ފުލުހުން އެންމެ ފަހުން އުސްފަސްގަނޑު ދޫކޮށްލައިފި

ބާޣީ ސަރުކާރުގެ ފުލުހުން އެންމެ ފަހުން މިއަދު އުސްފަސްގަނޑު ދޫކޮށްލައިފިއެވެ.

ޤާނޫނާއި ޚިލާފަށް ކޯޓުއަމުރެއްނެތި އުސްފަންގަނޑު ހުސްކުރަން ފުލުހުން އިއްޔެ މަސައްކަތްކުރުމުން އެކަން ހުއްޓުވުމަށް އެމްޑީޕީން ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ކޯޓުން ގޮތެއް ނިންމަންދެން އެ ސަރަހައްދު އެއްވެސް ފަރާތަކާއި ހަވާލު ނުކުރާނެ ކަމަށާއި ސަރހައްދު ބަލަހައްޓާނީ ފުލުހުން ކަމަށް ބުނުމަށްފަހު މި ވަގުތަށް ބަލަން ބޭނުންވާ ވަރަށް ބަލައި ނިމުނީ ކަމަށް ބުނެ ފުލުހުން ވަނީ މިއަދު އުސްފަސްގަނޑު ދޫކޮށްފައެވެ.

ކޯޓުގެ ނިންމުމަށް ގޮންޖެހުމަށްފަހު އުސްފަސްގަނޑު ރޭ 10 ޖެހި އިރު ސިފައިން ބޭނުންކޮށްގެން ފުލުހުން ވަނީ ރޫޅާލަން ފަށާފައެވެ. ނަމަވެސް ރޭ 10. 30 ހާއިރު ސިވިލް ކޯޓުން އުސްފަސްގަނޑު ރޫޅާނުލުމުގެ ވަގުތީ އަމުރު ނެރުމާ ގުޅިގެން އޭގެ އިރުކޮޅެއް ފަހުން ފުލުހުންނަށް ވަނީ ރައްޔިތުންގެ ކުރިމަތީގައި ހަތިޔާރު ބަހައްޓަން ޖެހިފައެވެ.

އުސްފަސްގަނޑު ދޫކޮށް ފުލުހުން މިއަދު ދިއުމުން އެމްޑީޕީން މިއަދު މެންދުރު ފަހު ވަނީ އެޕާޓީގެ އެއްވުމެއް އެ ތަނުގައި ބާއްވާފައެވެ. މި އެއްވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙުމަދު ދީދީ ވިދާޅުވީ އުސްފަސްގަނޑަށް އިތުރު ބަދަލެއް ގެންނަން ފެނިވަޑައިނުގަންނަވާ ކަމަށާއި، އެންމެ ރަގަޅު ގޮތެއް ކަމަށް އެކަމަނާއަށް ފެނިވަޑައިގަންނަވަނީ ފުލުހުންގެ ޖަރީމާގެ ހަނދާނެއްގެ ގޮތުން އެއްވެސް ބަދަލެއް ނުގެނެސް، ސިފައިން ބޭނުންކޮށްގެން ފުލުހުން އުސްފަސްގަނޑު ރޫޅާލާފައި އޮތް ގޮތަށް އެތަން ބޭއްވުން ކަމަށެވެ.