ޑީޑީ އާއި އަލްހާން އަދި ޝާހު އެމްޑީޕީއަށް ކޮށްދެއްވި މަސައްކަތަށް ޝުކުރު ދަންނަވަން – ރީކޯ މޫސަ

އެމްޑީޕީގެ އަސާސީ ގަވައިދާ އެއްގޮތަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ގަރާރަކުން މަގާމުން ވަކިކޮށްފައިވާ އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހީމް ދީދީ އާއި، ނައިބު ރައީސް ކަމުން ވަކިކޮށްފައިވާ އަލްހާން ފަހުމީ އަދި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމް ފުރުއްވި ޙަސަން ޝާހު މިއަދު އެ ޕާޓީން ވަކިވުމާ ގުޅިގެން އެ ބޭފުޅުން އެމްޑީޕީއަށް ކޮށްދެއްވި މަސައްކަތްތަކަށް އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ޝުކުރު އަދާކުރައްވައިފިއެވެ.

ޑީޑީއާއި އަލްހާން އަދި ޝާހު މިއަދު އެމްޑީޕީން ވަކިވުމާ ގުޅިގެން އެމްޑީޕީ ވެބްސައިޓަށް ދެއްވި ބަސްދީގަތުމެއްގައި މޫސަ ވިދާޅުވީ އެމްޑީޕީއަކީ ހަރުދަނާ ސިޔާސީ ލީޑަރުން އުފެއްދެވި، ޑިމޮކްރަސީގެ އަސްލުތަކާއި އުސޫލުތައް ރާއްޖޭގައި ގާއިމްކުރުމަށް މަސައްކަތްކުރާ، ރާއްޖޭގެ އެހެން ޕާޓީތަކަށް ނަމޫނާ ޕާޓީ އެއް ކަމަށެވެ. އަދި މިއަދު އެމްޑީޕީން ވަކިވެވަޑައިގެންނެވި 3 ބޭފުޅުން ދެން ގުޅިވަޑައިގަންނަވާ ޕާޓީއެއް ގައި އިޚްލާސްތެރިކަމާ ވަފާތެރިކަމާއެކު އެ ޕާޓީއެއްގެ ލާބައާއި މަންފާއަށް މަސައްކަތްކޮށް ދެއްވާނޭ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

ޑީޑީއާއި އަލްހާން އަދި ޝާހު އެމްޑީޕީން ވަކިވެވަޑައިގެންފައިވާކަން އިއުލާން ކުރެއްވީ މިއަދު ނަލަހިޔާގައި ބޭއްވި ނޫސް ކޮންފަރެންސެއްގައެވެ.