ބާޣީންގެ އަމާޒަކީ ކޮބާ؟

ފުނަމާ

އެމްޑީޕީގެ ވެރިކަމުގައި ރައީސް ނަޝީދު ދިވެހިރާއްޖެއަށް ގެންނަވަމުން ގެންދެވި ކުރިއެރުންތަކާއި ރައްޔިތުންނަށް ދެއްވަމުން ގެންދެވި ޢިނާޔަތްތައް ފެނުމާ ތިމާމެންގެ އަތުން ވެރިކަން ބީވެގޮސް ކުރީގެ އަރާމާއި ލައްޒަތު ގެއްލުމުގެ ސަބަބުން ރުޅިއާއި ނަފުރަތާއި، ހަސަދަ އިން ފުރިފައިވާ ތިރީސްއަހަރުގެ އަނިޔާވެރީން ކޮންމެ ދުވަހަކު ސައްލާކޮށް އެންމެފަހުން ފުލުހުންނާއި ސިފައިންނަށް ރިޝްވަތު ދީގެން ނުކުމެ އެމްޑީޕީގެ ވެރިކަން މިވަނީ ބަދަލުކޮށް އަލުން ވެރިކަމުގެ ބާރުތައް ފޭރިގެންފައެވެ. ކިތަންމެ ވަރަކަށް ފޮރުވާން އުޅުނެއް ކަމަކު މިއަދު މިގައުމުގައި މިހިންގަނީ ކުރީގެ ތިރީސްއަހަރުގެ އަނިޔާވެރި ވެރިކަމުގެ ވަށްޓަފާޅިއާއި މުޅީން އެއްގޮތް މިލިޓަރީ ވެރިކަމެއްކަން އެއްދުވަހުން އަނެއް ދުވަހަށް މިދަނީ ޔަގީންވެ ސާބިތު ވަމުންނެވެ.

ފެބުރުއަރީ މަހުގެ ހަތްވަނަ ދުވަހު މިގައުމަށް ގަނައި ބަޣާވާތުގެ އަޑީގައި ތިބީ ކޮންބައެއް ކަމާއި، އޭގެ ކުރީންވެސް މިގޮތަށް ވެރިކަން ވަށްޓާލައި އަލުން ބާރުގެ ބޭނުން ކޮށްގެން އެމްޑީޕީގެ ވެރީންނާއި މެންބަރުން މަރައި ހުސްކުރާނެ ކަމުގައި ގޮވަމުން ގެންދިޔަ އަޑުތައް ނީވޭ ކަންފަތެއް ގައިމުވެސް މިގައުމަކު ނުވާނެއެވެ. މިއަދު އެމީހުން ކިތަންމެ ފުށްޕާފައި މިގައުމުގެ ވެރީންނަކީ ތިމަންނާ މެންނޭ ގޮވިއެއް ކަމަކު އެމީހުންނަކީ ލުޓޭރުން ނޫންކަމަކަށް ނުހެދޭނެއެވެ. ލުއްޗާއިންގެ ސިކުނޑި އެހުރީ ހަމަކުރީގެވެސް އަނިޔާވެރިކަމުގެ ތެރެއަށް ދިވެހީން އެނބުރި ގެންގޮސް ރާއްޖެއިން ޑިމޮކްރަސީ ފޮހެލައި ދިވެހިރައްޔިތުން ބިރުގަންނުވައި، ފިއްތައި، އަޅުދާސް ކޮށްގެން ގެންގުޅުމަށެވެ. ވެރިކަމުގެ އާރާއި ބާރަކީ ރައްޔިތުން ބިރުގަންނުވައި ތިމާމެންގެ މުޅިއުމުރު އެގޮނޑިތަކުގައި ވެޑުވި ތިބުން ކަމުގައި ހެދުމުގެ މައްޗަށެވެ. މިކަމުގައި މީހުންގެ ކުރިމައްޗަށް ވެރިއަކީ ކާކުކަން ދައްކާން ކަޅުކާޅެއް ނެރެގެން އުޅުނެއް ކަމަކު މިއަދުގެ މިއަނިޔާވެރިކަމުގެ މުގުލުގައިވާ ހިޔަޅު ސިކުނޑިއަކީ ކާކުގެ ސިކުނޑިއެއް އެންމެންނަށްވެސް އެބައެނގެއެވެ.

ފެންނާންހުރި ހެކިތަކާއި މަންޒަރުތަކަށް ބަލާލުމުން ފެބުރުއަރީ 7ވަނަ ދުވަހު ވެރިކަން ވަށްޓާލުމަށް ރާވައި އެދުވަހު ރައީސް ނަޝީދަށް އިސްތިއުފާ ދިނުމަށް މަޖުބޫރުކޮށް އެމަނިކުފާނުން އަޅުވެތިކޮށް އެކުޅުނު ޑުރާމާގެ ދިއެންޑު އައުމުގެ އެތަކެއް ގަޑިއިރު ކުރީން ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުގެ މަށްޗަށާއި ދައުލަތުގެ މީޑިޔާ، އަދި ގައުމުގެ މައިދޮރާށި ކަމުގައިވާ އިމިގްރޭޝަންގެ މައްޗަށް ބާޣީން ވެރިވެ ގަތްކަމީ ފޮރުވޭންނެތް ހަގީގަތެކެވެ. ފުލުހުންނާއި ސިފައިގެ ތެރެއިން މަދުބަޔަކު ނުކުމެ ދައުލަތުގެ މުދަލާއި އިމާރާތްތަކާއި ދިވެހި ރައްޔިތުން ތަކަކާއި ދައުލަތުގެ އިސްވެރީން ތަކަކަށް ބޮޑެތި އަނިޔާތަކެއް ކުރިކަމީ އިތުރު ތަހުގީގަކާ ނުލައިވެސް ސާބިތު ކުރެވޭންއޮތް ހަގީގަތެކެވެ. މިކަންކަމުގެ މައްޗަށް ކިތަންމެ ވަރަކަށް ފަސްއަޅާން އުޅުނަސް އެކަމެއް ފޮރުވޭކަށް ނެތެވެ.

ބާޣީ ކާޅު ” ތިމަންނާ އޮތީ ނިދާބޭސް ކައިގެން ހޭނުލެވިފަޔޭ ، ގައުމުގައި އެދުވަހު ކަންތައްތަކެއް ހިނގައި ގައުމުގެ އިންތިޚާބީ ރައީސް އިސްތިއުފާ ދެއްވިކަމެއް ނޭނގެޔޭ ” ބުނުމަކީ ހުއްޖަތެއް ކަމުގައި ބެލޭނެ އެއްވެސް ހަމައެއް ގައިމުވެސް ނޯންނާނެއެވެ. ވެރިކަން ލިބުނީއޭބުނެ ހުވާކުރުމާއެކު ، ފުލުހުންނާއި ސިފައިންގެ ފަރާތުން ރައްޔިތުންނަށް ޖަވާބުދާރީ ވާނެ ވަޒީރަކު ކަނޑަނާޅައި އެމީހުން ނެރެގެން ރަށްޔިތުންތަކެއް މަރައި ހަފުސްކުރާން އުޅުނު އުޅުމާ ، މަޖުބޫރުކޮށްގެން ވެރިކަމުން ދުރުކުރި ރައީސުލްޖުމްހޫރިއްޔާ ފާޅުގައި މަރާލުމަށް ދިން ހަމަލާތަކަކީ ދިވެހީންގެ ލޯތަކަށް ފޮރުވޭންނެތް ހަގީގަތްތަކެވެ. ކޮންމެ ކުއަރީ ކޮމިޝަނެއް ހެދިޔަސް މިކަންކަން ބެލެންޖެހޭނެއެވެ.

ތިމަންނާ ކުރާނީ ގާނޫނީ އިމުގެ ތެރޭގައި ހުރެގެން ގާނޫނީ ވެރިކަމެކޭ، ބަޣާވާތެއް ގެނައިކަމެއް ނޭނގެޔޭ ކަރުބުޑުން ގޮވައި ހިތައި ދެކޮޅަށް ނަމަވެސް ” ބަޣާވާތެއް ގެނައިކަމަށް ސާބިތު ވެއްޖެނަމަ ވެރިކަން އަނބުރައި ހަވާލުކުރާނަމޭ ބާޣީ ކާޅު ބުންޏެއް ކަމަކު މިގެނެވުނީ ބަޣާވާތެއް ކަމާއި ، ގައުމުގެ އިންތިޚާގީ ރައީސްގެ ނައިބެއްގެ ގޮތުގައި ހުރެގެން އެއްފަހަރަށްވުރެ ގިނަފަހަރު ބާޣީންނާއި އެކުގައި ހިލާލީގޭގައި ސިއްރު ބައްދަލުވުންތައް ބާއްވައި ގައުމު ހިލާލެވުނުކަން އެކަލޭގެ ދުނިޔެއިން މޮޔަވެފައި ހުއްޓެއް ކަމަކު ހަމަ އެނގޭނެތާއެވެ. އަދި މިއަދު ކޯޓުތަކުގެ އަމުރުތަކަށްވެސް ތަބާނުވެ އެހެރަ ހިންގަމުން ގެންދާ ހަޑިމުޑުދާރު އަމަލުތަކަކީ ފޮރުވޭނެ ކަންކަމެއް ނޫނެވެ. އޭސީސީގެ އޮފިޝަލުން އަނދިރި ކޮޓަރިތަކުގައި ތަޅުލައި ބަންދުކޮށް ޅިޔަނުގެ އޮރިޔާން ނިވާކުރާން އެހެރަ ތެޅުނު ތެޅުންވެސް އެއޮތީ ފަޅާއަރާފައެވެ. މިކަންކަން ވަންހަނާ ކުރުމަށް ޔަހޫދީންގެ އެހީތެރިކަން ހޯދަން އުޅުނެއްކަމަކު ބާޣީކާޅުގެ އޮރިޔާން ނިވާކުރެވޭނެ ހަމަ އެންމެ ފޮތިކޮޅެއްވެސް ނުލިބި މިއަދު މުޅިދުނިޔޭގެ ކުރިމަތީގައި ބާޣީކަލޯ އެހެރީ އޮރިޔާން ހާލުގައި ދިމާލަށް ފެންނާށެވެ.

ވެރިކަމުގައި ރައީސް ނަޝީދު ހުންނަވަނިކޮށްވެސް އެމަނިކުފާނުންގެ ފުރާނަފުޅު ދުއްވާލުމަށް ރާވައި އެތަކެއް ކަންކަން ހިންގައި އެންމެ ފަހުން ވެރިކަމުން ގަދަކަމުން ބާލައި އެކިގޮތްގޮތަށް އެމަނިކުފާނުން ނައްތާލުމަށް ކުރިމަސައްކަތްތައް ކާމިޔާބުނުވެ އެމްޑީޕީގެ ކުރިމަތިލުންތަކުގެ ކުރިމަތީގައި ހިފަހައްޓާ ނުލެވޭނެކަން އެނގުމުން މިއަދު ދެން ޔަގީނުންވެސް މިފެންނަނީ ބާޣީންގެ ދެލޯމުދުނަށް އަރައި ކެހެނިއަޅައިގެން ތެޅި ރޯނާވާތަނެވެ. އަމަޔެއް ލަމަޔެެއް ، ގާނޫނެއް ، އަމުރެއް ، ބަލައިނުލައި ހިތުހުރި ގޮތަކަށް ރައްޔިތުންނާއި އިދިކޮޅަށް ދައުލަތުގެ ބާރުތައް ބޭނުންކޮށް މީހުންގެ މުދާތައް ލޫޓުވާލާތަނެވެ. ” ތިމަންނާ މެންނާ އިދިކޮޅަށް ބަހެއްބުނި ކޮންމެ މީހަކު ނައްތާލައި އެމީހެއްގެ ދިރިއުޅުން ހަފުސް ކޮށްލާނަމޭ ފާޅުގައި ބުނާއަޑެވެ. އެމްޑީޕީގެ އެންމެހައި މެންބަރުން ވަގުތުން ހިފައި ހައްޔަރުކޮށް އެމީހުން ޖަލުތަކުގައި މަރައި ހުސްކުރާނެ ކަމުގެ ހުވާ ގަދައަޑުން ކުރާތަނެވެ.

މިއަދު ފެންނަމުންދާ ހަގީގަތަކީ ބާޣީންގެ ރޭވުންތައް އެމީހުން ނިންމި ނިންމުމާ އެއްގޮތައް ކާމިޔާބުކުރުމަކީ ދަތިކަމަކަށް ވެގެންއުޅޭ ކަމެވެ. ހީކުރި ވަރަށްވުރެ އެމްޑީޕީގެ ސަފުތައް ވަރުގަދަ ކަމެވެ. އެމްޑީޕީގެ އެތެރެ ބައިބައި ކޮށްލުމަށް ކުރިހައި މަސައްކަތް ބޭކާރުވެ ދިޔަކަމެވެ. ދުނިޔޭގެ ރުހުމާއި ތާއީދު ބާޣީންނަށް ނުހޯދުނުކަމެވެ. އެންމެފަހުން އިތުރަށް ރުޅިއާއި ހަސަދައިން ފުރިގެން މިއަދު އެތިބީ ފުއްޕާފައި ނުކުމެ އެމީހުންގެ އަސްލު ސިފައިގައެވެ. ބާޣީންނާއި ކުރިމަތިލީ ކޮންމެ ދިވެހި ރައްޔިތަކު މަރައި ނިންމާލުމަށް ކަމަރު ބަނދެގެންނެވެ. މިގޮތް ކާމިޔާބުކުރުމަށް އުނދަގޫ ވެއްޖެނަމަ ދެންއޮންނާނީ އަވަސްގޮތަކަށް މިގައުމު ވިއްކާލައި ލިބޭ ބޮނޑިވަރު ހިފައިގެން ފިލުމެވެ. އެކަމަށް ތައްޔާރުވެ ބޭރުގައުމުތަކުން ގެދޮރުގަނެ ވާންވީ ތައްޔާރީތައް އެދަނީ ވަމުންނެވެ. އެންމެފަހުން ރައީސް ނަޝީދާއި އެމްޑީޕީގެ ހުރިހައި މެންބަރުން މަރައި ހުސްނުކުރެވިއްޖެ ނަމަ ދެން މިގައުމު ބާޣީ ސިފައިންނާއި ފުލުހުންނާއި ހަވާލުކޮށް ރަސްމީކޮށް މިލިޓަރީ އިއުލާނު ކުރުމަށްފަހު ބާޣީންގެ އިސްވެރީން ގައުމުން ފިލައިގެން ބަޗައިގެން ދާނެއެވެ. އެކަމަށް ކުރެވެންހުރި ހުރިހައި ކަމެއް މިހާރު އެގެންދަނީ ކުރަމުންނެވެ. ދިވެހި އެންމެހައި ރައްޔިތުން ފިސާރި ރަނގަޅަށް މިކަމަށް ސަމާލުވެ ގައުމާއި ރައްޔިތުންގެ ދިފާޢުގައި ބާޣީންނާއި އިދިކޮޅަށް ނުކުމެ މިގައުމު ސަލާމަތް ކުރާންވީ ވަގުތު މިވަނީ އައިސްފައެވެ.