އަޅުގަނޑެއް ތިޔަ ބޭފުޅުންނަކަަށް ހައްޔަރެއް ނުކުރެވޭނެ. އޭގެ މާކުރިން ތިޔަ ބޭފުޅުން ހައްޔަރުވާނެ – ރައީސް ނަޝީދު

އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހައްޔަރުނުކުރެވޭނޭ ކަމަށާއި، އޭގެ މާކުރިން ބަޣާވާތް ގެނެސްގެން ގަދަ ކަމުން ވެރިކަމަށް އައި ފަރާތްތައް ހައްޔަރުކުރެވޭނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ނިއުޒީލޭންޑްގެ ވެލިންގޓަން ގައި މިމަހުގެ 27 ން 29 ގެ ނިޔަލަށް ބޭއްވި އިންޓަރނޭޝަނަލް ޑިމޮކްރެޓިކް ޔޫނިއަންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފަހު މާލެ ވަޑައިގެން ރޭ އުސްފަސްގަނޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެމްޑީޕީން އަބަދުވެސް ތިބޭނީ ރައްޔިތުންނާ އެކުގައި ކަމަށާއި، އެމްޑީޕީ އަތުން އުސްފަސްގަނޑު އަތުނުލެވޭނޭ ކަމަށެވެ. އަދި އަނިޔާވެރިކަމުން މިގައުމު ސަލާމަތްކުރެވޭނޭ ކަމަށާއި، ބަޣާވާތްކުރި މީހުންގެ މައްސަލަ އިންކުއިރީ ކޮމިޝަނުން ތަހުގީގުކުރުމަށްފަހު، އެ މީހުން ހިފާހައްޔަރުކުރެވޭނޭ ކަމަށް ވެސް އެމަނިކުފާނު ކުރު ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވިއެވެ.

ރޭ ރާއްޖެ ވަޑައިގެން ފޮރިންއެފެއަރޒް ކުރިމަތީގައި އެމަނިކުފާނުގެ އިސްތިގްބާލުގައި ތިއްބެވި އެތައް ސަތޭކަ ސަޕޯޓަރުންނާ ބައްދަލުކުރެއްވުމަށްފަހު، ރައީސް ނަޝީދު ހިންގަވާފައި ވަޑައިގަތީ ސިފައިން ލައްވައި ފުލުހުން ސުންނާފަތިކޮށްފައިވާ އުސްފަސްގަނޑަށެވެ. އެތަނަށް ވަޑައިގެން އެމްޑީޕީގެ ބޮޑު ދިދަ ރައީސް ނަޝީދު އަލުން ނަންގަވައިދެއްވިއެވެ.