ހިނގައިދިޔަ ގޮތަކީ ރޭގައި އައިޝަތު ޖެނިފާ ގޮސް އައިސް ހެދި ކޮންމެ ދިމާލަކަށް އޭނާގެ ފަހަތުގައި ޕޮލިސް ކާރެއް ފާރަލައި އަޅުވާލައިގެން އުޅެ، އެންމެ ފަހުން އޭނާ އާސަހަރާގައި އޮތް ޖަނާޒާ އަކަށް ދިއުމުން އެ ސަހަރާ ކައިރިއަށް ވެސް އެ ކާރު ގޮސް، އަދި އޭނާ ސަހަރާއިން ނިކުމެ އެނބުރި އަންނަ ކޮންމެ ފަހަރަކު ހަމަ އެ ގޮތަށް އަމަލުކޮށްފައިވާ ކަން އޭނާއަށް ފާހަގަކުރެވިގެން، އަޅުގަނޑު އެ ޖަނާޒާއަށް ދިއުމުން އޭނާ އަޅުގަނޑަށް އެ ވާހަކަ ކިޔައިދީފައި ވަނިކޮށް، އަޅުގަނޑުގެ ލޯ ކުރިމަތީގައި ވެސް ހަމަ އެ ގޮތަށް އެކަން ތަކުރާރުކޮށްފައިވެއެވެ. އަދި މި ކާރާއި އެކުގައި ސައިކަލެއްގައި އިން މީހަކު ވެސް ހަރަކާތްތެރިވަމުން ދިޔައެވެ.

އާސަހަރާގެ އިރަށް އޮންނަ މަގަށް އަޅުގަނޑާއި ޖެނިފާ ނުކުތުމުން އެ ކާރު އެ މަގަށް އައިސް އޮއްވައި، އަޅުގަނޑުމެން ދެ މީހުން އެ ކާރު ކައިރިއަށް ގޮސް ބެލިއިރު، އެ ކާރުގައި ތިބީ ފުލުހުންގެ އޮޕަރޭޝަން ޔުނީފޯރމްގައި ތިބި 2 މީހެކެވެ. އަދި ބިރުދައްކާ އުސޫލުން އެ މީހުން ޖެނިފާގެ ފަހަތުން ފާރަލައި، އަޅުވާލައިގެން އުޅެނީ ކީއްވެތޯ އަޅުގަނޑު އެ މީހުންނާ ސުވާލުކުރިތަނާ އެ މީހުން ފޯނުން ގުޅައިގެން ވަގުތުން އެތަނަށް ފުލުހުންގެ ވޭނެއްގައާއި ސައިކަލެއްގައި ފުލުހުންގެ ޔުނީފޯރމްގައި ތިބި ފަންސަވީހަކަށް މީހުން ގެނެސް އެ ވޭނަށް ޖެނިފާ އެރުމަށް އަމުރުކުރިއެވެ.

ފުލުހުންގެ ޔުނީފޯރމުގައި ތިބި ބަޔަކު ކާރެއްގައި މުޅިރޭ ހަތަރުދަމު އޭނާއަށް ފާރަލައި، ފަހަތުން އަޅުވާލައިގެން އުޅުމަށްފަހު، ފުލުހުންގެ ޔުނީފޯރމުގައި ތިބި ފަންސަވީހަކަށް މީހުން އާ ސަހަރާގެ އިރަށް އޮންނަ މަގުން ޖެނިފާ ހިފަހައްޓައި، ގެންދަންއުޅުނު އިރު ސަބަބު ބަޔާންކޮށްދީފައި ނުވާތީ އާއި ކޯޓު އަމުރެއް ދައްކާފައިނުވާތީ އާއި، ފުލުހުންގެ ޔުނީފޯރމްގައި ހުންނަންޖެހޭ ނޭމް ޓެގް އެއިން އެކަކުގެ ވެސް ނެތުމުން ގާނޫނުގައި އެކަން އޮންނަ ގޮތް އެމީހުންނަށް އަޅުގަނޑާއި ޖެނީފާ އޮޅުންފިލުވައިދިނުމުން ވެސް އެކަމަށް ޖަވާބުދާރީ ވުމެއް ނެތި، އެތައް ބައެއްގެ ކުރިމަތީގައި ޖެނިފާގެ ފޯނު ވެސް އަތުލައި، އޭނާ ޖަހައިގަނެ، ފޭރިގަނެގެން ގެއްލުވާލާފައިވާތީ މިކަމާ ނިހާޔަތަށް ކަންބޮޑުވުން ފާޅުކުރަމެވެ. މާލޭގެ މަގުމަތީގައި ރޯމާދުވާލު ކަޓަރު އަޅުވައި މީހުން މެރުމުގެ ޖަރީމާތަށް ހިންގާ ހިންގުން ބެލުމުގެ ކުޅަދާނަކަމާއި ޤާބިލުކަން ލިބިފައިނުވާ ފުލުނުންގެ ހުރިހާ ވަގުތުތަކާއި ވަސީލަތެއް ރޭގައި ބޭނުންކޮށްގެން، އެމެރިކާގެ އެފް.ބީ.އައި އިން “ކޭޓް މާ ބާރކާ” އަތުލައިގަތުމަށް ހިންގިފަދަ އޮޕަރޭޝަނެއް ހިންގާފައިވުމީ ފުލުހުންގެ މުޅި މުވައްސަސާ ލަދުވެތިވާންޖެހޭކަމެކެވެ. އަދި ޖެނިފާ އެ ގޮތަށް ގެއްލުވާލި ސަބަބެއް ކަމަށް ފަހުން އޭނާއަށް ލިއުމުން އަންގާފައިވަނީ “ސިހުރު ހާހޫރު ހަދާ ކަމަށް ތުހުމަތުކުރެވިގެން” ކަމަށެވެ