އެމްޑީޕީގެ މުޒާހަރާގައި ފުލުހުން މުއާމަލާތުކޮށްފައިވަނީ ރަގަޅަށް ކަމަށް އެޗްއާރުސީއެމުން ބުނި ބުނުން އެމްޑީޕީން ކުށްވެރިކޮށްފި

އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހިންގާ އުސްފަސްގަނޑު ގަދަކަމުން ބާޣީ ސަރުކާރުގެ ފުލުހުން ރޫޅާލަން އުޅުމުން އެކަމާ ދެކޮޅަށް އެމްޑީޕީން ކުރި މުޒާހަރާގައި ފުލުހުން މުޒާހަރާގެ ބައިވެރިންނާ މުއާމަލާތުކޮށްފައިވަނީ ރަގަޅަށް ކަމަށް އެޗްއާރުސީއެމުން ބުނި ބުނުން އެމްޑީޕީން މިއަދު ކުށްވެރިކޮށްފިއެވެ.

މިއަދު މެންދުރުފަހު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި އެ ޕާޓީގެ ސްޕޯކްސްޕާސަން އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ އެމްޑީޕީގެ އިންސާފުގެ މައިދާނުގެ ގޮތުގައި މިހާރު ބޭނުންކުރަމުންދާ އުސްފަސްގަނޑު ރޫޅާލުމުގައި ފުލުހުން ވަނީ އެކަށީގެން ނުވާ ވަރަށް ބާރުގެ ބޭނުންކޮށް އެމްޑީޕީގެ މެންބަރުންނާ މެދު ވަރަށް ބޮޑަށް އަނިޔާވެރިވެފައި ކަމަށެވެ. އަދި ހަތިޔާރެއް ނެތް އާންމު ރައްޔިތުންނާ ދެކޮޅަށް ފުލުހުން މިފަދަ ޖަރީމާތައް ހިންގާއިރު، އެޗްއާރުސީއެމަށް އެތަން ނުފެންނާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އިންތި ވިދާޅުވިއެވެ.

“ސުލްހަ ވެރިކަމާއެކު އިހުތިޖާޖު ކުރި ބަޔަކަށް އެތައް ބައިވަރު އަނިޔާކޮށް އެއްވެސް ކަމަކާ ނުލައި ހައްޔަރުކޮށް ވަރަށް ގިނަ އަނިޔާ ތަކެއް ކޮށްފައިވޭ. 56 މީހުންނަށް ވުރެ ގިނަ މީހުން ހައްޔަރުކުރިކަން އެނގުނު. އެކަން އެގޮތަށް ވެފައިވާއިރު ހިއުމަން ރައިޓްސް ކޮމިޝަނުން މި ހާމަކުރައްވަނީ އެދުވަހު ފުލުހުން އަމަލު ކުރައްވާފައިވަނީ ރަނގަޅަށޭ. ފުލުހުންގެ ފަރާތުން ހަޑި ހުތުރު ވާހަކައެއް ވެސް މުއާމަލާތެއް ކޮށްފައެއް ނުވެއޭ،” އިންތި ވިދާޅުވި އެވެ.
އިންތި ވަނީ ރާއްޖެޓީވީގެ ކެމެރާމަން ފަހުދުގެ ސީދާ ލޮލަށް އަމާޒުކޮށް ވަރަށް ކައިރިން ފުލުހަކު ޕެޕަރސްޕްރޭ ޖެހި މަންޒަރު ހިމެނޭ ފޮޓޯއެއް ނޫސްވެރިންނަށް ދައްކާފައެވެ. އަދި ފުލުހުން ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންދިޔަ މަގުމަތީގައި މީހަކަށް އަނިޔާކޮށްފައިވާ ފޮޓޯއެއް ވެސް އިންތި ނޫސްވެރިންނަށް ދެއްކެވިއެވެ.

އުސްފަސްގަނޑު ރޫޅާލުމާ ދެކޮޅަށް ކުރި މުޒާހަރާއަކުން ހައްޔަރުކޮށްގެން ގެންދިޔަ މީހުންނަކީ މަސްތުވާ ތަކެތީގެ ތުހުމަތުގައި ގެންދިޔަ މީހުންނަށް ނުވާއިރު، އެ އެންމެންގެ ކުޑަކަމުދާ ތަކެތި ޓެސްޓްކުރަން ފުލުހުން އުޅުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް ވެސް އިންތި ވިދާޅުވިއެވެ.

އެޗްއާރުސީއެމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި މިއަދުގެ ނޫސްކޮންފަރެންސް ގައި އިންތި އިތުރަށް ވިދާޅުވީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މާ ބޮޑެތި ޖަމާޢަތްތައް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާޢަތްތަކުން ވެސް ދިވެހި ފުލުހުންގެ ލާއިންސާނީ އަމަލުތައް ކުށްވެރިކުރާއިރު، އެޗްއާރުސީއެމް އަށް ފުލުހުންގެ އަނިޔާވެރިކަން ނުފެންނާތީ ކަންބޮޑުވާ ކަމަށް ވިދާޅުވިއެވެ.