ކުރީގެ ނައިބު ރައީސް ބޮޑު ތިލަދުންމައްޗަށް ކުރާ ދަތުރާއި ގުޅިގެން އެމްޑީޕީ މެންބަރުން ހައްޔަރުކުރަމުން އެބަދޭ

ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ބޮޑު ތިލަދުންމައްޗަށް ކުރާ ދަތުރާއި ގުޅިގެން އެމްޑީޕީ މެންބަރުން ހައްޔަރުކުރަމުން އެބަގެންދެއެވެ.

އެމްޑީޕީގެ އޮފިޝަލަކު ވިދާޅުވީ ވަހީދު ދަތުރުކުރައްވާ ރަށްރަށުގައި އެމްޑީޕީއަށް ސަޕޯޓްކުރާ ގިނަ އަދަދެއްގެ ބަޔަކު ނިކުމެ ބާޣީ ސަރުކާރާ ދެކޮޅު ޝުއޫރު ފާޅުކުރަމުންދާ ކަމަށާއި، އަދި އެ ފަރާތްތަކަށް ފުލުހުން ހުރަސްއަޅައި އެ ރަށްރަށުން މީހުން ހައްޔަރުކުރަމުންދާ ކަމަށެވެ. އެ ގޮތުން އެމްޑީޕީއަށް ބޮޑު ސަޕޯޓެއް އޮންނަ އިހަވަންދޫ އިން 14 މީހުން ، ހޯރަފުށިން 2 މީހަކު އަދި ދިއްދޫ އިން 25 ވަރަކަށް މީހުން ހައްޔަރުކޮށް، އޭގެ ތެރެއިން ބައެއް މީހުންގެ މުއްދަތު އިތުރުކޮށްދީފައިވާ ކަމަށް ވެސް އެމްޑީޕީގެ އޮފިޝަލް ވިދާޅުވިއެވެ.

7 ފެބްރުއަރީގައި ގެނައި ބަޣާވާތަށް ފަހު ވަހީދު ރާއްޖޭގެ އަތޮޅުތަކަށް ކުރާ ދަތުރުތަކުގައި ރައްޔިތުން ނިކުމެ ބާޣީ ސަރުކާރާ ދެކޮޅަށް އަޑުއުފުލުން އާންމު ކަމަކަށްވެފައިވާއިރު، އެކަށީގެންނުވާ ބާރުގެ ބޭނުންކޮށް ފުލުހުން ރަށްރަށުގެ ރައްޔިތުން ހައްޔަރުކުރުން ވެސް ވަނީ އާންމު ކަމަކަށް ވެފައެވެ. މީގެ ތެރޭގައި ކައުންސިލަރުން ވެސް ހިމެނެއެވެ.